ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފަށް ފަސް އަހަރުގެ ދައުރު ފުރިހަމަކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ޗެއާމަން ބިލާވަލް ބުއްޓޫ ޒަރްދާރީ، އިޢުލާން ކުރައްވައިފިއެވެ. 1947 ވަނަ އަހަރު ޕާކިސްތާން އުފެދުނީއްސުރެ، އިންތިޚާބު ކުރެވުނު އެއްވެސް ބޮޑުވަޒީރަކަށް އެ ޤައުމުގައި ފަސް އަހަރުގެ ޤާނޫނީ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެއެވެ.
ކަރާޗީގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ބިލާވަލް ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށްޓަކައި ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ކުރައްވާ މަސައްތަށް ސަޕޯޓުދީ ފުރުޞަތު ދޭންޖެހޭ ކަމަށެވެ.
"އަޅުގަނޑުގެ މަޤުޞަދަކީ ބޮޑުވަޒީރުގެ މަގާމު ވަރުގަދަކުރުން. އާންމު ގޮތެއްގައި ސިޔާސީ ބޭފުޅުން ކުރައްވާ ކަމަކީ ބޮޑުވަޒީރަށް ދަތިތައް ކުރިމަތިކޮށް، އެމަނިކުފާނު މަޤާމުން ދުރުކުރުމަށް ރޭވުންތައް ރާވައި އެ ގޮނޑި އަމިއްލަކުރުން. އަޅުގަނޑު އެކަމެއް ނުކުރާނަން،" ބިލާވަލް ވިދާޅުވިއެވެ. "އަޅުގަނޑު މި ދަންނަވަނީ ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާ ފުރަތަމަ ބޮޑުވަޒީރަކަށް ޝެހެބާޒް ޝަރީފް ވެވަޑައިގަތުމަށް އަޅުގަނޑު ބޭނުންވާ ވާހަކަ." އޭނާ ވިދާޅުވިއެވެ.
މިހާތަނަށް އިޤްތިޞާދީ މައްސަލަތަކަށް ސަމާލުކަން ދެއްވުމުގެ ފުރުޞަތު ބޮޑުވަޒީރަށް ލިބިވަޑައިގެންފައި ނުވާކަން ފާހަގަކުރައްވަމުން ބިލާވަލް ވިދާޅުވީ، ބޮޑުވަޒީރު ކަމަކަށް ޕްލޭނެއް ހައްދަވާ ކޮންމެ ފަހަރަކު ފެޑެރަލް ކެބިނެޓުގެ ކޮންމެވެސް ވަޒީރަކު އެކަމަށް އިޢުތިރާޟް ކުރައްވައި، މައުޟޫޢު އޮޅުވާލުމަށްޓަކައި އަމިއްލަ އެޖެންޑާއެއް ހުށަހަޅުއްވާ ކަމަށެވެ.
ޤައުމަށް ކުރިއަށް އޮތްތަނުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ފެނިވަޑައިގަންނަވާތީ، ބޮޑުވަޒީރުގެ ދައުރު ފުރިހަމަވުމަށް އެދިވަޑައިގަންނަވާ ކަމަށް ބިލާވަލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އެއް ޕްރޮވިންސް އުފެއްދިޔަސް ނުވަތަ އެއްހާސް ޕްރޮވިންސް އުފެއްދިޔަސް ޕާކިސްތާނުގެ ޢާންމު ރައްޔިތުންގެ ހަމައެކަނި ކަންބޮޑުވުމަކީ ދުވާލަކު ދެއިރު ކާނެ އެއްޗެއް ލިބުން ކަމަށާއި، ޕީޕީޕީގެ ޝިޢާރު ކަމަށްވާ 'ރޮށި، ފޭރާން، ބޯހިޔާވަހިކަން' އަކީ ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތައް ކަމަށެވެ.
