ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގެ އައު ބާބެއް ފެށިއްޖެ: ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ފެށިގެން މިދިޔައީ ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއް ކަމަށާއި، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާނެ އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުން އެމަނިކުފާނަށާއި ދިވެހި ވަފުދަށް ދެއްވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ނުހަނު ޝުކުރުއަދާކުރައްވާފައެވެ.

ރާއްޖެއާއި ޕާކިސްތާނުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރިގެންދާ މި ދަނޑިވަޅުގައި، ދެ ޤައުމުގެ ގުޅުމަކީ ދީނީގޮތުންނާއި އެކުވެރި އަޚްވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވި، ސިޔާސީ، އިޤުތިސާދީ އަދި ސަގާފީ ސްޓްރެޓެޖީގެ މައިދާނުގައި އައު އުސްމިންތަކަކަށް ވާސިލުވެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މުހިންމު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުންތައް ޢަމަލީ ސިފައިގައި ތަންފީޒުކޮށް ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުމަކީ މައިގަނޑު އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްސަކޮށް، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ދެ ޤައުމުގެ ވިޔަފާރިއާއި އިޤުތިސާދީ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާއަށް، ޚާއްސަކޮށް ހަލާލު ޓޫރިޒަމަށް ބޮޑެތި ކުރިއރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއެކު ބޭއްވެވި މަޝްވަރާތަކުގައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސާއި، ޑިޖިޓަލް އަދި ޓެކްނޮލޮޖީގެ އިތުރުން ސިއްޙީ ދާއިރާއިން ދިވެހި ދަރިވަރުންނަށާއި ފަންނުވެރިންނަށް ފުރުސަތުތައް ފުޅާކުރުމަށް މަޝްވަރާކުރެވުނު ކަމަށް ވިދާޅުވިއެވެ. ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމުގެ ދަށުން އެމްބީބީއެސްގެ ފުރުސަތުތައް އިތުރުކުރުމާއި، ދިވެހި ޑޮކްޓަރުންނަށް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ދެ ޤައުމުގެ ލީޑަރުންގެ މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި ސަރަހައްދީ ހަމަޖެހުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މެދުއިރުމަތީގެ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކުޑަކުރުމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ކުރަމުންދާ ސިޔާސީ މަސައްކަތްތަކަށް ރައީސް ވަނީ ތަޢުރީފު ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!