ތަރުޖަމާނަކަށް ރީތި އަންހެނުން ނުހޯދުމަށް ޓްރަމްޕަށް ނަސޭހަތް ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމުގައި އެންމެ ފަސް ދުވަހު ހުރުމަށްފަހު ކޭޓީ ޒަކާރިއާ މަގާމުން ވަކިކުރުމާ ގުޅިގެން، އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރާއިރު އެމީހާގެ ރީތި ކަމަށް ބެލުމުގެ ބަދަލުގައި މަސައްކަތުގެ ޤާބިލުކަމަށް އިސްކަންދިނުމަށް ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ އިލްތިމާސްކުރައްވައިފިއެވެ.

ޒަކާރިއާއަކީ މީގެ ކުރިން ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމުގެ ސީނިއާ ކޮމިއުނިކޭޝަންސް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ މީސް މީޑިއާގައި މަގުބޫލުކަން ހޯއްދެވި ނަމަވެސް، އޯގަސްޓް މަހުގެ ނިޔަލަށް އެ މަގާމުގައި ހުރި ކެރޮލީން ލީވިޓްގެ ދަރިފުޅު ބަލަން ވަގުތު ދިނުމަށް މަގާމުން ވަކިވުމުން އެ މަގާމަށް އައްޔަންކުރި ޒަކާރިއާ ވަނީ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން 15 މިނެޓުވެސް ނުވަނީސް ނިންމާލާފައެވެ. އެ ބައްދަލުވުމުގައި ލިޔުމެއް ބަލައިގެން ކިޔަމުން ގޮސް އަމިއްލަ ފިރިމީހާއަށް "މައި ޕްރެޒިޑެންޓް" އޭ ވިދާޅުވެވުމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އޮސްޓްރޭލިއާގެ އައުޓްލެޓެއް ކަމަށްވާ "ނިއުސް24″ އަށް ދެއްވި އިންޓަވިއުއެއްގައި ނޫސްވެރިޔާ އެންޑްރޫ ބޯލްޓް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސްޕައިސާ ވިދާޅުވީ، ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތުތަކަށް ވަކާލާތުކުރުމުގައި ޒަކާރިއާ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް، މީހާގެ ރީތިކަމާއި ވަފާތެރިކަމަކީ ޖަރުޖުމާނުގެ މަގާމުގެ އެންމެ 20 އިންސައްތަ ކަމަށާއި، ހަމައެކަނި އެ ކަންކަމަށް އިސްކަންދީގެން މަގާމުތަކަށް މީހުން އައްޔަންކުރުމާ މެދު ޓްރަމްޕް ވިސްނަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސްޕައިސާ އިތުރަށް ވިދާޅުވީ، މީޑިއާއާ މުއާމަލާތްކުރުމުގެ ލޮޖިސްޓިކަލް އިންތިޒާމުތައް ބެލެހެއްޓުމާއި ސަރުކާރު ހިންގުމުގެ އަސާސީ އުސޫލުތައް އެނގުމަކީ މި މަގާމަށް އަންނަ މީހެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތަކެއް ކަމަށެވެ.

"ސަރުކާރު ހިންގާ ގޮތުގެ އަސާސީ މައުލޫމާތެއް ނެތި، އަދި ނޫސްވެރިންގެ މައިދާނުގައި މަސައްކަތްކޮށްފައި ނެތް ނަމަ، މިއީ އެމީހަކަށް އެންމެ އެކަށީގެންވާ މަގާމަކަށް ނުވެދާނެ،" 2017 ވަނަ އަހަރުގެ ޖުލައި މަހު ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވި ސްޕައިސާ ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތުގައި 27 އަހަރު ހޭދަކުރެއްވި ސްޕައިސާ ސިފަކުރެއްވި ގޮތުގައި، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމަކީ އޭނާ ހަޔާތުގައިވެސް އަދާކުރެއްވި އެންމެ އުނދަގޫ އަދި ޕްރެޝަރު ބޮޑު މަގާމެވެ.

ހިއްސާ ކުރައްވާ!