ޗައިނާއިން ބަންގްލަދޭޝްއަށް ފޮނުވި މިސައިލް އުފައްދާ ކެމިކަލް ހިމެނޭ ބޯޓެއް އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިން ހިފަހައްޓައިފި

ޗައިނާއިން ބަންގްލަދޭޝްގެ މޮންގްލާ ބަނދަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއްގައި، ރޮކެޓާއި މިސައިލްގެ އުފެއްދުމަށް ބޭނުންކުރާ 405 ޓަނުގެ ސޯޑިއަމް ޕަރކްލޮރޭޓާއި ރަޖިސްޓްރީ ނުކުރާ އެތައް މިލިއަން ސިމް ކާޑުތަކެއް ހުރުމުން އެ ބޯޓު  އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިން އެ ބޯޓު ހިފަހައްޓައިފިއެވެ. އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރަކު ވިދާޅުވި ގޮތުގައި، އަތުލައިގަނެވުނު މި ކެމިކަލްގެ މިންވަރުން ގާތްގަނޑަކަށް 100 މިސައިލް އުފެއްދުމުގެ ޤާބިލުކަން ލިބިގެންދެއެވެ.

ކޮމޮރޯސްގެ ދިދަ ޖަހައިގެން ދަތުރުކުރަމުންދިޔަ "އެމް.ވީ ސްޓާރ ލައިންސް" ނަމަކަށް ކިޔާ މި ބޯޓު ޗައިނާގެ ލިއަންޔުންގަންގް ބަނދަރުން ފުރައިގެން ބަންގްލަދޭޝްގެ މޮންގްލާ ބަނދަރަށް ދަތުރުކުރަމުން ދަނިކޮށް އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިން އަތުލައިގަނެފައިވަނީ ނޮވެންބަރު 7 ވަނަ ދުވަހު، އުތުރު ސުމަޓްރާގެ ބެލަވާން ބޭރު ކަނޑުގެ ސަރަޙައްދުންނެވެ. ނޮވެންބަރު 8 ވަނަ ދުވަހު މޮންގްލާ ބަނދަރަށް ވަނުމަށް ތާވަލުކޮށްފައި އޮތް މި ބޯޓު ހިފެހެއްޓިކަން އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިން ރަސްމީކޮށް ހާމަކޮށްފައިވަނީ ނޮވެންބަރު 20 ވަނަ ދުވަހު ބެލަވާންގައި ހުންނަ ނޭވީ ރީޖަނަލް ކޮމާންޑް 1 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިންގެ ޕެޓްރޯލް އުޅަނދު "ކޭ.އާރް.އައި ސިގާލޫ-857″ އިން މި ބޯޓު ހުއްޓުވާފައިވަނީ، ތާވަލުގައި ނެތް ގޮތަކަށް ތެޔޮ އެޅުމަށް ކަމަށް ބުނެ ބެލަވާންގެ ކަނޑުގެ ސަރަޙައްދުގައި މަޑުކޮށް، އާދަޔާ ޚިލާފު ޙަރަކާތްތަކެއް ހިންގަމުންދާކަން ރާޑަރަށް ފާހަގަކުރެވުމާ ގުޅިގެންނެވެ. އަދި ރޭޑިއޯ މުވާޞަލާތީ ގުޅުންތަކަށް ބޯޓުން ޖަވާބު ނުދިނުމުގެ އިތުރުން، ދަތުރުމަތީގައި ބޯޓުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭ.އައި.އެސް) ނިއްވާލާފައިވާ ކަމަށް ބެލެވޭތީ، ބޯޓު ބަލައި ފާސްކުރުމަށް ކޮމާންޑަރު އަމުރުކުރެއްވިއެވެ.

ބޯޓުގައި ހުރި 36 ކޮންޓެއިނަރު ބަލައި ފާސްކުރިއިރު، އޭގެ ތެރެއިން 15 ކޮންޓެއިނަރުގައި 405 ޓަނުގެ ސޯޑިއަމް ޕަރކްލޮރޭޓް ރައްކާކޮށްފައި ހުރިކަން ވަނީ ހޯދިފައެވެ. މީގެއިތުރުން، ރަޖިސްޓްރީ ނުކުރާ ހުސް 4ޖީ އެލް.ޓީ.އީ ސިމް ކާޑުތައް ހިމެނޭ 54 ޕެލެޓްވެސް ބޯޓުން ފެނިފައިވާ ކަމަށް ބަންގްލަދޭޝްގެ ދުވަހު ނޫސް "ދަ ބިޒްނަސް ސްޓޭންޑަޑް" އިން ރިޕޯޓުކޮށްފައިވެއެވެ.

