ހަނގުރާމައިގެ ޖަރީމާތައް ހިންގުމުން ޓްރަމްޕާ ދެކޮޅަށް އީރާނުން ދައުވާ ކުރަނީ

އީރާނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ބައިނަލްއަޤްވާމީ ޤާނޫނީ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ތެހެރާނުން އިޢުލާންކޮށްފިއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ޔޫރަޕްގެ ހަތަރު ޤައުމަކާއި އެމެރިކާގެ ކޯޓުތަކުގައި ހަނގުރާމައިގެ ޖަރީމާތަކުގެ ދަޢުވާ އުފުލުމާއި ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމުގެ ޝަރުޠެއްގެ ގޮތުން އީރާނުގެ ޝަރުޠުތައް ޤަބޫލުކޮށް، ޢަހުދުތައް ފުއްދުމަށް ވޮޝިންޓަނަށް އީރާނުން ވަނީ ލާޒިމުކޮށްފައެވެ.

އީރާނުގެ ރައީސްގެ ޤާނޫނީ ކަންކަމާބެހޭ އެހީތެރިޔާ މަޖީދު އަންޞާރީ ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި ދަޢުވާތައް ހުށަހެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އީރާނުގެ ރަސްމީ ޚަބަރު އެޖެންސީ، އިރްނާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލީޑަރުންނާއި އޮފިޝަލުން ގެތަކުގައި ޢާއިލާގެ މެންބަރުންގެ ތެރޭގައި ތިއްބަވަނިކޮށް އަމާޒުކޮށް ޣީލާ މަރަކުން މަރާލުމަށް ހަމަލާ ދިނުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ ޚިލާފް ޢަމަލެއް ކަމަށް އަންޞާރީ ސިފަކުރެއްވިއެވެ. އަދި ޓްރަމްޕްގެ ސަރުކާރުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކާ ޞަރީޙަކޮށް ޚިލާފްވެފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެ އޮޕަރޭޝަންތަކަކީ "ޢުދުވާނީ ޢަމަލުތައް" ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފިޔަވަޅުތަކާއެކު، އީރާނުގެ އިސް އޮފިޝަލުންގެ ބަޔާންތަކުން އެނގެނީ ޤާނޫނީ، ޑިޕްލޮމެޓިކް އަދި ދިފާޢީ ގޮތުންވެސް އީރާނުން ވަރުގަދަ ސްޓްރެޓެޖީއެއް ގެންގުޅޭ މަންޒަރެވެ. އީރާނުގެ ޕާލަމެންޓްގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ޕާލަމެންޓްގެ ޖަލްސާއެއްގައި ވިދާޅުވީ، "ޢަދުއްވު" ގެ ގޮތުގައި ސިފަކުރެއްވި ފަރާތްތަކުގެ ކުރިމަތީގައި ދިފާޢީ އަދި ސިފައިންގެ ދާއިރާއިން އީރާން މިހާރު ވަނީ އެމީހުންގެ ކުރިއެރުން ހުއްޓުވުމުގެ ޤާބިލުކަން ޤާއިމުކުރެވޭ ހިސާބަށް ވާޞިލުވެފައި ކަމަށެވެ. ހަމައެއާއެކު، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރަޟާއީ ފާހަގަކުރެއްވި ގޮތުގައި، 2026 ވަނަ އަހަރުގެ އީރާނަކީ 1943 ވަނަ އަހަރުގެ ތެހެރާން ކޮންފަރެންސް ނުވަތަ 1945 ވަނަ އަހަރުގެ ޔާލްޓާ ކޮންފަރެންސް އޮތް ދުވަސްވަރުގެ އީރާނެއް ނޫން ކަމަށާއި، 2026 ވަނަ އަހަރުގެ އެމެރިކާއަކީވެސް އެ ޒަމާނުގެ އެމެރިކާއެއް ނޫން ކަމަށެވެ.

ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ސިފައިންގެ ފެންވަރުގައި ހިނގާ ހަމަނުޖެހުންތައް އިތުރުވިޔަ ނުދިނުމަށް ޤަޠަރުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތައް އަލުން ފެށުމުގެ ޑިޕްލޮމެޓިކް މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވީ، ޤަޠަރުގެ ވަފުދެއް ތެހެރާނަށް ޒިޔާރަތްކުރުމަކީ ޢާދަޔާ ޚިލާފު ކަމެއް ނޫން ކަމަށާއި، މެދުވެރިން ބައްދަލުވުންތަކުގައި ޚިޔާލުތަކާއި ހުށަހެޅުންތައް ބަދަލުކުރާ ކަމަށެވެ. އެހެންނަމަވެސް، ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުން އޮތީ ވޮޝިންޓަނުން އީރާނުގެ ޝަރުޠުތައް ޤަބޫލުކޮށް، އެ ޤައުމުގެ ޢަހުދުތައް ފުއްދުމުގެ މައްޗަށް ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.

ހިއްސާ ކުރައްވާ!