އިސްރާއީލުން ސައޫދީއާއި ހޫޘީންގެ ހަނގުރާމައަށް ނުވަނުމަށް ވަލީއަހުދު އިންޒާރު ކުރައްވައިފި

ޔަމަންގެ ހޫޘީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިސްރާއީލުން ބައިވެރިވުމަށް އެދި ހުށަހެޅި ހުށަހެޅުމަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ދެކޮޅު ހައްދަވައިފިއެވެ.

ޑިޕްލޮމެޓުންނާ ހަވާލާދީ އިސްރާއީލުގެ ހާއަރެޓްޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާ މެދުވެރިކޮށް ސައުދީ ސަރުކާރަށް މި ހަނގުރާމައަށް ވަނުމުގެ ޝައުގުވެރިކަން ހުރިކަން ބަޔާން ކޮށް ހުށަހަޅާފައެވެ. ނަމަވެސް، ސައުދީގެ އާންމު ރައްޔިތުންގެ ނުރުހުމާއި ޚިޔާލު ތަފާތުވުން އުފެދިދާނެ ކަމުގެ ބިރު އޮތުމުން ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ އެކަމުގެ ތެރެއަށް ޔަހޫދީން ނުވަނުމަށް އަންގަވައިފައެވެ. އިސްރާއީލުން އުންމީދުކުރީ އެމެރިކާގެ މަދަދުލިބޭ ދެ ގައުމުގެ މެދުގައި ސިފައިންގެ ގުޅުން ބަދަހިކޮށް، ސަރަހައްދީ މަސްރަހު ރަނގަޅުކުރުމާއެކު ދެ ގައުމުގެ ގުޅުން އާދައިގެ ހާލަތަކަށް ގެނައުމުގެ އެއްބަސްވުމަކަށް މަގުކޮށުމަށެވެ.

ސައުދީ އަރަބިއްޔާއިން ޔަހޫދީންގެ އިބްރާހީމީ މުއާހަދާގައި ސޮއިކުރުމަށް ޓްރަމްޕް ބާރުއަޅުއްވަމުން ގެންދެވި ނަމަވެސް، ސައުދީ އަރަބިއްޔާއާއި އިސްރާއީލާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ގާއިމުވެފައެއް ނުވެއެވެ. ސައުދީ ސަރުކާރުން އަބަދުވެސް ގޮތްދޫނުކޮށް ބުނަމުންދަނީ، އިސްރާއީލާއެކު ގުޅުން ގާއިމުކުރެވޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާއެކު، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ކަމަށެވެ. ނަމަވެސް ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަކީ ނެތް ކަމެއް ކަމަށް ބުނެ ޖެނޮސައިޑްގެ މަގުން ހިނގާފައެވެ.

ހޫޘީން ދެމުންދާ ހަމަލާ ތަކުގެ ސަބަބުން ސައުދީގެ ވައިގެ ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވެ، ރިޔާޟްގެ އިންޓަރނޭޝަނަލް އެއާޕޯޓު ބަންދުކޮށްފައިވާ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ހިއްސާ ކުރައްވާ!