ބޭރު ޤައުމެއްގެ ދެ އަންހެނުން ރޭޕްކުރި 8 މީހުންގެ މައްޗަށް ދަޢުވާ އުފުލައިފި

ބޭރު ޤައުމަކަށް ނިސްބަތްވާ ދެ އަންހެނުން ރޭޕްކުރި 8 މީހުންނަށް ދައުވާ އުފުލައިފިއެވެ. މި މީހުންނަކީ ޕާކިސްތާންގެ ސީނިއާ ވަޒީރަކާ ގުޅުން އޮތް ކަމަށް ބުނާ ބައެކެވެ.

މިހާރު ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ތިބި މިމީހުން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އެޑިޝަނަލް ޑިސްޓްރިކްޓް އެންޑް ސެޝަންސް ޖަޖް ރަފާޤަތު އަލީ ގޮންޑާލް ވަނީ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާތައް އިއްވަވާފައެވެ. ނަމަވެސް، ދަޢުވާ ލިބޭ އެންމެން ވަނީ ކުށަށް އިންކާރުކޮށްފައެވެ.

ޤާނޫނީ އިޖުރާއަތްތަކުގެ ތެރެއިން، ރަސްމީކޮށް ޝަރީޢަތުގެ މަސައްކަތްތައް ފެށުމުގެ ގޮތުން ޑިސެމްބަރު 9 ވަނަ ދުވަހު ހެކިން ހާޒިރުކުރުމަށް ޤާޟީ ވަނީ އަމުރުކުރައްވާފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހުށަހަޅާފައިވާ އަޑުއެހުންތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ޕްރޮސެކިއުޝަނަށް ވަނީ އެންމެ ފަހުގެ ފުރުޞަތު ދީފައެވެ.

މި މައްސަލައިގައި ޤާޟީ ފާހަގަކުރެއްވި ގޮތުގައި، ކަފާލާތުގެ އުސޫލުން ދޫކުރުމުގެ މައްސަލައިގައި ވާހަކަދެއްކުމަށް ޕްރޮސެކިއުޝަނުން ވަނީ ތަފާތު އެކި ސަބަބުތައް ދައްކައިގެން ގިނަ ފުރުޞަތުތަކެއް ނަގާފައެވެ. އެހެންކަމުން، ކަފާލާތުގެ އަޑުއެހުން ފަސްކުރައްވަމުން، ޕްރޮސެކިއުޝަނުން އިތުރު ބަހުސެއް ނުކޮށްފިނަމަ، މައްސަލައިގެ ރެކޯޑުތަކަށް ބަލައި ގޮތެއް ނިންމަވާނެ ކަމަށް ޤާޟީ ވަނީ ވިދާޅުވެފައެވެ. ދަޢުވާ ލިބޭ ފަރާތްތަކުގެ ޤާނޫނީ ވަކީލު ސަލްމާން ޝާހިދު ވަނީ ކަފާލާތާ ގުޅޭގޮތުން ދައްކަވަންޖެހޭ ވާހަކަތައް ނިންމަވާފައެވެ.

ފުލުހުންގެ ތަޙުޤީޤީ ރިޕޯޓާ ހަވާލާދީ ބުނެފަގައި ވަނީ ސިޔާސީ އިސް ބޭފުޅަކާ ގުޅުން އޮތް މީހާ އާއެކު ފަސް މީހެއްގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކުން އެމީހުން ވަނީ ބަރީއަކޮށްފައެވެ.

މި ދައުވާ ލިބޭ ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނީ އިމުގެ ބޭރުން މީހަކު ބަންދުކުރުމާއި ފައިސާ ފޭރުމުގެ ކުޑަކުޑަ ދަޢުވާތަކެކެވެ.

ނަމަވެސް، 3 މީހެއްގެ މައްޗަށް ވަނީ ސީދާ ޖިންސީ ގޯނާކުރި ކަމުގެ ބޮޑެތި ދަޢުވާތައް އުފުލާފައެވެ.

 

ހިއްސާ ކުރައްވާ!