ޤައުމަށް ކުރިމަތިވެފައިވާ ޙަޤީޤީ މައްސަލަތަކާ ކުރިމަތިލެވޭނީ އެއް ޕާޓީ ނުވަތަ ދެ ޕާޓީގެ މަސައްކަތުން ނޫން ކަމަށާއި، އެކަމަށް ޤައުމީ ފެންވަރުގެ ގުޅިފައިވާ މަސައްކަތެއް ބޭނުންވާ ކަމަށް ބިލާވަލް ބާރުއަޅުއްވައި ވިދާޅުވިއެވެ. މިގޮތުން، ޖަމްޢިއްޔަތު ޢުލަމާއެ އިސްލާމް-ފަޟްލު (ޖޭޔޫއައި-އެފް) ގެ ވެރިޔާ މައުލާނާ ފަޟްލުއްރަޙްމާން ނުވަތަ ރައީސް އާޞިފް ޢަލީ ޒަރްދާރީއާއި ބިލާވަލްގެ ދައްތަ ފަރްޔާލް ތާލްޕޫރު ޖަލަށް ލެއްވި ޕާކިސްތާން ތަޙްރީކޭ އިންސާފް (ޕީޓީއައި) ގެ ބާނީ އިމްރާން ޚާން ސަރުކާރަށް ކަމުދިޔަސް ނުދިޔަސް، ޤައުމީ މަޞްލަޙަތަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑާއި ޚާން ޞާޙިބާ ދެމެދު އޮތް ސިޔާސީ ޚިޔާލު ތަފާތުވުންތަކާއި އޭނާގެ އަމިއްލަ ކުށްތައް އެއްފަރާތްކޮށްފައި ބަލާއިރު، އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތު އަދިވެސް އޮތީ އޭނާގެ ޕާޓީއަށް. އެހެންކަމުން، މި މައްސަލަތަކާ އެންމެން ގުޅިގެން ކުރިމަތިލާންޖެހޭނަމަ، އެ ފަރާތްތަކާ މަޝްވަރާކޮށް، ޕާލަމެންޓް ކޮމިޓީތަކުގައި އެ މީހުންގެ ދައުރު އަދާކުރުމަށް މަސައްކަތް ކުރަން އެބަ ޖެހޭ،" ބިލާވަލް ވިދާޅުވިއެވެ. އަދި ޒާތީ ބަދަލުހިފުމާއި އަމިއްލަ އެދުމުގެ މައްޗަށް ބިނާކޮށް ސިޔާސަތު ނުހިންގަވާނެ ކަމަށްވެސް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
ބިލާވަލްގެ މި ވާހަކަފުޅުތައް އައިސްފައިވަނީ، މި ހަފްތާގެ ކުރީކޮޅު އޭނާ ދެއްވި ވަރުގަދަ ތަޤުރީރަކާ ގުޅިގެން ވެރިކަންކުރާ ކޯލިޝަންގެ މައި ދެ ބައިވެރިން ކަމަށްވާ ޕީޕީޕީ އާއި ޕީއެމްއެލް-އެން އާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެ ތަޤުރީރުގައި ބިލާވަލް ވަނީ އައު ޕްރޮވިންސްތައް އުފެއްދުމަށާއި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމާ ދެކޮޅަށް އިންޒާރު ދެއްވައި، ދާޚިލީ ވަޒީރު މުޙްސިން ނަޤްވީ ރެފެރެންޑަމްއެއް ބޭއްވުމަށް ދެއްވި ލަފަޔަށް ފާޑުވިދާޅުވެފައެވެ. އެކަމާ ގުޅިގެން ދިފާޢީ ވަޒީރު ޚަވާޖާ އާޞިފް އާއި ޕީއެމްއެލް-އެން ގެ އެހެން ލީޑަރުން ބިލާވަލްއަށް ރައްދު ދެއްވުމުން، ބުދަ ދުވަހު ބިލާވަލް ވަނީ މީޑިއާ މެދުވެރިކޮށް ފެޑެރަލް ސަރުކާރުގެ ނިންމުންތަކާމެދު ސުވާލު އުފައްދަވާފައެވެ.
މި ނުތަނަވަސްކަމުގެ ތެރެއިން ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި ދާޚިލީ ވަޒީރު މުޙްސިން ނަޤްވީ ވަނީ ރައީސް އާޞިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވައި، އުފެދިފައިވާ ހުރިހާ މައްސަލަތަކެއް މަޝްވަރާގެ އުޞޫލުން ޙައްލުކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.





