ޓައިވާންގައި ނޮވެމްބަރު 28 ގައި ބާއްވާ ލޯކަލް އިންތިޚާބުތަކަށް އަމާޒުކޮށް، ޗައިނާއާ ގުޅުންހުރި ވަޕާސޮނާތަކާއިގު އައިޑީތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ވީޑިއޯތައް ބޭނުންކޮށްގެން ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށް ނިއުޔޯކު ޓައިމްސްއިން ރިޕޯޓުކޮށްފިއެވެ. ޓައިވާންގެ އެކި ސިޓީތަކާއި ކައުންޓީތަކުން 11,000 އަށް ވުރެ ގިނަ މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ މި އިންތިޚާބުތަކާ ދިމާކޮށް، މީސް މީޑިއާގެ ޕްލެޓްފޯމުތައް މެދުވެރިކޮށް ވޯޓުލާ މީހުންގެ ޚިޔާލު ބަދަލުކުރުމަށް އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
ޗައިނާއިން ޓައިވާން އަކީ އަމިއްލަ ވެރިކަމެއް ހިންގާ ޑިމޮކްރަސީއެއްގެ ގޮތުގައި ބަލައި ނުގަނެއެވެ. ޗައިނާއިން ދެކެނީ ޖަޒީރާ އަކީ ޗައިނާގެ ބާޣީ ސަރަހައްދެއްގެ ގޮތުގަ އެވެ. މި އިންތިޚާބުތަކަކީ ޓައިވާންގެ ރައީސް ލައި ޗިންގ-ޓޭގެ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ) އަށް އޮތް ތާއީދު ވަޒަންކުރެވޭ މުހިންމު އިންތިޚާބެކެވެ. ޗައިނާއިން ޑީޕީޕީ ސިފަކުރަނީ "ވަކިވެގަތުމަށް މަސައްކަތްކުރާ" ބައެއްގެ ގޮތުގައެވެ. އިންތިޚާބާ ގުޅިގެން ޤާނޫނު ތަންފީޒުކުރާ އިދާރާތަކުންނާއި ޑިޕްލޮމެޓުންނާއި ޓެކްނޮލޮޖީ މާހިރުން ގެންދަނީ ބޭރުގެ ފަރާތްތަކުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ޑިސްއިންފޮމޭޝަން ކެމްޕޭންތަކާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ.
އޮފިޝަލުންނާއި އެތެރޭގެ ރިޕޯޓުތަކާ ހަވާލާދީ ނިއުޔޯކު ޓައިމްސްއިން ގެނަސްދީފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، ޓައިވާނުން މެޓާއަށް ފާހަގަކޮށްދިން އެކައުންޓުތަކުގެ ތެރެއިން ގާތްގަނޑަކަށް 260 އެކައުންޓަކުން 2,150 އަށް ވުރެ ގިނަ އޭއައި ވީޑިއޯ ފަތުރާފައިވެއެވެ.
އެ ވީޑިއޯތަކަށް 2.35 މިލިއަން ކޮމެންޓްތަކާއި ޝެއާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ގިނަ ވީޑިއޯތަކުން އަމާޒުކޮށްފައިވަނީ ޑީޕީޕީގެ ސިޔާސީ ބޭފުޅުންނާއި އެ ޕާޓީގެ ސިޔާސަތުތަކަށެވެ. އޭގެ ތެރޭގައި ޓައިޕޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑީޕީޕީގެ ކެންޑިޑޭޓް ޕޫމާ ޝެން އާ ގުޅޭ ވީޑިއޯތައް ވެސް ހިމެނެއެވެ. އޭނާ ދަރިވަރެއްގެ ގޮތުގައި ހުންނެވި އިރު ބުލީ ކުރެއްވި ކަމުގެ ތުހުމަތުތައް ވެސް ބައެއް ވީޑިއޯތަކުގައި ކޮށްފައިވެއެވެ. ނަމަވެސް ޝެން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
މީގެ އިތުރުން، ޗައިނާއާ ގުޅުންހުރި ކަމަށް ބެލެވޭ އެކައުންޓުތަކުން ޓައިވާންގެ ޢާންމު ރައްޔިތުންގެ ގޮތުގައި ދައްކައިގެން ފުރަތަމަ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ކަމަށް އޮފިޝަލުން ފާހަގަކުރެއެވެ. އެގޮތުން، ފާލަ ބެލުން ފަދަ ޢާންމު ދިރިއުޅުމުގެ ކަންކަމާ ގުޅޭ ޕޯސްޓުތައް ކުރުމަށް ފަހު، ފަހުން ސަރުކާރަށް ފާޑުކިޔައި، ކެންޑިޑޭޓުންނަށް ހަމަލާދީ، ވެރިކަންކުރާ ޕާޓީއާ މެދު މާޔޫސްވެ ވޯޓު ނުދޭން ނިންމާފައިވާ ކަމަށް ބުނެ ޕޯސްޓުތައް ފަތުރާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ޓައިވާންގެ ޖަސްޓިސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުއާންގް މޫޝިން ވިދާޅުވެފައިވަނީ، ޗައިނާއިން އަންނަ އިންތިޚާބީ ނުފޫޒުތަކުން އުފެދޭ ޖިނާޢީ ޢަމަލުތަކަށާއި، ވޯޓު ގަތުމަށާއި، އިންތިޚާބާ ގުޅޭ ހަމަނުޖެހުންތަކަށާއި، ދޮގު މަޢުލޫމާތު ފެތުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ.
ޓައިވާންގެ ރައީސް ލައި ޗިންގ-ޓޭ ވެސް ވަނީ ލޯކަލް އިންތިޚާބުތަކާ ގުޅިގެން ދޮގު މަޢުލޫމާތު ފެތުރުމާއި، އަބުރު ކަތިލުމުގެ ކެމްޕޭންތަކާއި، ކެންޑިޑޭޓުންގެ ވެބްސައިޓުތަކަށް ދޭ ސައިބަރ ހަމަލާތައް އިތުރުވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ބޭރުގެ ފޯނު ނަންބަރުތަކުން އެކައުންޓްތައް ރަޖިސްޓްރީކޮށްފައި ހުރި ނަމަވެސް ލޮކޭޝަންގެ ގޮތުގައި ޓައިވާން ދައްކާ، ޝައްކުކުރެވޭ މީސް މީޑިއާ އެކައުންޓުތަކެއް ފަހަކަށް އައިސް ގިނަ ޢަދަދަކަށް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓައިޕޭ، ކައޯޝިއުންގް އަދި ހިންޗޫގައި ވެސް ކެމްޕޭން ޓީމުތަކުގެ ވެބްސައިޓުތަކަށް ސައިބަރ ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށާއި، ވޯޓުލާ މީހުން ދޮގު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އިންތިޚާބުތަކަށް ލިބޭނެ ގެއްލުމެއް ކަމަށް ލައި ވިދާޅުވިއެވެ.





