މިސްރުގައި އަރިއަޅާލާފައިވާ ޢިމާރާތެއް، ސަރުކާރަށް އެންގުމަކާ ނުލައި ސީދާކޮށްފައިވާ މީހާއަކީ އިންޖިނޭރެއް ނޫން ކަމަށް ބުނެ ސަރުކާރުން މައްސަލަ ބަލަން ފަށައިފިއެވެ. މިޞްރުގެ ދަޤަހްލިއްޔާ ގަވަރުނޭޓްގެ އައްސިންބިއްލާވީން ސެންޓަރުގެ ދަށުގައި އޮންނަ ޣަޒާލާ އަވަށުގައި އިމާރާތެއް އަރި އަޅާލުމުން ސަރުކާރުން ވަނީ އެ އިމާރާތުން މީހުން ހުސްކޮށްފައެވެ.
"އެމްބީސީ މިޞްރު" ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި ސަރުކާރުން ބުނެފައި ވަނީ އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލައި ނުވަތަ އިދާރާތަކަށް އެނގުމަކާ ނުލައި އެ ޢިމާރާތް ސީދާކޮށްފައިވާ ކަން ތަންފީޒީ އިދާރާތަކަށް އެނގުނީ މީގެ ތިން ދުވަސް ކުރިންނެވެ. ފާއިތުވި ސެޕްޓެންބަރު މަހުގެ ތެރޭގައި އެ ޢިމާރާތް 120 ސެންޓިމީޓަރަށް އަރިއަޅާލާފައިވާކަން ފާހަގަކުރެވިގެން މީހުން ހުސްކުރުވިއެވެ.
މި ހާދިސާގެ ފަސްމަންޒަރަށް އަލިއަޅުއްވާލައްވަމުން ގަވަރުނަރު ވިދާޅުވީ، ޢިމާރާތް އަރިއަޅާލާފައިވާކަން ފާހަގަކުރެވުމާއެކު، ވެއްޓުމުގެ ބިރު އޮތް ޢިމާރާތްތައް ބަލައި ފާސްކުރާ ޚާއްސަ ކޮމިޓީތަކުން ވަގުތުން އެ ތަނަށް ގޮސް ބެލުމަށްފަހު ޢިމާރާތް ހުސްކުރުމަށް ނިންމި ކަމަށެވެ. އަދި ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށްޓަކައި އެ ނިންމުން އޭރު ވަނީ ޢަމަލީގޮތުން ތަންފީޒުކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް، އޭގެ ފަހުން ސަރުކާރާއި އިދާރާތައް ހައިރާންކޮށްލީ އެ ޢިމާރާތް އަމިއްލައަށް ސީދާކުރުމުގެ މަސައްކަތް އާންމު މީހަކު ކޮށްފައިވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން ގަވަރުނޭޓާއި އެ ޢިމާރާތް ސީދާކުރި މީހާއާ ދެމެދު ޒާތީ އެއްވެސް ޢަދާވާތްތެރިކަމެއް ނެތްކަން މަރްޒޫޤު ކަށަވަރުކޮށްދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު އެ އިމާރާތް ބަލައި އަޅަމުންދާ ފިޔަވަޅުތަކެއްގެ މަޤުޞަދަކީ ޢިމާރާތުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ޢާންމު ރައްޔިތުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅުނަ ނުދިނުމެވެ. މި މައްސަލައިގައި ލައިސަންސް ނެތި މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅިގެން މިޞްރުގެ އިންޖިނޭރުންގެ ޖަމުއިއްޔާއިން ވަނީ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމީހާއަށް ދީފައެވެ.
ޢިމާރާތުގެ ޙާލަތު ދެނެގަތުމަށްޓަކައި އިންޖިނިއަރިންގ ފެކަލްޓީގެ ޚާއްސަ ފަންނީ ކޮމިޓީތަކުން އެ ޢިމާރާތް ބަލައި ފާސްކޮށް، އެ ތަން ސީދާކުރުމަށް ބޭނުންކޮށްފައިވާ އުޞޫލުތައް ދިރާސާކުރާނެ ކަމަށް ގަވަރުނަރު ހާމަކުރެއްވިއެވެ. މި ދިރާސާގެ ތެރެއިން ޢިމާރާތުގައި ރައްކާތެރިކަމުގެ މިންގަނޑުތައް ހުރި މިންވަރާއި، ޢިމާރާތުގެ އޮނިގަނޑުގެ ވަރުގަދަކަން ކަށަވަރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފަންނީ ޓެސްޓުތަކުގެ ނަތީޖާއިން ޢިމާރާތަކީ ރައްކާތެރި ތަނެއްކަން ސާބިތުވެއްޖެނަމަ، އެ ތަން ބޭނުންކުރުމުގެ ޞައްޙަކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އިތުރު ޤާނޫނީ އަދި އިދާރީ ފިޔަވަޅުތައް ފުރިހަމަކުރާނެ ކަމަށް މަރްޒޫޤު ވިދާޅުވިއެވެ. އެހެންނަމަވެސް، ޢިމާރާތް އަލުން ވެއްޓުމުގެ ނުރައްކާ އޮތްކަމަށް ފާހަގަކުރެވިއްޖެނަމަ، އެ ތަނުގެ އެތެރޭގައި އެއްވެސް މީހަކު ހުރެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

