ސަލްމާން ބަލޫޗް ގެއްލުނުތާ ހަތަރު އަހަރު ފުރުނުއިރުވެސް ޚަބަރެއް ނުވުމުން، އިންސާފު ހޯދުމަށް އާއިލާއިން ކުރާ މަސައްކަތް ވަރުގަދަކޮށްފި

ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ވެރިރަށް ކުއެޓާއިން 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހު ނިޒާމުން ގެއްލުވާލި ކަމަށް ތުހުމަތުކުރެވޭ ސަލްމާން ބަލޫޗް ގެއްލުނުތާ ހަތަރު އަހަރު ފުރުނުއިރުވެސް އޭނާ ވީތަނެއް ނޭނގޭތީ، އޭނާ ސަލާމަތުން އަނބުރާ ހޯދުމަށާއި އެކަމުގެ ޖަވާބުދާރީވުމަށް އެދި އާއިލާއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ބަލޫޗް ވިމެން ފޯރަމްގެ އޯގަނައިޒަރު ޝަލީ ބަލޫޗް މީސް މީޑިއާގެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ސަލްމާން ގެއްލުނު ފަހުން އޭނާގެ އާއިލާއިން، ދަނީ އޭނާ ވީތަނެއް ނޭނގި ނުހަނު ބޮޑު ހިތާމައާއި ވޭނެއް ތަޙައްމަލު ކުރަމުންނެވެ. ޝަލީ ވިދާޅުވި ގޮތުގައި، ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސަލްމާންގެ އާއިލާއިން ވަނީ އެކި އިދާރާތަކަށް ހުށަހެޅުންތައް ހުށަހަޅައި، އެކި ފޯރަމްތަކުގައި އެ މައްސަލަ އުފުލާފައެވެ. ނަމަވެސް، އޭނާ އަނބުރާ ހޯދުމަށް އާއިލާއިން ކުރާ މަސައްކަތުގެ ސަބަބުން ދައުލަތުގެ ފަރާތުން ބިރުދެއްކުމާއި ފިއްތުންތަކުގެ އިތުރުން އެކި ބާވަތުގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޝަލީ ބަލޫޗް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ސަލްމާން ގެއްލުވާލުމާ ހިސާބުން އާއިލާގެ ތަކުލީފުތަކަށް ނިމުމެއް ނައެވެ. ހިމޭނުން ތިބުމަށް ދެކޮޅު ހަދައި، ގެއްލިފައިވާ އާއިލާގެ މެންބަރާ ބެހޭ މަޢުލޫމާތު ހޯދުމަށް މެދުނުކެނޑި މަސައްކަތް ކުރާތީ، އާއިލާގެ މެންބަރުންނަށް ދަނީ  ގެއްލުމާ ކުރިމަތިވަމުންނެވެ. ހަތަރު އަހަރު ވަންދެން މީހަކު ނިޒާމުން ގެއްލުވާލުމާއި، ދައުލަތުގެ ފަރާތުން އާއިލާއަށް ކުރިމަތިކުރުވާ ދަތިކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ޝަލީ ސިފަކުރެއްވިއެވެ. އަދި ސަލްމާން ވީތަނެއް ވަގުތުން ހާމަކުރުމަށާއި، އޭނާ މިނިވަންކުރުމުގެ އިތުރުން، އޭނާ ހޯދުމަށް މަސައްކަތް ކުރާތީ އާއިލާއަށް ކުރިމަތިކުރުވާ ފިއްތުންތައް ހުއްޓާލުމަށް ކަމާބެހޭ އިދާރާތަކަށް އޭނާ ގޮވާލެއްވިއެވެ.

ގެއްލިފައިވާ މީހުންގެ ބަލޫޗީންގެ އާއިލާތަކުން އެ މީހުންގެ ލޯބިވާ މީހުންނާ ބެހޭ މަޢުލޫމާތު ހޯދުމަށް އެދި އާންމުކޮށް އިހުތިޖާޖު ކުރަމުންދާއިރު، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން ބުނާގޮތުގައި މިގޮތަށް ގެއްލޭ ގިނަ މީހުން ފަހުން ފެންނަނީ މަރާލާފައި އޮއްވައެވެ.

ހިއްސާ ކުރައްވާ!