ނިއުދިއްލީގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ގެ ފުރަތަމަ ސިވިލައިޒޭޝަނަލް ޑައެލޮގް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ޕާކިސްތާނުގެ ވަފުދަށް ތާޖް މަހަލްއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދީފިއެވެ، ނަމަވެސް ނިއުދިއްލީގައި ހުންނަ ވަލީވެރިޔާ ނިޒާމުއްދީންގެ ޒިޔާރަތަށް ދިއުމުގެ ސަލާމަތީ ހުއްދަ ދީފައިނުވާކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.
ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ ފޯ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓަލް ކޯޑިނޭޝަން މުޞައްދިޤު މަސްޢޫދު މާލިކް އިސްކޮށް ހުންނަވާ މި ވަފުދަށް، ދިއްލީގެ ސަލާމަތީ ހުއްދަ ލިބިފައިވާ އެހެނިހެން ތަންތަނަށްވެސް ޒިޔާރަތްކުރެވޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި ހުމާޔޫންގެ މަގްބަރާއާއި ދިއްލީ ހާޓް ބާޒާރު ހިމެނެއެވެ. ނަމަވެސް، ނިޒާމުއްދީން ގެ ޒިޔާރަތަށް ނަދުރު ބުނުމަށް ދިއުމަށް އެދި ވަފުދުން ހުށަހެޅި ހުށަހެޅުން ސަލާމަތީ އިދާރާތަކުންނާއި އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ރައްދުކޮށްފައެވެ.
ނޮވެންބަރު 20 އިން 22 އަށް ނިއުދިއްލީގައި ބާއްވާ މި ތިން ދުވަހުގެ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ވަފުދު ވަޑައިގަތީ ހުކުރު ދުވަހު އެވެ. މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ވަޒީރަކު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މާލިކް އެއަރޕޯޓުން ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވީ އިންޑިއާގައި ހުންނަ ޕާކިސްތާން ހައިކޮމިޝަންގެ ޝާޒޭ ސާދު ވައްރައިޗްއެވެ.
މާލިކް ވަޑައިގެންނެވިކަން ކަށަވަރުކޮށްދީ، އިންޑިއާގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނުން މީސް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފެޑެރަލް މިނިސްޓަރ ފޯ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓަލް ކޯޑިނޭޝަން ޑރ. މުޞައްދިޤު މާލިކް ނިއުދިއްލީއަށް ވަޑައިގެންފި ކަމަށާއި، އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވި ކަމަށެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނާ ގޮތުގައި، މި ފޯރަމްގައި އިސްލާމްއާބާދު ތަމްސީލުކުރައްވައި، ޙަޟާރީ މައްސަލަތަކާ މެދު ވާހަކަ ދައްކަވާނެއެވެ. މި ފުރަތަމަ ފޯރަމްގައި ބައިވެރިވުމަށް އިންޑިއާއިން ވަނީ އެސް.ސީ.އޯ ގެ ހުރިހާ 10 މެންބަރު ޤައުމަކަށާއި، އޮބްޒާވަރ ޤައުމުތަކުގެ އިތުރުން ޕާޓްނަރުންނަށް ދަޢުވަތު ދީފައެވެ.
މި ތިން ދުވަހުގެ ޕްރޮގްރާމް ހުކުރު ދުވަހުގެ ހަވީރު އިފްތިތާޙުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. މި ޕްރޮގްރާމުގައި އެސް.ސީ.އޯ ސަރަޙައްދުގެ ޙަޟާރަތީ ތަރިކަތަކާއި، ސަޤާފީ ގުޅުންތަކާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
މި އިސްނެގުމަކީ، 2025 ވަނަ އަހަރު ޗައިނާގެ ޓިއަންޖިންގައި ބޭއްވުނު އެސް.ސީ.އޯ ސަމިޓްގައި، މި ޖަމުޢިއްޔާގެ ދަށުން ޙަޟާރަތީ ވާހަކަދެކެވުންތަކަށް ޚާއްސަ ޕްލެޓްފޯމެއް ޤާއިމުކުރުމަށް ބޮޑުވަޒީރު މޯދީ ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެން އައި ކަމެކެވެ. މި ފޯރަމްގެ ޚާއްސަ ސެޝަންތަކުގައި ސަޤާފީ ޙަރަކާތްތަކާއި، ފަންނުވެރިކަމާއި ޢިމާރާތްކުރުމުގެ ފަންނުތަކުގެ އިތުރުން، ބަހާއި އަދަބީ އާދަކާދަތަކާއި ފަލްސަފާގެ ތަރިކަތަކާ ގުޅޭ މަޢުލޫމާތު ބަދަލު ކުރުން ހިމެނެއެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގައި އިންޑިއާ، ޕާކިސްތާން، ޗައިނާ އަދި ރަޝިޔާ ހިމެނޭހެން 10 މެންބަރު ޤައުމު ބައިވެރި ވެއެވެ. 2017 ވަނަ އަހަރު އިންޑިއާ ވަނީ މި ޖަމުޢިއްޔާގެ ފުރިހަމަ މެންބަރަކަށް ވެފައެވެ.





