trum
trum

ނަތަންޔާހޫގެ ނުލަފާކަމަށް ޓްރަމްޕް ތައުރީފު ކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލުގެ ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫ އަލުން އިންތިޚާބުކުރުމަށް ތާއީދުކުރައްވައި، އީރާނުގެ މައްސަލައިގައި އޭނާ ދެއްކި ކަމަށް ބުނާ ލީޑަރޝިޕަށް ތަޢުރީފުކުރައްވާފައެވެ. އަދި އިޒްރޭލުގެ ވެރިކަމުގައި ހުންނަންޖެހޭނީ ނަތަންޔާހޫ ފަދަ ނުލަފާ މީހެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ "ހަނގުރާމައަށް ފެން ބޮވައިގެންފައިވާ ބޮޑުވަޒީރެއް" އަދި ޚާއްޞަކޮށް އީރާނާ ދެކޮޅަށް ހިންގާ ކުރިމަތިލުންތަކުގައި "ނުލަފާ ބައިވެރިއެއް" ކަމަށް ބުނެ ތަޢުރީފުކުރައްވާފައެވެ. އިޒްރޭލާއި އެމެރިކާއަށް އީރާނުން ދެމެހެއްޓެނިވި ގޮތެއްގައި ސާބިތުކަން ދައްކާ ހިތްވަރު ފާހަގަކުރައްވަމުން، އީރާނުން ކިޔަމުންދާ "51 އަހަރުވީ ގޮވާލުން" ކަމަށްވާ "އިޒްރޭލަށް މަރު، އެމެރިކާއަށް މަރު! އަހަރެމެން ކުޑަ ޝައިޠާނާއާއި ބޮޑު ޝައިޠާނާ ހަލާކުކޮށްލާނަން" މި ޝިއާރު ޓްރަމްޕްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އެތައް އަހަރެއް ވަންދެން މިފަދަ އިންޒާރުތަކަކަށް ކެތްކޮށްގެން އޮންނާނީ ކޮން ޤައުމެއްތޯ ސުވާލުުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މިފަދަ ވާހަކަތައް އެންމެ ފަހުން ޢަމަލަށް ބަދަލުވާނެ ކަމަށާއި، އީރާނުން އެ އިންޒާރުތައް ތަންފީޛުކުރުމަކީ ހަމައެކަނި ވަގުތުގެ މައްސަލައެއް ކަމަށެވެ. އަދި ޢަސްކަރީ ގޮތުންނާއި މާލީ ގޮތުން އެކި ފްރަންޓްތަކުގައި އީރާނަށް އެމެރިކާއިން ދިން ހަމަލަތައް އޭނާ ފާހަގަ ކުރެއްވިއެވެ،. އެއާއެކުވެސް އީރާނުން ވަނީ ސާބިތުކަން ދައްކައި އެމރިކާ ގިއްގަޅުވާލާފައެވެ.

ޓްރަމްޕް ވިދާޅުވީ އީރާނުގައި އަދިވެސް ހަކަތަ އެބަ ހުރި ކަމަށާއި ތެހެރާނުން އަވަހަށް އެމެރިކާއަށް ދީލާ ނުލައިފިނަމަ އެމެރިކާއާއި އެކުވެރި ޤައުމުތަކުން "އީރާން އަވަހަށް ނިންމާލާނެ" ކަމަށް އިންޒާރު ދެއްވިއެވެ.

ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، ނަތަންޔާހޫއަށް އޭނާ ކުރާ ތާއީދަކީ ހަމައެކަނި ޚުޘާމަދު ކުރުމަށް ދައްކާ ވާހަކައެއް ނޫނެވެ. އަދި ޓްރަމްޕް ބުނީ އިޒްރޭލުން ސުލްހައަށް ލޯބި ކުރާ ވެރިއަކު އިޚްތިޔާރުކުރުމުން އީރާނާމެދު ވޮޝިންގޓަންއިން ގެންގުޅޭ ސިޔާސަތަށް ސީދާ އަސަރުކުރާނެއެވެ. އިޒްރޭލުން ނަތަންޔާހޫ ފިޔަވައި އޭނާއަށް ވުރެން ލަފާ މީހަކު އިންތިޚާބުކޮށްފިނަމަ، އެމެރިކާއަށް އީރާނާ ދެކޮޅަށް އެކަނި ކުރިމަތިލާން ޖެހިދާނެ ކަމަށް އިންޒާރު ދެއްވިއެވެ. "އަޅުގަނޑު އެގޮތަށް ކަންތައް ކުރާކަށް ބޭނުމެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ.

މި ބަޔާނުގައި ބޮޑުބައެއް ޚާއްޞަކޮށްފައިވަނީ ސިޔާސީ ފިއްތުންތަކުގެ ތެރޭގައި ނަތަންޔާހޫ ދެއްކި ނުލަފާ އަނިޔާވެރިކަމަށް ތައުރީފު ކުރާށެވެ. އެއީ "ނުލަފާ ވަރުގަދަ، ކެރޭ، އަދި ކުޅަދާނަ" ލީޑަރެއްގެ ގޮތުގައި ސިފަކުރައްވަމުން، އެތައް އަހަރެއް ވަންދެން ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވި އިދިކޮޅު ފިއްތުންތަކުގައި ނަތަންޔާހޫ ލަދެއް ހަޔާތެއް ނެތި ނުލަފާކަން ދެއްކިކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ. އަދި އެހެން މީހަކުނަމަ މިފަދަ ހާލަތެއްގައި ނުލަފާ ކަން ދައްކަން ލަދު ގަތީސް ކަމަށާއި، ނަމަވެސް ނަތަންޔާހޫ ވަނީ އިތުރަށް ލަދު ހަޔާތް ކަނޑާލައި، އިޒްރޭލުގެ އެކުވެރިއެއްގެ ކިބައިން ވޮޝިންގޓަން އުއްމީދުކުރާ ފަދަ ނުލަފާކަން ދައްކުވައިދީފައި ކަމަށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!