ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާއީ ދާއިރާއާއި، ސިއްހީ ދާއިރާގެ އިތުރުން އައިޓީ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު 20 މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އާއި އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް މުއިއްޒާއި ޕާކިސްތާނުގެ ބޑުވަޒީރު ޝެހެބާޒް ޝަރީފްގެ ހާޒިރުގައެވެ.
ގައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ދިފާއީ އެއްބާރުލުން ދިނުމުގެ އެމްއޯޔޫގެ އިތުރުން، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ސިފައިންނާއި ސަލާމަތީ އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށްވެސް ދެ ގައުމުގެ ދެމެދުގައި ވަނީ އެއްބަސްވެފައެވެ.
އިޖުތިމާއީ އަދި ސިއްހީ ދާއިރާއަށް ބަލާއިރު، ސިއްހީ ދާއިރާއާއި ބެހާ އެމްއޯޔޫއެއްގެ އިތުރުން ސިއްހީ ދާއިރާގެ ފަންނީ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި ސޯޝަލް ޕްރޮޓެކްޝަންގެ ދާއިރާއިން އެއްބާރުލުން ދިނުމަށްވެސް ވަނީ ސޮއިކުރެވިފައެވެ.
ތައުލީމާއި ތަމްރީނުގެ ދާއިރާއިން ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއާއި ޕާކިސްތާނުގެ ހަޔާ އެޑިއުކޭޝަން ކޮމިޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު، ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑެމީއާ ދެމެދުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ކާނާ އަދި އެހެން އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމަށް އެސްޓީއޯއާއި ޕާކިސްތާނުގެ ޓްރޭޑިންގ ކޯޕަރޭޝަނާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި، މަސްވެރިކަން، ޓޫރިޒަމް، ވައިގެ ދަތުރުފަތުރު އަދި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
ސިވިލް ސާވިސްގެ ދާއިރާއަށް ބަލާއިރު، ރާއްޖޭގެ ސިވިލް ސާވިސްއާއި ޕާކިސްތާނުގެ ސިވިލް ސާވިސްގެ އިތުރުން އެ ގައުމުގެ ފެޑަރަލް ސާވިސްއާ ދެމެދު ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރު، ސަގާފަތް، ފަންނީ އަދި ތާރީޚީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫތަކެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.



