ޗިކާގޯގެ ހިންދޫ ފައްޅިއަކަށް ބަޑީގެ ހަމަލާއެއް ދޭން ރޭވި ޒުވާނަކު ހައްޔަރުކޮށްފި

އެމެރިކާގެ އިލިނޯއި ސްޓޭޓްގެ ޗިކާގޯގެ އަވަށެއް ކަމަށްވާ އޯރޯރާގައި ހުންނަ ހިންދޫ ފައްޅިއަކަށް ބަޑީގެ ހަމަލާއެއް ދޭން ރޭވި ކަމުގެ ތުހުމަތުގައި 19 އަހަރުގެ ޒުވާނަކު އެމެރިކާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

އިލިނޯއިގެ ޕެލަޓައިންއަށް ނިސްބަތްވާ އެލެކްސަންޑްރޯސް ޕަޕޯރަކިސް ހައްޔަރުކުރީ މީހުން މަރަން ރޭވި މައްސަލައެއްގެ ތަހުގީގުގެ ތެރެއިން، ނަސްލީ އިމްތިޔާޒާއި ދެކުނު އޭޝިއާ އަދި އިންޑިއާ ނަސްލުގެ މީހުންނާ ދެކޮޅަށް ނަފްރަތު އުފައްދާ ލިޔުންތަކަކާއި ހަތިޔާރުތަކެއް އޭނާގެ އަތުން ފެނުމާ ގުޅިގެންނެވެ. ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލައިގެ ތަހުގީގު ފެށީ ޕަޕޯރަކިސް އޭނާގެ އެކުވެރިއަކަށް ހަމަލާގެ ރޭވުންތަކާއި، ބަޑިއާއި، ވަޒަންތަކާއި، އަދި އަސްކަރީ ވަސީލަތްތަކުގެ ފޮޓޯތައް ހިއްސާކުރުމުން އެ މައްސަލަ އިދާރާތަކަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ. އޭނާ މަސައްކަތްކުރާ ރެސްޓޯރަންޓުގެ މުވައްޒަފުން ގާތު އޮކްޓޯބަރު 11 ވާ އާދީއްތަ ދުވަހަކީ "ޚާއްސަ ދުވަހެއް" ކަމަށް ބުނެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

އަދި އެ ދުވަހު އޭނާގެ ބަޑި މަސައްކަތް ނުކޮށްގެން ހަމަލާ ނުދެވި، އެތަނުން އަވަހަށް ފިލައިގެން ދިޔަ ކަމަށް އޭނާ އެކުވެރިއަކަށް ފޯނުން ގުޅައި ބުނެފައިވާ ކަންވެސް ތަހުގީގަށް ވަނީ އެނގިފައެވެ. ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގޭގެ ތެރެއިން ބަޑިއަކާއި، ގިނަ އަދަދެއްގެ ވަޒަންތަކާއި، އަދި ނަސްލީ އިމްތިޔާޒު ރަމްޒުކޮށްދޭ ނިޝާންތައް ހޯދާފައެވެ.

ޕެލަޓައިންގެ ފުލުހުންގެ ވެރިޔާ ވިދާޅުވީ، އަޅުކަންކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސިފައިންނާއި ފުލުހުން އެންމެ އިސްކަންދޭ ކަމެވެ. އަދި މި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ޓެރެރިޒަމްގެ އިންޒާރު ދިނުމާއި ގާނޫނާ ޚިލާފަށް ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލާފައެވެ.

ހިއްސާ ކުރައްވާ!