ނާސާގެ ޕަރސިވިއަރަންސް ރޯވަރު ދުނިޔެއިން ބޭރުގައި އެންމެ ދުރަށް ދުއްވި އުޅަނދުގެ ރެކޯޑް މުގުރާލައިފި

ދުނިޔެ ފިޔަވައި އެހެން ޕްލަނެޓެއްގެ ބިމުގައި އެއްވެސް އުޅަނދެއް ދުއްވާފައިނުވާހާ ދުރަށް، އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ޕަރސިވިއަރަންސް ރޯވަރު ދަތުރުކޮށް، އާ ތާރީޚީ ރެކޯޑެއް މުގުރާލައިފިއެވެ. 2021 ވަނަ އަހަރު މާސް ގެ ބިމަށް ޖެއްސި މި އުޅަނދު މިހާތަނަށް ޖުމްލަ 45.2 ކިލޯމީޓަރުގެ ދަތުރެއް ކޮށްފައިވާ ކަމަށް ނާސާއިން ވަނީ ހާމަކޮށްފައެވެ.

ކާރެއްގެ ސައިޒުގެ، ހަ ފުރޮޅުލީ މި ރޯވަރު މި ކާމިޔާބީއާ ހަމައަށް އައިސްފައިވަނީ މާސްގައި ކުރިން ދިރުން ހުރިތޯ ބެލުމަށް ފެށި މިޝަންގެ 5.5 އަހަރު ދުވަހުގެ ތެރޭގައެވެ. މި ދަތުރުގެ ތެރެއިން އެ އުޅަނދު އަންނަނީ މާސްއަށް ޒިޔާރަތކޮށް، މުހިންމު މައުލޫމާތުތައް އެއްކުރަމުންނެވެ.

ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީގެ ޕްރޮޖެކްޓް މެނޭޖަރު ވިދާޅުވި ގޮތުގައި، ޕަރސިވިއަރަންސްގެ އިންޖިނިއަރިން ހާޑްވެއަރ އަދި އާލާތްތައް ހުރީ ވަރަށް ރަނގަޅު ހާލަތެއްގައެވެ. އަދި ހުރިހާ ސިސްޓަމްތަކެއްގެ ފަހުގެ އެސެސްމަންޓުން ދައްކާގޮތުގައި 2030 ގެ އަހަރުތަކުގެ ފަހުކޮޅާ ހަމައަށްވެސް މި އުޅަނދަށް މައްސަލައެއް ނެތި މަސައްކަތްކުރެވޭނެއެވެ.

މި ރޯވަރު ވަނީ މީގެ ކުރިން 2004 އިން 2018 އަށް މާސްގެ ބިމުގައި ނާސާގެ އޮޕަޮޗުނިޓީ ރޯވަރު ދުއްވާފައިވާ 45 ކިލޯމީޓަރުގެ ރެކޯޑް މުގުރާލާފައެވެ. މިއީ ހަނދުގެ ބިމުގައި ދުއްވާފައިވާ އުޅަނދުތަކުން ކަވަރުކޮށްފައިވާ ދުރުމިނަށްވުރެވެސް ބޮޑު ދުރުމިނެކެވެ.

މާސްގެ އުތުރު ބިތުގައި އޮންނަ، އެތައް ބިލިއަން އަހަރެއްގެ ކުރިން ފެށުނު ޖެޒެރޯ ކްރޭޓަރ ސަރަހައްދުގައި ޕަރސިވިއަރަންސް އިން އަންނަނީ ޚާއްސަ ދިރާސާތަކެއް ކުރަމުންނެވެ. މިހާރު މި އުޅަނދު ދަތުރުކުރަމުންދަނީ ކްރޭޓަރގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދުގައެވެ.

ޕަރސިވިއަރަންސްގެ އެންމެ ބޮޑު ކާމިޔާބީއަކީ، މީގެ އަހަރެއްގެ ކުރިން ހާމަކުރި، ގަދީމީ ޒަމާނެއްގެ މައިކްރޯބަލް ދިރުމެއްގެ ނިޝާނެއް ކަމަށް ބެލެވޭ ބަޔޯސިގްނޭޗަރ އެއް ފެނުން ކަމަށް ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީގެ ޕްރޮޖެކްޓް މެނޭޖަރު ލީ ފާހަގަކުރެއްވިއެވެ. މިއީ 3.2 ބިލިއަނާއި 3.8 ބިލިއަން އަހަރުކުރިން ކޯރެއްގެ ސަބަބުން އުފެދިފައިވާ ކަމަށް ބެލެވޭ ރަތް ކުލައިގެ ހިލައަކުން ފެނިފައިވާ އެއްޗެކެވެ.

ނާސާއިން ފާހަގަކުރާ ގޮތުގައި މި ކާމިޔާބީގެ ފަހަތުގައިވާ އެންމެ މުހިންމު ސަބަބަކީ އަމިއްލައަށް މިސްރާބު ދެނެގަނެވޭ "އޮޓޯނެވް" ނިޒާމެވެ. މި އުޅަނދުގެ ދަތުރުތަކުގެ 90 އިންސައްތަ ކުރިއަށްދަނީ އިންސާނެއްގެ އެހީތެރިކަމަކާ ނުލައި އަމިއްލައަށެވެ.

ހިއްސާ ކުރައްވާ!