ސޯޑިއަމް ޕަރކްލޮރޭޓަކީ އަމިއްލައަށް ގޮވާ އެއްޗަކަށް ނުވި ނަމަވެސް، އެއީ ރޮކެޓާއި މިސައިލްގެ ތެޔޮ އުފެއްދުމުގައި އަލިފާން ރޯވުމަށް ބާރުދޭ ވަރުގަދަ އޮކްސިޑައިޒިންގ ކެމިކަލެކެވެ. އިންޑޮނޭޝިއާގެ ނޭވީ ރީޖަނަލް ކޮމާންޑް 1 ގެ ކޮމާންޑަރު ރިއަރ އެޑްމިރަލް ޑެނީ ސެޕްޓިއަން ވަނީ މިއީ މިސައިލް އުފެއްދުމުގައި ބޭނުންކުރާ ސްޓްރެޓެޖިކް މާއްދާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ބަންގްލަދޭޝްގައި ކުދި ހަތިޔާރާއި ވަޒަން އުފައްދާ ސިފައިންގެ ސިނާޢަތެއް އޮތް ނަމަވެސް، ސޯޑިއަމް ޕަރކްލޮރޭޓް ބޭނުންކޮށްގެން ރޮކެޓާއި މިސައިލް އުފައްދާނެ އުމްރާނީ ވަސީލަތްތަކެއް އެ ޤައުމުގައި ނެތެވެ. އެހެންކަމުން، މިހާ ގިނަ ޢަދަދެއްގެ ކެމިކަލް ބަންގްލަދޭޝްއަށް ގެންދަނީ ކޮން ބޭނުމަކު، އަދި ކޮން ފަރާތަކަށްތޯ ވަނީ ބޮޑު ސުވާލަކަށް ވެފައެވެ. ތަޙުޤީޤީ އިދާރާތަކުން މިހާރު ދަނީ ބޯޓުގެ ފަޅުވެރިންނާއި، މުދާ އެތެރެކުރާ ފަރާތްތައް ދެނެގަތުމަށް އިމްޕޯޓް ޖެނެރަލް މެނިފެސްޓް ދިރާސާކުރަމުންނެވެ.

މި މައްސަލައިގެ އިތުރުން، ބޯޓުގެ ރަޖިސްޓްރީއާއި ލިޔެކިޔުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. ބޯޓުގެ ބައެއް ލިޔެކިޔުންތަކުގައި 2027 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ރަޖިސްޓްރީގެ މުއްދަތު އޮތް ކަމަށް ދައްކާއިރު، އަނެއްބައި ލިޔެކިޔުންތަކުން ދައްކަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހު މުއްދަތު ހަމަވެ، ރަޖިސްޓްރީ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ނުރައްކާތެރި މުދާ އުފުލުމުގެ ޤާނޫނުތަކާ ޚިލާފުވުމާއި، ބޯޓުގައި ހުންނަންޖެހޭ ސަލާމަތީ އާލާތްތައް ފުރިހަމަނުވާ މައްސަލަވެސް އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިން ދަނީ ތަޙުޤީޤުކުރަމުންނެވެ.

ބޯޓު ދަތުރުކުރަމުންދިޔަ މޮންގްލާ ބަނދަރަކީ ބަންގްލަދޭޝްގެ ދެވަނައަށް އެންމެ ބޮޑު ކަނޑުގެ ބަނދަރެވެ. 2015 އަދި 2018 ވަނަ އަހަރު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދަށުން އިންޑިއާއިން މި ބަނދަރު ބޭނުންކުރުމުގެ ހުއްދަ ހޯދައި، ޚުލްނާ-މޮންގްލާ ރޭލު މަގަށް ޚަރަދުކޮށްފައިވާއިރު، ފަހަކަށް އައިސް ޗައިނާއިންވެސް ދަނީ މި ސަރަޙައްދުގައި އިޤްތިޞާދީ ނުފޫޒު ގަދަކުރަމުންނެވެ. އެގޮތުން، 2025 ވަނަ އަހަރު އިންޑިއާގެ މަޝްރޫޢެއް ހުއްޓާލުމަށްފަހު، 2026 ވަނަ އަހަރުގެ ޖޫން މަހު ބަންގްލަދޭޝްއިން ވަނީ މޮންގްލާ ކައިރިން 110 އޭކަރުގެ ބިމެއްގައި އިޤްތިޞާދީ ސަރަޙައްދެއް ތަރައްޤީކުރުމަށް ޗައިނާގެ ސަރުކާރު ކުންފުންޏަކާ ހަވާލުކޮށް، ބަނދަރު ޒަމާނީ ކުރުމަށް ޗައިނާއިން ގާތްގަނޑަކަށް 336 މިލިއަން ޑޮލަރުގެ ލޯނެއްވެސް ހަމަޖައްސާފައެވެ.

ހިއްސާ ކުރައްވާ!