އިމްރާން ޚާނާ މެދު އޯގާތެރިވުމަށް ފަރިޔާދު ދަންނަވައިފި

ޕާކިސްތާނުގެ ޖަލެއްގައި ބަންދުކޮށްފައިވާ އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ބުޝްރާ ބިބީއަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ހޯދައިދިނުމަށާއި، ސުޕްރީމް ކޯޓުގެ އަމުރުތައް ތަންފީޒުކުރުމަށް އެ ޤައުމުގެ ޖުޑީޝަރީއަށާއި ކަމާބެހޭ ފަރާތްތަކަށް ޕާކިސްތާން ބާ ކައުންސިލް (ޕީ.ބީ.ސީ) ގެ އިސް މެންބަރުން ފަރިޔާދު ދަންނަވައިފިއެވެ.

އިމްރާން ޚާނުގެ ޞިއްޙީ ޙާލަތާ ގުޅިގެން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ޢަމަލުކުރުމަށް ގޮވާލައި ޕީ.ބީ.ސީގެ އަށް މެންބަރަކު ވަނީ އަންގާރަ ދުވަހު ބަޔާނެއް ނެރުއްވާފައެވެ. އެ މެންބަރުން ވިދާޅުވީ، ޤާނޫނުއަސާސީން ލާޒިމުކުރާ އިންސާފުވެރި ޝަރީޢަތަކާއި ޞިއްޙީ ފަރުވާ ހޯދުމުގެ ޙައްޤު ޖަލުގައި ތިއްބަވާ ބޭފުޅުންނަށް ވެސް ލިބިދޭންޖެހޭނެ ކަމަށެވެ. އަދި ޝަރުޢީ ކޯޓުތަކުގެ އަމުރުތަކަށް ބޯނުލަނބައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރުމަކީ ޤާނޫނުގެ ވެރިކަމަށް ހުރަސްއެޅޭ ކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ވަނީ އިމްރާން ޚާން ޞިއްޙީ ފަރުވާއަށްޓަކައި ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް، އެ އަމުރާ އެއްގޮތަށް ޢަމަލުކުރުމުގެ ބަދަލުގައި ސަރުކާރުން ވަނީ އެމަނިކުފާނު ސަރުކާރުގެ ހޮސްޕިޓަލަކަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ބަދަލުކޮށްފައެވެ.

ފާއިތުވި ހަފުތާގައި، އިމްރާން ޚާން ވަނީ ފެޑެރަލް ކޮންސްޓިޓިއުޝަނަލް ކޯޓާއި، ސުޕްރީމް ކޯޓު އަދި އިސްލާމްއާބާދު ހައި ކޯޓުގެ ޗީފް ކަސްޓިސްއިންނަށް ފޮނުއްވި ސިޓީއެއްގައި، އެމަނިކުފާނާއި އަނބިކަނބަލުންނަށް ޞިއްޙީ ފަރުވާ ބޭނުންވާކަން ހާމަކުރައްވާފައެވެ. ޕީ.ބީ.ސީގެ ބަޔާނުގައި ސޮފުކޮށްފައިވާ ބޭފުޅުން ވިދާޅުވީ، އިމްރާން ޚާނަށް އެކަށީގެންވާ ޞިއްޙީ ފަރުވާއާއި ޤާނޫނީ ޓީމާ ބައްދަލުކުރުމުގެ ފުރުޞަތު ނުދިނުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޕާކސިްތާނު ސަރުކާރާއި ސިފައިން އިމްރާން ޚާނާ ދެކޮޅަށް އަމަލު ކުރާ ގޮތް ކުށްވެރިކޮށް ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗް.އާރު.ސީ.ޕީ) ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސިޔާސީ ކުށްވެރިންނަށް އިންސާނީ ކަރާމާތާއި އެކަށީގެންވާ ޞިއްޙީ ޚިދުމަތް ލިބިދިނުމަކީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. އަދި މިފަދަ ކަންކަމުގައި ޝަރުޢީ ނިޒާމުން މިނިވަން އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!