ފަލަސްޠީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ނާޞިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުގެ ސިފައިން ބުރާސްފަތި ދުވަހު ދިން ވައިގެ ހަމަލާއެއްގައި، ޑޮކްޓަރަކާއި އުމުރުން 13 އަހަރުގެ ކުޑަކުއްޖަކާ ފަލަސްޠީނުގެ ހަ މީހުން ޝަހީދުވެ، އިތުރު ވިއްސަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ހޮސްޕިޓަލުގެ އޮޕަރޭޝަންތައް ކުރާ އިމާރާތް އެއްކޮށް ހަލާކުވެ، ޚިދުމަތް ދިނުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އިދާރާއާއި ޞިއްޙީ މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 13 އަހަރުގެ ޖިހާދު ނަޢީމް އަބޫ ތައިލަޚާއި، އުމުރުން 52 އަހަރުގެ ޑރ. ރިޒްޤު އަޙްމަދު އަބޫ ޝުޢައިރާގެ އިތުރުން، ޚާލިދު ސުލައިމާން އަބޫ ޢަންޒާ (53)، މުރާދު ތައުފީޤު އަބޫ ޟަރީފާ (45)، ސައިފު ޣާޒީ އަބޫ ޙަޠަބު (28) އަދި މުޙައްމަދު ނާފިޛު އަބޫ ޢައްވާދު (27) އެވެ. މީގެ އިތުރުން، ޣައްޒާގެ މެދުތެރޭގައި އޮންނަ އަލްބުރައިޖް ރެފިއުޖީ ކޭމްޕުގެ އިރުމަތީ ސަރަޙައްދަށް އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ފަލަސްޠީނުގެ އިތުރު މީހަކު ވަނީ ޝަހީދުވެފައެވެ.
ނާޞިރު މެޑިކަލް ކޮމްޕްލެކްސްގެ ޑިރެކްޓަރު ޑރ. އަޙްމަދު އަލްފައްރާ ވިދާޅުވި ގޮތުގައި، އިސްރާއީލުން ފޮނުވާލި މިސައިލެއް ހޮސްޕިޓަލުގެ އިމާރާތަށް އަމާޒުވުމުގެ ސަބަބުން، އިމާރާތުގެ ދެވަނަ ފަންގިފިލާގައި ހުންނަ އަންހެނުންނާއި ފިރިހެނުންގެ ސާޖަރީ ވޯޑުތަކާއި، އިންޓެންސިވް ކެއާ ޔުނިޓަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެއް މިލިއަނެއްހާ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މި ހޮސްޕިޓަލަކީ އެ ސަރަޙައްދުގައި އޮޕަރޭޝަންތައް ކުރެވޭ ހަމައެކަނި މަރުކަޒު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ބަލިމީހުންނާއި ޞިއްޙީ ޚިދުމަތްތެރިން ތިބި މަރުކަޒަކަށް އަމާޒުކޮށް ދިން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުޢާހަދާތަކާ ސީދާ ޚިލާފް ޖަރީމާއެއް ކަމަށް ބުނެ، ހޮސްޕިޓަލުތަކާއި ބަލިމީހުން ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަގުތުން ފިޔަވަޅު އެޅުމަށް އެ ވުޒާރާއިން ވަނީ ގޮވާލާފައެވެ.
ސިވިލް ޑިފެންސްގެ ޑިރެކްޓަރު ރާއިދު އައްދަހްޝާން ވިދާޅުވި ގޮތުގައި، ހަމަލާގައި ޒަޚަމްވި ގިނަ ބައެއްގެ ޙާލު ސީރިއަސްވުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އިސްރާއީލުން އަޅާފައިވާ ހިސާރުގެ ސަބަބުން ސިވިލް ޑިފެންސަށް ބޭނުންވާ އާލާތްތައް އެތެރެކުރުމަށް ހުރަސްއެޅި، އެ އިދާރާގެ 85 އިންސައްތަ ވަސީލަތްތައް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޙަމާސް ޖަމާޢަތުން ވަނީ މި ހަމަލާއަކީ "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށް ސިފަކޮށް، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން އިޙްތިރާމް ނުކުރާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ސުލްޙައިގެ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާކުރާ ޤައުމުތަކުންނާއި އެމެރިކާގެ ސަރުކާރުން އިސްރާއީލުގެ މިފަދަ ޢަމަލުތައް ހުއްޓުވުމަށް ޒިންމާދާރުވުމަށް އެ ޖަމާޢަތުން ވަނީ ގޮވާލާފައެވެ.
ނަމަވެސް، އިސްރާއީލުގެ ސިފައިން ނެރުނު ބަޔާނެއްގައި މި ހަމަލާ ދިންކަމަށް އެއްބަސްވަމުން ޕްރޮޕެގެންޑާ ފަތުރަމުން ބުނެފައިވަނީ، ނާޞިރު ހޮސްޕިޓަލުގެ ތެރޭގައި ޙަމާސްގެ ހަނގުރާމަވެރިން ޙަރަކާތްތެރިވެ، އެ ތަން ކޮމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން ހަމަލާ އަމާޒުކޮށްފައިވަނީ އިސްރާއީލު ސިފައިންނަށް ހަމަލާ ދިނުމަށް ރާވަމުންދިޔަ ބަޔަކަށް ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމުކުރެވުނު ފަހުންވެސް، އިސްރާއީލުން ދިން އެކި ހަމަލާތަކުގައި ޣައްޒާއިން 1،622 މީހުން ޝަހީދުވެ، 5،878 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން، އެއްބަސްވުމާ ޚިލާފަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ޣައްޒާއަށް އެތެރެކުރުމަށް އިސްރާއީލުން ދަނީ ހުރަސްއަޅަމުންނެވެ.





