ޕާކިސްތާން: ސުޕްރީމް ކޯޓުން ކައިވެންޏަށް އިންކާރުކުރުމުން މީހަކު މެރި މައްސަލައެއްގައި މަރުގެ އަދަބު ދަމަހައްޓައިފި

ކައިވެނީގެ ހުށަހެޅުމަކަށް އިންކާރުކުރުމުން އަންހެނުންނަށް ހަމަލާދީ މަރާލާ މީހުންނަށް މައާފެއް ނުދެވޭނެ ކަމަށާއި، އެފަދަ ނާތަހުޒީބު އަމަލުތަކަކީ މުޖުތަމައުގެ ހަމަޖެހުމަށް އޮތް ބޮޑު ލަދެއް ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ކައިވެންޏަށް އިންކާރުކުރުމުން އަންހެނަކު މަރާލި މައްސަލައެއްގައި މަރުގެ ހުކުމެއް ތަންފީޒުކުރަމުންދާ މުހައްމަދު ކަމްރާން ކިޔާ މީހަކު ހުށަހެޅި އިސްތިއުނާފީ މައްސަލައެއް ބާތިލުކުރަމުން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ވަނީ އޭނާގެ މަރުގެ އަދަބު ދަމަހައްޓާފައެވެ. މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ހާޝިމް ޚާން ކައްކަރުގެ އިތުރުން، ފަނޑިޔާރު ސަލާހުއްދީން ކަންވަރު އަދި ފަނޑިޔާރު އިޝްތިއާގު އިބްރާހީމެވެ.

މި މައްސަލައާ ގުޅިގެން ނެރުނު ނުވަ ސަފުހާގެ ގަޒިއްޔާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކައިވެންޏަކަށް ނޫނެކޭ ބުނުމުން އަންހެނުންނަށް އަނިޔާކުރުމާއި ފުރާނަދުއްވާލުން ފަދަ ކަންކަން ހިނގަނީ މުޖުތަމައުގައި އަށަގެންފައިވާ ނާތަހުޒީބު ވިސްނުންތަކެއްގެ ސަބަބުންނެވެ. އަންހެނަކު ކައިވެންޏަށް އިންކާރުކުރުމަކީ ފިރިހެނެއްގެ ކިބުރުވެރިކަމަށް ލިބޭ އުނިކަމެއްގެ ގޮތުގައި ދެކި، އެކަމުގެ ބަދަލުހިފުމުގެ ގޮތުން ފުރާނަދުއްވާލުމަކީ ކުށްވެރި ކުރަންޖެހޭނެ ކަމެއް ކަމަށް ކޯޓުން ވަނީ ބަޔާންކޮށްފައެވެ.

ކަމްރާން ވަނީ އޭނާ ޖަލުގައި 15 އަހަރު ހޭދަކޮށްފައިވާ ކަމަށް ބުނެ، މަރުގެ އަދަބު އުމުރުދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދިނުމަށް އެދިފައެވެ. ނަމަވެސް ކޯޓުން ވަނީ ޖަލުގައި ހޭދަކުރި މުއްދަތަށް ބަލައި ހުކުމް ލުއި ނުކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ.

މި މައްސަލައިގެ ތެރެއިން، ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި އާންމުކޮށް އަށަގެންފައިވާ ނޭދެވޭ ސަގާފީ އާދަތަކަށްވެސް ކޯޓުން ވަނީ ފާޑުކިޔާ ފައެވެ. އެގޮތުން އަންހެނެއްގެ ރުހުމަކާނުލައި ކައިވެނިކުރާކަން އިއުލާނުކުރުން ފަދަ އާދަތަކަކީ އަންހެނުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅޭ، އަދި އިސްލާމްދީނުގެ ހަމަތަކާވެސް މުޅިން ޚިލާފު ކަންކަން ކަމަށް ގަޒިއްޔާގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމްދީނުގައި ކައިވެންޏަކީ ދެ ފަރާތުގެ ފުރިހަމަ ރުހުމާއި ބައިވެރިވުމާއެކު ކުރެވޭ ކަމެއްކަން ފާހަގަކުރަމުން ކޯޓުން ބުނީ، ޖާހިލު ސަގާފަތްތަކުގެ ނަމުގައި އަންހެނުންގެ ހައްގުތަކަށް އަރައިގަތުމަށް އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުންވެސް އަންހެނުންގެ މިނިވަންކަމާއި ޚިޔާރުކުރުމުގެ ހައްގު ކަށަވަރުކޮށްދީފައިވާކަން ކޯޓުން ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

ހިއްސާ ކުރައްވާ!