އިމްރާން ޚާން ޕާޓީއާއި ޓެރަރިސްޓުންނާ ގުޅުވައިގެން ގޮދު ތުހުމަތުތަކެއް

ޕާކިސްތާނުގެ މަރުކަޒީ ސަރުކާރުން އެ ގައުމުގެ އުތުރުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ގަވަރުނަރުގެ ވެރިކަން ގާއިމުކުރުމަށްފަހު، އެ ސަރަހައްދުގައި ވެރިކަން ކުރަމުންދިޔަ އިމްރާން ޚާންގެ ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއާއި ނިރުބަވެރި ޖަމާއަތްތަކާ ދެމެދު ވަނީ ޚާއްސަ ގުޅުމެއް ގާއިމުވެފައި ކަމަށް ބުނެ ސީރިއަސް ތުހުމަތުތަކެއް ވަޒީރުން އަމާޒުކުރައްވައިފިއެވެ.

އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފޮމޭޝަން މިނިސްޓަރު އަޠާއުﷲ ތަރާރާއި، އިންޓީރިއާ މިނިސްޓަރު މުޙައްސިން ނަގްވީގެ އިތުރުން ލޯ މިނިސްޓަރު އައްޒާމް ނަޒީރު ތަރާރު ވަނީ ޚައިބަރު ޕްރޮވިންސްގެ ސަލާމަތީ ހާލަތު އިންތިހާއަށް ގޯސްވެ، ސަރުކާރުގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް ބުނެފައެވެ. ވަޒީރުން ފާހަގަކުރެއްވި ގޮތުގައި، ޕީޓީއައިގެ ސަރުކާރުން ވަނީ ނިރުބަވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ގަސްދުގައި ބައިވެރިނުވެ، ތާލިބާން ފަދަ ހަނގުރާމަވެރި ގުރޫޕްތަކަށް ސަރަހައްދީ ބާރުތައް ދޫކޮށްލާފައެވެ.

އިންފޮމޭޝަން މިނިސްޓަރު ތަރާރު ވިދާޅުވީ، އިންޓެލިޖެންސް ބިއުރޯއާއި ސަލާމަތީ ބާރުތަކުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ޚައިބަރުގެ އެކި ޑިސްޓްރިކްޓްތައް ހިންގުމުގައި ނިރުބަވެރިންގެ ސީދާ ނުފޫޒު އެބައޮތެވެ. އަދި ޕްރޮވިންސްގެ ފުލުހުންގެ މުއައްސަސާތަކަށް ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ވަައްދައި، ބާރުތައް ހިއްސާކުރުމުގެ އޮނިގަނޑެއް އެކުލަވާލަމުންދިޔަ ކަމުގެ އިންކާރު ނުކުރެވޭނެ ކާފީ ހެކި ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ ގާނޫނުއަސާސީގެ ނިޒާމު މުޅިން ހުއްޓުމަކަށް އައުން ކަމަށް ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ޚައިބަރުގެ ސަރުކާރު ވައްޓާލައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ޕާކިސްތާންގެ ގާނޫނުއަސާސީގެ 232 ވަނަ މާއްދާގެ ދަށުން ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ސޮއިކުރައްވާފައެވެ. މިއާއެކު، ހަނގުރާމައިގެ ހާލަތުގައިވާ 12 ޑިސްޓްރިކްޓެއް ސީދާ މަރުކަޒީ ސަރުކާރުގެ ބެލުމުގެ ދަށުން ހިންގުމަށްޓަކައި "އޭރިއާ ޑިވެލޮޕްމަންޓް ސެކްރެޓަރިއޭޓް" އެއް ވަނީ ގާއިމުކޮށްފައެވެ. އަދި ގަވަރުނަރަށް އެހީތެރިވުމުގެ ގޮތުން 11 މެންބަރުންގެ ޚާއްސަ އެޑްވައިޒަރީ ކައުންސިލެއްވެސް ސިފައިންގެ މަޗްވަރާއާއެކު ސަރުކާރުން ވަނީ އެކުލަވާލާފައެވެ. އެއާއެކު ޚައިބަރު ޕްރޮވިންސްގެ އިންތިޚާބު ކޮށްފައިވާ ގާނޫ ހަދާ ސަރަހައްދީ މަޖިލީހުގެ ގާނޫނުހެދުމުގެ ބާރުތައް ވަގުތީގޮތުން ވަނީ ޕާކިސްތާންގެ ޕާލަމެންޓަށް ބަދަލުކުރެވިފައެވެ.

އިންޓީރިއާ މިނިސްޓަރު މުޙައްސިން ނަގްވީ ވިދާޅުވީ، ވޭތުވެދިޔަ މަހެއްހާ ދުވަހު ޚައިބަރުގައި ވެރިކަން ކުރި ޕީޓީއައިގެ ސަރުކާރާއެކު ސަލާމަތީ ކަންކަމުގައި އެއްބަސްވުމަކަށް އައުމަށް މަޝްވަރާތައް ކުރެވުނު ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުން އެއްބާރުލުން ދީފައިނުވާ ކަމަށާއި، އިސްލާމްއާބާދަށް ގިނަ ބަޔަކު ބައިވެރިވެގެން ދިގު ހިނގާލުމެއް ފެށުމަށް ތައްޔާރުވަމުންދާ މީހުންނަށް ދެން ސަރަހައްދީ ސަރުކާރުގެ އެއްވެސް ހިމާޔަތެއް ނުލިބޭނެ ކަމަށް އޭނާ އިންޒާރު ކުރެއްވިއެވެ.

މި ފިޔަވަޅުތަކާއެކު، ސިފައިން ވަނީ ޚައިބަރު ޕްރޮވިންސްގައި ސެކިއުރިޓީ ވަރުގަދަކޮށް، މަގުތައް ބަންދުކޮށްފައެވެ.

ހިއްސާ ކުރައްވާ!