އެމެރިކާގެ ޢުމުރުން 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް އަންނަ އަހަރު ސްޕޭސްއެކްސްގެ ހިއްސާއެއް ހިލޭ ދޭނެ ކަމަށް އެ ކުންފުނީގެ ވެރިޔާ އީލޮން މަސްކް އިއުލާނު ކޮށްފިއެވެ. އޭއައި ޓެކްނޮލޮޖީގެ ސަބަބުން ވަޒީފާތަކަށް އަންނަ ނުރައްކަލުގެ ބިރުވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ހުށަހެޅި މި ހުށަހެޅުމުގެ އަގު ޖުމްލަ 10.7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސޯޝަލް މީޑިއާގައި ޙިއްޞާކުރި ޕޯސްޓެއްގައި މަސްކް ބުނީ, "އަންނަ އަހަރު އަޅުގަނޑު ވާނެ އެމެރިކާގެ ކޮންމެ ކުއްޖަކަށް ސްޕޭސްއެކްސްގެ ހިއްސާއެއް ދޭން ނިންމާފަ, އަދި މިއީ މިފަދަ ގިނަ ކަންތައްތަކެއްގެ ފެށުން" ކަމަށެވެ. ޖައްވީ ޚިދުމަތްތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ ސްޕޭސްއެކްސް ކުންފުނީގެ ޖުމްލަ އަގު 2 ޓްރިލިއަން ޑޮލަރަށް އަރައެވެ. އަދި މިދިޔަ ހަފުތާގެ ބާޒާރު ބަންދުވިއިރު އެ ކުންފުނީގެ ހިއްސާއެއް ވިއްކާފައިވަނީ 146 ޑޮލަރުގައެވެ.
އެމެރިކާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން, އެ ޤައުމުގައި 18 އަހަރުން ދަށުގެ 73 މިލިއަނަށްވުރެ ގިނަ ކުޑަކުދިން އެބަތިއްބެވެ. މި ހިއްސާތައް ބަހާނެ ގޮތުގެ ޤަވާއިދުތަކާއި އުސޫލުތައް އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެ، މި މަޝްރޫޢުގެ ދަށުން ކޮންމެ ކުއްޖަކަށް ހިއްސާއެއް ދިނުމަށް 10.7 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
މި އިއުލާނުކުރުން އައިސްފައިވަނީ އޭއައި ޚިދުމަތްދޭ އެންތުރޮޕިކް ކުންފުނިން, އެ ކުންފުނީގެ ހިއްސާގެ %5 (48 ބިލިއަން ޑޮލަރުގެ އަގުހުރި ހިއްސާ) ޢާންމު ފައިދާއަށް މަސައްކަތްކުރާ ފަންޑަކަށް ހަދާނެ ކަން އިޢުލާނުކުރުމާ ގުޅިގެންނެވެ. އެ ފަންޑުގެ މަޤުޞަދަކީ އޭއައި ޓެކްނޮލޮޖީގެ ސަބަބުން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ނަމަވެސް މަސްކް ބުނީ ފަންޑުތަކަށް ފައިސާލުމުގެ ބަދަލުގައި ސީދާ ޢާންމު ރައްޔިތުންނަށް ހިއްސާ ބަހައިލުން މާ ރަނގަޅުވާނެ ކަމަށެވެ.




