ކޮންގްރެސް މެންބަރު އިލްހާން ޢުމަރުގެ ފޯނު އަތުލައިގަނެ، އާއިލީ ބޭފުޅުންނަށް ޗިޓް ފޮނުވައިފި

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އިލްހާން ޢުމަރާ ގުޅުންހުރި ޖިނާއީ ތަހުގީގެއްގެ ދަށުން، ފެޑެރަލް އިދާރާތަކުން އެކަމަނާގެ ފޯނު އަތުލައިގަނެ، ގްރޭންޑް ޖޫރީގެ ޚާއްސަ ޗިޓްތަކެއް އާއިލީ ބޭފުޅުންނަށް ފޮނުވައިފިއެވެ. މި ހާދިސާއާ ގުޅިގެން ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދައުރުގެ މެދުތެރޭ އިންތިޚާބުގެ ކުރިން އެމެރިކާގެ ސިޔާސީ މަސްރަހު އިތުރަށް ހޫނުވާނެއެވެ.

މިނެސޯޓާގެ 5 ވަނަ ދާއިރާ ތަމްސީލުކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ މަޝްހޫރު މެންބަރު އިލްހާން ޢުމަރުގެ ވޮޝިންޓަން ޑީސީގައި ހުންނަ ގެކޮޅަށް ފެޑެރަލް އޭޖެންޓުން ވަދެ ބަލައި ފާސްކޮށްފައިވަނީ ފަތިހުގެ ވަގުތެއްގައެވެ. އެ ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ލިބިފައިވާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، މި ތަހުގީގު އަމާޒުކޮށްފައިވަނީ އެކަމަނާގެ އާއިލާގެ ހިޖުރަކުރުމުގެ ލިޔެކިޔުންތަކުގައި ހުރި ކަމަށް ބެލެވޭ މަކަރާއި ހީލަތުގެ މައްސަލަތަކަކަށެވެ. ނަމަވެސް މި ތަހުގީގުގެ ފުރިހަމަ ދާއިރާ އަދިވެސް މުޅިން ސާފެއް ނޫނެވެ.

ހޯމްލޭންޑް ސެކިއުރިޓީ ސެކެޓްރީ މާކްވޭން މުލިން ވިދާޅުވެފައިވާ ގޮތުގައި، ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްހާން ޢުމަރުގެ އާއިލާގެ އިމިގްރޭޝަން ލިޔެކިޔުންތަކާ ގުޅުންހުރި ކުށްތައް ތަހުގީގުކުރަމުންނެވެ. މީގެއިތުރުން، ވޮޝިންޓަން ޑީސީގެ ޔޫ.އެސް އެޓާނީ ޖެނީން ޕިރޯ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިލްހާން ޢުމަރާ ގުޅުންހުރި އެކި މައްސަލަތައް ބަލަމުންދާ ކަމަށާއި، މާލީ މުއާމަލާތްތައް ހާމަކުރުމުގެ ލިޔެކިޔުންތައްވެސް އެ އޮފީހުން ތަހުގީގުކުރަމުންދާ ކަމަށެވެ. "ކުށެއް ހިންގާފައިވާނަމަ، އެކަން ގާނޫނީ ގޮތުން ތަންފީޒުކުރެވޭނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބަށް އެންމެ ތިން ހަފުތާއަށްވެފައިވަނިކޮށް ޓްރަމްޕް ހިންގަވާ މި އަމަލުތަކަށް އިލްހާން ޢުމަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފެވެ. އެކަމަނާ މީސް މީޑިއާގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފާއިތުވި 10 އަހަރުދުވަހުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕާއި އެކުވެރިން އަންނަނީ ބަދުނާމު ކުރުމުގެ ތަފާތު ކެމްޕޭންތައް ހިންގަމުން ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ބިރުދެއްކުމަށް ހިންގާ ފިނޑި އަމަލެއް ކަމަށާއި، އެކަމަނާ ހަނު ނުހުންނަވާނެ ކަމަށް ވިދާޅުވިއެވެ. ޑިމޮކްރެޓިކް ޕާޓީގެ އިސް ފަރާތްތަކުންވެސް ވަނީ އިންތިޚާބާ ދިމާކޮށް މިފަދަ ފިޔަވަޅުތައް އެޅުމަކީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ކަމަށް ބުނެ ކުށްވެރިކޮށްފެވެ.

ޢާންމުގޮތެއްގައި އެމެރިކާގެ އަދުލު އިންސާފުގެ ވުޒާރާއިން އިންތިޚާބަކަށް 60 ދުވަހަށްވުރެ ކައިރިވެފައިވަނިކޮށް ކެންޑިޑޭޓުންނާ ދެކޮޅަށް މިފަދަ އާންމު ތަހުގީގީ ހަރަކާތްތައް ހިންގުމުން ދުރުހެލިވުމަށް މަސައްކަތް ކުރެއެވެ. ނަމަވެސް މި މައްސަލައިގައި ޓްރަމްޕް ބޭނުންވާ ގޮތަށް ވަނީ ދީލާލާފައެވެ.

ހިއްސާ ކުރައްވާ!