ތިން މީހުން މަރާލި މައްސަލައިގައި ތިން މީހަކު 158 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މެކްސިކޯގެ ބާހާ ކެލިފޯނިއާ ސްޓޭޓްގައި ދަތުރެއްގައި އުޅެނިކޮށް އޮސްޓްރޭލިއާގެ ދެ ބެއިންނާއި އެމެރިކާގެ ރައްޔިތަކު މަރާލި މައްސަލައިގައި ކުށްސާބިތުވި ތިން މީހުން ކުރެ ކޮންމެ މީހަކު 158 އަހަރަށް ޖަލަށްލުމަށް މެކްސިކޯގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އެންސެނާޑާގެ ކޯޓަކުން ހުކުރު ދުވަހު ކުރި ހުކުމުގައި، ކުށް ސާބިތުވެފައިވަނީ ޚެސޫސް ޚެރާރްދޯ ގާސިއާ އާއި، އިރިނޭއޯ ފްރެންސިސްކޯ އާއި، އޭންޖެލް ޚެސޫސްގެ މައްޗަށެވެ. މީގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް 158 އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ގަސްދުގައި މީހުން މެރުމާއި، އަނިޔާވެރިކަމާއެކު ފޭރުމާއި، އަދި އުޅަނދުފަހަރު ފޭރުމުގެ ކުށުގައެވެ. މި މައްސަލައަކީ މެކްސިކޯގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އަރުވައި، ބައިނަލްއަގުވާމީ މައިދާން ގައި އެ ގައުމުގެ ސެކިއުރިޓީ އާއި ސަލާމަތީ ހާލަތު އޮތް ގޮތާމެދު ބޮޑެތި ސުވާލުތަކެއް އުފެދިގެންދިޔަ މައްސަލައެކެވެ.

މި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު، އޮސްޓްރޭލިއާގެ ކެލަމް އާއި ޖޭކް ރޮބިންސަން އަދި އެމެރިކާގެ ކާޓަރ ރެޑް ރޯޑް، އެންސެނާޑާއާ 80 ކިލޯމީޓަރު ދުރުގައި އޮންނަ ޕުންޓާ ސަން ޚޯސޭގެ ސަރަހައްދުގެ ގޮނޑުދޮށުގައި ކޭމްޕްކޮށްގެން ތިއްބައެވެ.

ތަހުގީގީ އިދާރާތަކުން ހާމަކުރި ގޮތުގައި، ކުށްވެރިން އެ ސަރަހައްދަށް ގޮސް ހަމަލާ ދިނީ ފަތުރުވެރިން ބޭނުންކުރި ޕިކަޕް ޓްރަކުގެ ފުރޮޅުތައް ވަގަށް ނެގުމުގެ ތެރޭގައެވެ. އަދި ފަތުރުވެރިން އެކަމަށް ދެކޮޅު ހެދުމުން، ބަޑިން ހަމަލާދީ ތިން މީހުން މަރާލުމަށްފަހު، އެމީހުންގެ ހަށިގަނޑު ވަނީ 15 މީޓަރު ފުން ވަޅަކަށް ތިރިކޮށް ވަޅުލާފައެވެ.

ބާހާ ކެލިފޯނިއާގެ ޕްރޮސެކިއުޓަރ މާރިއާ އެލެނާ އެންޑްރާޑޭ ވިދާޅުވީ، ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެމީހުންގެ ހަށިގަނޑުތައް ހޯދައި، ކުށުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކުރި ކަމަށެވެ. މީގެ ތެރޭގައި އެކަކުގެ ކުރީގެ ބައިވެރިޔާ އާރީ ޚިސެލް ސިލްވާ ރާޔާވެސް ހިމެނެއެވެ. އޭނާގެ އަތުން އަނިޔާލިބުނު ފަރާތެއްގެ ފޯނު ފެނުމާ ގުޅިގެން، ކުށަށް އިއުތިރާފުވުމުން ކޯޓުން ވަނީ މީގެ ކުރިން އޭނާގެ މައްޗަށް 20 އަހަރުގެ ޖަލުު ހުކުމެއް އިއްވާފައެވެ.

ހިއްސާ ކުރައްވާ!