ޗާގޯސް ޖަޒީރާ ތަކުގެ ތެރޭގައި ހިމެނޭ ޑިއޭގޯ ގާސިއާ ސަރަހައްދުގެ ވިޔަފާރި ސެޓެލައިޓް ފޮޓޯތައް ވިއްކުން އެމެރިކާގެ ނުފޫޒާއެކު ހުއްޓުވާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އައިއާރުއައިބީ އިން ރިޕޯޓުކޮށްފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، "ސިފައިންގެ ބައެއް މަސްދަރުތަކާ" ހަވާލާދީ ހާމަކޮށްފައިވަނީ ޑިއޭގޯ ގާސިއާގެ ވަށައިގެންވާ ސަރަހައްދުގެ ސެޓެލައިޓް އިމޭޖްތައް އާންމުކޮށް ވިއްކުން ހުއްޓުވާފައިވަނީ އެމެރިކާގެ ސަރުކާރުން ކުރި ނުފޫޒުގެ ސަބަބުންނެވެ. ޑިއޭގޯ ގާސިއާއަކީ އެމެރިކާއާއި އިނގިރޭސި ވިލާތުގެ ސިފައިން ގުޅިގެން ބޭނުންކުރާ އެންމެ ބޮޑު އެއް މަރުކަޒު އޮންނަ ޖަޒީރާއެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދީ ސެކިއުރިޓީ އާއި، ލޮޖިސްޓިކްސް އަދި ފާރަލުމުގެ އޮޕަރޭޝަންތައް ހިންގުމަށް އެމެރިކާގެ ސިފައިން ބޭނުންކުރާ އެންމެ މުހިންމު އެއް މައިދާނެވެ. ސެކިއުރިޓީ ސަބަބުތަކަށްޓަކައި އެ ޖަޒީރާގެ މައުލޫމާތުތައް އާންމުންނަށް ފެންނަން ހުންނަ މިންވަރު މީގެކުރިންވެސް އޮންނަނީ ވަރަށް ބޮޑަށް ހިފަހައްޓާފައެވެ.
ވިޔަފާރި އުސޫލުން ސެޓެލައިޓް ފޮޓޯ ފޯރުކޮށްދޭ އެމެރިކާގެ ކުންފުނިތަކުން މީގެކުރިންވެސް ވަނީ ސިފައިންގެ ޚާއްސަ މަރުކަޒުތަކާއި ހަނގުރާމަ ހިންގާ ސަރަހައްދުތަކުގެ ސެޓެލައިޓް ފޮޓޯތައް އާންމުކުރުން މެދުކަނޑާލައި، ނުވަތަ ލަސްކޮށްފައެވެ. 2026 ވަނަ އަހަރުގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު އުފެދުނު ނުތަނަވަސްކަމާއެކު، މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކުގެ ފޮޓޯތައް އާންމުކުރުން ބައެއް ކުންފުނިތަކުން ވަނީ ބަންދުކޮށްފައެވެ.




