ސިޔާސީ ނިޒާމު އިސްލާޙުކޮށް އިންތިޚާބީ ބަދަލުތަކެއް ނުގެނެސް ޤައުމުގެ މައްސަލަތަކަށް ޙައްލެއް ނުލިބޭނެ: ބިލާވަލް

ޕާކިސްތާނުގެ ވެރިކަމުގެ ނިޒާމު އަދި އަމިއްލައަށް ފުނޑިގެން ގޮސްފައިނުވާ ކަމަށާއި، އެ ނިޒާމު ގަސްތުގައި ބަލިކަށިކޮށްލާފައިވާ ކަމަށް ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީ.ޕީ.ޕީ) ގެ ޗެއާމަން ބިލާވަލް ބުއްޓޯ ޒަރްދާރ ވިދާޅުވެއްޖެއެވެ. ކަރާޗީ ޕްރެސް ކްލަބުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ޤައުމަށް ކުރިމަތިވެފައިވާ ފަޤީރުކަމާއި، ބިކަމާއި ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް އެކަށީގެންވާ ޙައްލެއް ހޯދޭނީ ސިޔާސީ އަދި އިންތިޚާބީ ނިޒާމަށް ހަރުދަނާ އިސްލާޙުތަކެއް ގެނެސްގެން ކަމަށެވެ.

ވެރިކަމުގެ ނިޒާމަށް ގެންންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބިލާވަލް ވިދާޅުވީ، ނިޒާމު ބަލިކަށިވެފައިވާކަމަށް އެންމެންވެސް އެއްބަސްވާ ކަމަށާއި، ނަމަވެސް އެ ނިޒާމު ދޭސީ ވެގެން ދިޔައީ ކީއްވެގެން ކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެމުން ނުދާ ކަމަށެވެ. އަދި ނިޒާމު އަލުން އަތުރާލައި ސިޔާސީ ނިޒާމު އިސްލާޙުކުރުމުގެ މަސައްކަތް ފަށަންވާނީ ޤާނޫނު ހަދާ މަޖިލީހުގެ ބާރުތައް އިޔާދަކޮށްދީގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންތިޚާބުތަކުގައި އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލަތަކަށް އަލިއޅުވާލައްވަމުން ބިލާވަލް ވިދާޅުވީ، އާންމުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭ ކމަށެވެ. އަދި، އިންތިޚާބީ ނިޒާމު އިސްލާޙުކުރަންޖެހޭ ކަމަށެވެ. މީގެއިތުރުން، އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ސިޔާސީ ބަދުހިފުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލަންޖެހޭނެ ކަމަށް ބިލާވަލް ވިދާޅުވިއެވެ.

ޤައުމުގެ އިޤްތިޞާދީ ޙާލަތަށް އިޝާރާތުކުރައްވަމުން ޕީ.ޕީ.ޕީ ޗެއާމަން ވިދާޅުވީ، އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ބޭސްފަރުވާއާއި ދަރިންގެ ތަޢުލީމީ ކަންކަމަށް ޚަރަދުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ހަރުދަނާ ސިޔާސަތުތަކެއް ޕާކިސްތާނަށް ނުގެނެސްފިނަމަ ކުރިއަށް އޮތް ތަނުގައި އުދަނުގޫ ޙާލަތުތައް އިތުރަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ހިއްސާ ކުރައްވާ!