އޭއައި ސްޓާޓްއަޕް "ޑީކާޓް" 7 ބިލިއަން ޑޮލަރަށް ގަންނަން އެމެޒޯނުން މަޝްވަރާކުރަނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި ފާހަގަކޮށްލެވޭ އިސްރާއީލުގެ ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ "ޑީކާޓް" ގާތްގަނޑަކަށް 7 ބިލިއަން އެމެރިކާ ޑޮލަރަށް ގަތުމަށްޓަކައި އެމެރިކާގެ މަލްޓިނޭޝަނަލް ޓެކްނޮލޮޖީ ކުންފުނި އެމެޒޯނުން މަޝްވަރާތައް ފަށައިފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ޑީކާޓް ކުންފުންޏާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ނުހުއްޓި ކުރިއަށްގޮސް، އިތުރު ކުންފުންޏަކުން ކުރިމަތިނުލައިފިނަމަ، ދެ ކުންފުނީގެ މެދުގައި ވިޔަފާރި އެއްބަސްވުން ކުރިއަށް އޮތް ދުވަސްތަކުގައި ސޮއިކުރެވޭނެއެވެ.

ޑީކާޓްއަކީ ނަވިޑިއާގެ މާލީ އެހީތެރިކަމާއެކު ކުރިއަށްދާ ކުންފުންޏެކެވެ. އެ ކުންފުނީގެ "ލޫސީ" މޮޑެލްއަކީ ވަގުތުން ވަގުތަށް ލައިވް ވީޑިއޯ އެޑިޓްކުރުމުގެ ގާބިލުކަން ލިބިގެންވާ ނިޒާމެކެވެ. މީގެއިތުރުން، ރޮބޮޓިކްސް އަދި އޮޓޯނޮމަސް ޑްރައިވިން ސިސްޓަމްތައް ޓެސްޓުކުރުމަށާއި ތަމްރީނުކުރުމަށް ބޭނުންކުރާ "އޯއޭސިސް" މޮޑެލްވެސް އުފައްދާފައިވަނީ މި ކުންފުނިންނެވެ.

ޕިޗްބުކްގެ ތަފާސްހިސާބުތަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވަނީ، މިދިޔަ މެއި މަހުގެ ތެރޭގައި ޑީކާޓްގެ އަގު ހުރީ ގާތްގަނޑަކަށް 4 ބިލިއަން ޑޮލަރުގައެވެ. އެ މަހުގެ ތެރޭގައި ރެޑިކަލް ވެންޗާސް އިސްވެ އޮވެ ހިންގި ފަންޑިން ރައުންޑެއްގައި އެ ކުންފުނިން ވަނީ 300 މިލިއަން ޑޮލަރު ހޯދާފައެވެ. މި ފަންޑިން ރައުންޑުގައި ނަވިޑިއާއިން ވަނީ އާ އިންވެސްޓަރެއްގެ ގޮތުގައި ބައިވެރިވެފައެވެ.

މީގެ ކުރިން، އޭއައި ކުންފުނި އެންތުރޯޕިކް އިންވެސް ވަނީ ޑީކާޓް ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި 6 ބިލިއަން ޑޮލަރުގެ ހުށަހެޅުމެއް ދިރާސާކޮށްފައެވެ. ނަމަވެސް، ކުންފުނީގެ ހާލަތު ދިރާސާކުރުމަށްފަހު މިދިޔަ މަހުގެ ތެރޭގައި އެންތުރޯޕިކުން ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ.

ބައިނަލްއަގުވާމީ ޓެކްނޮލޮޖީ މައިދާން ގައި އާޓިފިޝަލް އިންޓެލިޖެންސްގެ ވާދަވެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ އޭއައި ސްޓާޓްއަޕްތައް ގަނެ، އެމީހުންގެ ވަސީލަތްތައް ފުޅާކުރުމަށް ޚާއްސަ ސްޓްރެޓެޖީ ތަކެއް ގާއިމުކުރަމުންނެވެ. އެމެޒޯނުން ޑީކާޓް ގަތުމަށް ކުރާ މަސައްކަތަކީވެސް މި ވާދަވެރިކަމުގެ ތެރެއިން އެ ކުންފުނީގެ ކުރިއެރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!