އެމެރިކާއިން "ބޮންތަކުގެ މަންމަ" ބޭނުންކޮށްފިނަމަ "ރޮކެޓްތަކުގެ ބައްޕަ" ބޭނުންކުރާނެ ކަމަށް ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނާ ދެކޮޅަށް "ބޮންތަކުގެ މަންމަ" ބޭނުންކޮށްފާނެ ކަމަށް ބުނާ ވާހަކަތަކަށް ރައްދުދެމުން، އީރާނުން ބުނަނީ އެފަދަ ހަމަލާއެއް ދީފިނަމަ ރައްދުގައި "ރޮކެޓްތަކުގެ ބައްޕަ" ބޭނުންކުރާނެ ކަމަށެވެ.

އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތާ ބެހޭ ކޮމިޓީގެ މެންބަރު އަލާއުއްދީން ބަރޫޖްރްދީ، އިރާނުގެ "ޚާނޭ މިއްލަތު" ނިއުސް އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމެރިކާއިން އިރާނާ ދެކޮޅަށް "ބޮންތަކުގެ މަންމަ" ބޭނުންކުރަން އުޅޭނަމަ، އިރާނުން ބޭނުންކުރާނީ "ރޮކެޓްތަކުގެ ބައްޕަ" ކަމަށެވެ. އަދި އިރާނުގެ ރަތް ރޮނގު ފަހަނައަޅައި ދިއުމުން ދައްކަންޖެހޭ ބޮޑު އަގު އެމެރިކާއަށް އިހުސާސްކޮށްދޭނެ ފަދަ ވަރުގަދަ މިސައިލްތަކެއް އިރާނުން ބޭނުންކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަރޫޖްރްދީ އިތުރަށް ވިދާޅުވީ، އެމެރިކާއިން ބިރު ދެއްކިއަސް ހުރުމުޒު ކަނޑުއޮޅިއާ މެދު އިރާނުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އިރާނުން ވަރަށް ސާބިތުކަމާއެކު ހުރުމުޒު ކަނޑުއޮޅި ހިމާޔަތްކުރާނެ ކަމަށާއި، ރައީސް ޓްރަމްޕަށް ކުރިމަތިކުރާ ފިއްތުންތައް އިތުރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އިރާނަށް އިންޒާރުދިނުން ހުއްޓާލުމަށް ޓްރަމްޕަށް ގޮވާލައްވަމުން، މިފަދަ އަމަލުތަކުގެ ގެއްލުން ލިބޭނީ އެމެރިކާގެ ރައީސަށާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް ކަމަށް ބަރޫޖްރްދީ ވިދާޅުވިއެވެ.

އެމެރިކާގެ ސީއެންއެން ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ މަސްރަހު އިތުރަށް ގޯސްވާން ފެށުމުން، އެމެރިކާގެ އަތުގައިވާ އެންމެ ބާރުގަދަ ނިއުކްލިއާ ނޫން ބޮން އިރާނަށް ހަމަލާދިނުމަށް ބޭނުންކުރުމާ މެދު އެމެރިކާއިން ދަނީ ވިސްނަމުންނެވެ.

ރިޕޯޓުިތައް ބުނާ ގޮތުން ޖެނޮސައިޑް ރެޖީމާ އެމެރިކާއާ ދެމެދުވެސް ވަނީ އީރާނަށް އަލުން ހަމަލަ ދިނުމާ މެދު މަޝްވަރާތައް ފަށާފައެވެ.

ހިއްސާ ކުރައްވާ!