ކަރާޗީގައި ނަހްރޭ ޚަޔާމްގައި ކޮމާޝަލް ޒޯނެއް ހެދުމާ ދެކޮޅަށް އިހުތިޖާޖުކޮށްފި

ޕާކިސްތާނުގެ ކަރާޗީގެ ކްލިފްޓަން ސަރަހައްދުގައި އޮންނަ ނަހްރޭ ޚަޔާމް ޗެނަލް ކައިރީގައި ކޮމާޝަލް ޒޯނެއް ގާއިމުކުރުމަށް ސިންދް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއާ ދެކޮޅަށް އެ ސަރަހައްދުގެ ރައްޔިތުންނާއި ތިމާވެށީގެ ދިފާއަށް އުޅޭ މީހުން ނުކުމެ އިހުތިޖާޖެއް ބާއްވައިފިއެވެ. އިހުތިޖާޖުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި މިއީ ސިޓީގެ ފެންހިންދާ ނިޒާމަށާއި، އާންމު ހުސްޖާގަތަކުގެ އިތުރުން ކަނޑުގެ ތިމާވެށީގެ ނިޒާމަށް ނުރައްކާވާ ގޮތަށް ހިންގާ މަޝްރޫއެކެވެ.

ކްލިފްޓަން ކޮމިއުނިޓީ އަދި ކަރާޗީ ރެސިޑެންޓްސް ކޮމިއުނިޓީގެ މެންބަރުން އެއްވީ މަސައްކަތް ހިންގަމުންދާ ސައިޓަށެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ އެ މަޝްރޫއުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލައި، މަޝްރޫއުގެ ދެފުށް ފެންނަ ކަމާ މެދު ސުވާލު އުފައްދައި، ފެންހިންދާ ޗެނަލް ހަނިކުރުމާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި އެ ތަނުގައި ހެދުމަށް ރާވާފައިވާ "ފުޑް ސްޓްރީޓް" އާ ދެކޮޅަށްވެސް ޝިއާރުތައް އުފުލާފައިވެއެވެ.

އިހުތިޖާޖުގެ ބައިވެރިން ވަނީ މަޝްރޫއުގެ ފާސްކޮށްފައިވާ ޑިޒައިންތަކާއި، ބިމުގެ އިންވަކިކޮށްފައިވާ ގޮތުގެ ތަފްސީލާއި، ތިމާވެށްޓަށް ކުރާނެ އަސަރުތަކާ ބެހޭ އީއައިއޭ، ސިންދް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ނިންމުންތަކުގެ އިތުރުން، އެއްބަސްވުންތަކާއި ޚަރަދުތަކުގެ ތަފްސީލު އާންމުކުރުމަށް އެދިފައެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި، ޗެނަލް ހަނިކުރުމުގެ ސަބަބުން ވާރޭވެހިގެން ފެންބޮޑުވާ ހާލަތްތަކުގައި ފެންހިންދުމުގެ ގާބިލުކަން ކުޑަވެ، ސިޓީގައި ފެންބޮޑުވުމުގެ ނުރައްކާ ބޮޑުވެގެންދާނެއެވެ.

އިހުތިޖާޖުގެ އިތުރު ބައިވެރިން ފާހަގަކުރި ގޮތުގައި، މީހުން ގިނައިން އުޅޭ މި ރެސިޑެންޝަލް ސަރަހައްދުގައި ކޮމާޝަލް ޒޯނެއް ތަރައްގީ ކުރުމަކީ ޕްރެޝަރާއި، އަޑުގަދަވުމާއި، ޓްރެފިކް ތޮއްޖެހުން އިންތިހާއަށް ބޮޑުވެގެންދާނެ ކަމެކެވެ.

މީގެ އިތުރުން، މަޝްރޫއުގެ ސަބަބުން ފެންހިންދުމަށާއި ތިމާވެށްޓަށް ކުރާނެ އަސަރުތައް މިނިވަން ފަރާތްތަކުން ވަޒަންކުރުމަށާއި، އާންމުންގެ ފުރިހަމަ ޚިޔާލު ހޯދުމަށާއި، މަޝްރޫއުގެ މާލީ ތަފްސީލުތައް އެއްކޮށް ހާމަކުރުމަށްވެސް ވަނީ އެދިފައެވެ. މިއީ 500 މިލިއަން ޕާކިސްތާން ރުޕީސްގެ ބޮޑު މަޝްރޫއެކެވެ.

ހިއްސާ ކުރައްވާ!