އެމެރިކާގެ ދިފާޢީ ވަޒީރުގެ ވަފުދުން ޤައުމީ ހަނދާނީ ބިނާގެ ހުރުމަތް ކަނޑާލުމުން އިންޒާރު ދީފި

އެމެރިކާގެ ވަރޖީނިއާ ސްޓޭޓްގައި ހުންނަ އާލިންގޓަން ނޭޝަނަލް ސެމެޓްރީގެ "ޓޫމްބް އޮފް ދަ އަންނޯން ސޯލްޖަރ" ނުވަތަ ގޮތްނޭނގޭ ސިފައިންގެ މީޙުންގެ ހަނދާނީ މަހާނަތައް ކައިރީގައި، އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތުއާއި އޭނާގެ ވަފުދުގެ މެންބަރުން ހެމުން ފޮޓޯނަގަމުން ވާހަކަދައްކަމުން ދިއުމާ ގުޅިގެން، އެތަން ބަލަހައްޓަން ހުރި ސިފައިންގެ ގާޑަކު ހަރުކަށި އިބާރާތުން އެމހުންނަށް އިންޒާރުދީ ހިމޭނުން ތިބުމަށް އަންގާ މަންޒަރު މީސްމީޑިއާގައި ވައިރަލް ވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގެ ވީޑިއޯއެއް އާންމުވެފައިވާއިރު، އޭގައި ފެންނަނީ އެމެރިކާގެ ކުރީގެ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތަކަށްފަހު، ޕީޓް ހެގްސެތާއި އޭނާގެ އަނބިކަނބަލުން ޖެނިފާ ރޯޝެޓްގެ އިތުރުން އެހެނ ްމަސްއޫލުވެރިން އެ ހަނދާނީ ބިނާގެ ސިޑިމަތީގައި ފޮޓޯ ނަންގަވައި، ހީ ހަދަމުން ވާހަކަދައްކަވަން ތިއްބަވާ މަންޒަރެވެ. މި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް ޖޭ.ޑީ. ވެންސްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވަފުދުގެ މެންބަރުން ސިޑިމަތިން އަރަމުންދިޔަ ވަގުތު ބާރަށް ހެމުން ދިއުމުގެ އަޑު އިވުމާއެކު، އެ ސަރަހައްދު ބެލެހެއްޓުމާ ހަވާލުވެ ހުރި ސިފައިންގެ ގާޑު ވަނީ ވަގުތުން އެ ގްރޫޕާ ދިމާލަށް ހިނގައިގަނެ، ދުރުގައި ހުރެ ހަރު އަޑުން އިންޒާރު ދީފައެވެ. އެ ގާޑު އެންގީ އެތަނަކީ ހުރިހާ ޒިޔާރަތްތެރިންވެސް ހުރިހާ ވަގުތެއްގައި އެ ސަރަހައްދުގައި ހިމޭންކަމާއި އިޙްތިރާމް އަދާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ތަނެއް ކަމަށެވެ.

ވަރޖީނިއާގެ އާލިންގޓަން ނޭޝަނަލް ސެމެޓްރީގެ މެދުގައި ޤާއިމުކޮށްފައިވާ މި ހަނދާނީ ބިނާއަކީ އެމެރިކާގެ ރައްޔިތުންގެ މެދުގައި މަތިވެރި ޤަދަރެއް ދެވިފައިވާ ތަނެކެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި މަރުވި ސިފައިންގެ މީހަކު ހިމެނޭހެން، ކާކުކަން ދެނެގަނެވިފައި ނުވާ އެމެރިކާ ސިފައިންގެ ތިން މީހެއްގެ ހަށިގަނޑުގެ ބައިތައް މިތަނުގައި ވަޅުލެވިފައިވެއެވެ.

ހިއްސާ ކުރައްވާ!