ޕާކިސްތާނުގެ ފަޅުވެރިޔާއަށް 100 އަށް ވުރެ ގިނަ ކާނާގެ ބާވަތް ޖައްވަށް ގެންދިޔަ

ޗައިނާގެ ޓިއަންގޮންގް ޖައްވީ ސްޓޭޝަނަށް ދަތުރުކުރި ޕާކިސްތާނުގެ ފަޅުވެރިޔާ މުޙައްމަދު ޒީޝާން ޢަލީ، ޖައްވަށް ގެނދިޔަ ކާނާގެ ތެރޭގައި އަބަޓަރ ޗިކަން، ލޭމްބް ކޯރްމާ އަދި ބީފް ނިހާރީ ފަދަ ކާނާގެ ބާވަތްތައް ހިމެނޭ 100 އަށް ވުރެ ގިނަ ޙަލާލު ކާނާގެ ބާވަތް ހިމެނެއެވެ. ޖައްވަށް ދަތުރުކުރި ޕާކިސްތާނުގެ ފުރަތަމަ ފަޅުވެރިޔާ މުޙައްމަދު ޒީޝާން ޢަލީ، ބުދަ ދުވަހު ޝެންޒޫ-24 ޖައްވީ އުޅަނދުގައި ޖައްވީ ސްޓޭޝަނަށް ގޮސް، ޝެންޒޫ-23 މިޝަންގެ ތިން ފަޅުވެރިންނާ ގުޅިފައި ވެއެވެ.  މި ދަތުރުގެ ޓީމާއެކު ޖުމްލަ ހަ ފަޅުވެރިން ޖައްވުގައި ތިބޭނެ އެވެ.

ޒީޝާން އަލީ ގެންދިޔަ ކާނާގެ މެނޫ ތައްޔާރުކޮށްފައިވަނީ އޭނާގެ ކެއުމުގެ ވައްޓަފާޅިއާއި، އަދި ހަށިގަނޑަށް ބޭނުންވާ ކާނާގެ މާއްދާތަކަށް ބަލައިގެންނެވެ. މިއީ ޖައްވީ ސްޓޭޝަނަށް ޒިޔާރަތްކުރާ ފަޅުވެރިއަކަށް ހަމަޖައްސާފައިވާ ތަފާތު އިންތިޒާމެކެވެ.

މި ކާނާތަކުގެ ތެރޭގައި ޕާކިސްތާނުގެ މަގުބޫލު ކާނާތައް ކަމަށްވާ ބީފް ނިހާރީ، ލޭމްބް ކޯރްމާ، ކަރީ ޗިކްޕީސް އަދި ބަޓަރ ޗިކަން ހިމެނެއެވެ. މި މެނޫ އެކުލަވާލުމުގައި ޕާކިސްތާނުގެ ކެއުމުގެ އާދަތަކާއި، ސަގާފަތާއި، ކާނާގެ ބޭނުންތައް ދިރާސާކޮށް ގެންނެވެ.

ޗައިނާ އެސްޓްރޮނޯޓް ސެންޓަރުގެ ރިސާޗަރ ޗެން ޖުންލީ ވިދާޅުވީ، މި ކާނާތައް ރާވާފައިވަނީ ޚާއްސަކޮށް ޖައްވުގައި ހޭދަކުރާ ފުރަތަމަ ދުވަސްތަކުގައި ހަށިގަނޑަށް ލުއި އަދި ފަސޭހައިން ހަޖަމުކުރެވޭ ގޮތަށް، އެކަށީގެންވާ ހަކަތައާއި ކާނާ ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ.

މީގެ އިތުރުން، މި ކާނާ އުފެއްދުމުގެ މުޅި މަރުހަލާގައި ޙަލާލު އުސޫލުތަކަށް ފުރިހަމައަށް ރިއާޔަތް ކޮށްފައިވެއެވެ. އަދި މި ކާނާތަކުގެ ރަހަ ތަކުރާރުކޮށް ބަލައި، ޕާކިސްތާނުގެ ފަޅުވެރިންގެ ފަރާތުން ލިބުނު ޚިޔާލުތަކަށް ބިނާކޮށް ރެސިޕީތަކަށް ބަދަލު ގެނެސްފައިވެއެވެ.

ޚާއްސަކޮށް ފަރުމާކޮށްފައިވާ މި ކޮއްތު ބޭނުންކުރާނީ، ޝެންޒޫ-23 އަދި ޝެންޒޫ-24 ގެ ފަޅުވެރިން އެކުގައި ބާއްވާ ޚާއްސަ ކެއުމުގައެވެ. މީގެ ސަބަބުން ފަޅުވެރިންގެ ތަފާތު ކެއުމުގެ ޚިޔާލުތަކަށް ޖާގަ ދެމުން، އެންމެން އެކުގައި ކެއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޖައްވީ ކޮންމެ ދަތުރެއް ރޭވުމުގައި ކާނާއަކީ މުހިންމު ބައެކެވެ. ޖައްވީ އުޅަނދެއްގައި ނުވަތަ ސްޓޭޝަނެއްގައި އާންމުކޮށް ކައްކާ އުސޫލުން ކެއްކުމުގެ ފުރުސަތު ފަޅުވެރިންނަށް ނޯންނާތީ، ކާނާ ތައްޔާރުކޮށް، ޕެކްކޮށް، ރައްކާކުރަނީ ބިމުގައެވެ. އަދި ޖައްވުގައި ހޭދަކުރާ މުއްދަތުގައި ފަޅުވެރިންގެ ސިއްހަތު ދެމެހެއްޓުމަށް ބޭނުންވާ ކާނާގެ މާއްދާތައް އެ ކާނާތަކުގައި ހުންނަން ޖެހެއެވެ.

ޢުމުރުން 40 އަހަރުގެ ޕައިލެޓް ޒީޝާން ޢަލީ ޖައްވީ ސްޓޭޝަން ޓިއަންގޮންގަށް ދިޔުމަކީ ޗައިނާ އާއި ޕާކިސްތާނުގެ ޖައްވީ އެއްބާރުލުމުގައި ލިބުނު އިތުރު ކުރިއެރުމެކެވެ. އޭނާ ވެފައިވަނީ ޓިއަންގޮންގަށް އެރި ޕާކިސްތާނުގެ ފުރަތަމަ ފަޅުވެރިޔާ އަދި ބޭރު ޤައުމެއްގެ ފުރަތަމަ ފަޅުވެރިޔާއަށެވެ. ޖައްވުގައި 10 ދުވަހުގެ މުއްދަތެއް ހޭދަކޮށް، ސައިންޓިފިކް ތަޖުރިބާތަކުގައި ބައިވެރިވުމަށް ފަހު އޭނާ ބިމަށް އެނބުރި އަންނާނީ ޝެންޒޫ-23 ޖައްވީ އުޅަނދުގައެވެ.

ހިއްސާ ކުރައްވާ!