އިރާނުން މުއްސަނދިކޮށްފައިވާ ނިއުކްލިއަރ މާއްދާތަކުގެ އެއްވެސް މިންވަރެއް ގައުމުން ބޭރަށް ނުގެންދެވޭނެ ކަމަށާއި، އެއީ އިރާނުގެ ރައްޔިތުންގެ ގައުމީ މުއްސަނދިކަމެއް ކަމަށް އެ ގައުމުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރެޒާއީ ވިދާޅުވެއްޖެއެވެ.
އިރާނާއި އެމެރިކާއާ ދެމެދު ސުލްހަ އަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތެހެރާނަށް ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އަސިމް މުނީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރެޒާއީ ވިދާޅުވީ، އިރާނުން މުއްސަނދިކޮށްފައިވާ ނިއުކްލިއަރ މާއްދާތަކަކީ ގައުމުގެ އެތެރޭގައި ބޭނުންކުރުމަށް ހުރި ތަކެތި ކަމަށެވެ. އަދި އެމެރިކާއިން އިރާނުގެ އިތުބާރު ހޯދުމަށްޓަކައި ފިޔަވަޅުތަކެއް ނާޅާހާ ހިނދަކު އެއްވެސް މަޝްވަރާއެއް ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިތުބާރު ގާއިމުކުރުމުގެ މަރުހަލާ ފެށެންޖެހޭނީ އިރާނުން ހުށަހަޅާފައިވާ ޝަރުތުތައް އެމެރިކާއިން ފުރިހަމަކުރުމުން ކަމަށްވެސް ރެޒާއީ ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ ސިފައިންގެ ވެރިޔާއާ ބައްދަލުކުރައްވައި އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފްވެސް ވަނީ މިގޮތަށް ވާހަކަތަކެއް ދައްކަވާފައެވެ. ގާލިބާފް ވިދާޅުވީ އިރާނުން ހުށަހަޅާފައިވާ ހަތް ޝަރުތު ފުރިހަމަނުކުރަނީސް އެމެރިކާއަށް އިރާނުގެ އިތުބާރު ނުހޯދޭނެ ކަމަށެވެ. އަދި އެމެރިކާއިން ދޭ އިންޒާރުތަކާއި ހިންގާ ސިފައިންގެ ހަރަކާތްތަކުގެ ސަބަބުން އިރާނުގެ ނިންމުންތަކަށް ބަދަލެއް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިރާނުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި މެދުއިރުމަތީގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި، ބޭރު ގައުމުތަކުގައި ފްރީޒްކޮށްފައިވާ އިރާނުގެ މާލީ ވަސީލަތްތައް ދޫކޮށްލުމުގެ އިތުރުން، އެ ގައުމުގެ ތެލުގެ ސިނާއަތާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނެއެވެ.




