ޔަހޫދީންނަށް ފަލަސްޠީން ހޯދައި ދިން ލިއޮނެލް ވާލްޓަރ ރޮޗައިލްޑް

އިނގިރޭސި ޚާރިޖީ ވަޒީރު އާރްތަރ ބަލްފޯރު 2 ނޮވެމްބަރު 1917 ގައި، ފޮނުއްވި ތާރީޚީ ޑިޕްލޮމެޓިކް ސިޓީއަކީ ސިޔާސީ ރަސްމީ އިދާރާއަކަށް އަމާޒުކޮށް ފޮނުއްވި ސިޓީއެއް ނޫނެވެ. އެއީ އަމިއްލަ ނަމުގައި ލިޔުއްވާފައިވާ ސިޓީއެކެވެ. އެސިޓީ ލިޔެފައި ވަނީ ބެރޮން ލިއޮނެލް ވާލްޓަރ ރޮޗައިލްޑަށެވެ.

ދުނިޔޭގެ މަޝްހޫރު ބޭންކިންގ އާއިލާގެ ދެވަނަ ބެރޮން، ވޯލްޓަރ ރޮޗައިލްޑަކީ އިނގިރޭސި އެމްޕަޔަރގެ މާލީ އަދި ސިޔާސީ ނުފޫޒުގެ އެންމެ އުސް ތަނބެވެ. ތިމާވެށްޓާއި ނެޗުރަލް ސައިންސަށް ޝައުގުވެރިވި މީހެކެވެ. ފަލަސްޠީނުގައި ޔަހޫދީންނަށް ގައުމީ ވަޒަނެއް ގާއިމުކުރުމަށް މަގުފަހިކޮށްދިން ސިޓީ ކަމަށްވާ "ބަލްފޯރުގެ ވައުދު" ލިބުނީ މި މީހާއަށެވެ. އަދި އޭނާއަކީ ޞަހްޔޫނީ ހަރަކާތުގެ މުހިންމު ޝަޚْޞިއްޔަތެއްގެ ގޮތުގައި ތާރީޚުގައި އޭނާ ނަން ފާހަގަކުރެވުނު ފަރާތެކެވެ.

ލިއޮނެލް ވާލްޓަރ ރޮޗައިލްޑް އުފަންވީ 8 ފެބްރުއަރީ 1868 ގައި އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. އޭނާއަކީ އިނގިރޭސިވިލާތުގައި އޮތް އެ އާއިލާގެ މާލީ އިދާރާގެ ވެރިޔާ ލޯޑް ނޭތަން މޭޔަރ ރޮޗައިލްޑްގެ ދޮށީ ފިރިހެން ދަރިއެވެ. އަދި އޭނާގެ ޝަރުއީ ވާރުތަވެރިޔާއެވެ. ކުޑައިރު ސިއްހީ މައްސަލަތަކެއް ދިމާވެގެން، އޭނާ ފުރަތަމަ ތައުލީމު ހާސިލުކުރީ ގޭގައި ޚާއްޞަ މުދައްރިސުންގެ އެހީގައެވެ.

އުމުރުން އެންމެ 7 އަހަރުގައި، ގުދުރަތީ މާހައުލާއި ޖަނަވާރުންނާ ބެހޭ މިއުޒިއަމެއް ހެދުމުގެ ޝައުގުވެރިކަން ހުރުމުން އޭނާގެ އާއިލާއިން އެކަން އޭނާއަށް ފަހިކޮށް ދިނެވެ.

ޖަރުމަނުގެ ބޮން ޔުނިވަރސިޓީގައި އަހަރެއް ހޭދަކުރުމަށްފަހު، ކޭމްބްރިޖް ޔުނިވަރސިޓީގެ "މެގްޑަލީން ކޮލެޖް" އަށް ބަދަލުވިއެވެ. އެ ޔުނިވާސިޓީގައި، މަޝްހޫރު އިނގިރޭސި ސައިންސްވެރިޔާ އަލްފްރެޑް ނިއުޓަންގެ އިރުޝާދުގެ ދަށުން ޒޫއޮލޮޖީ ގެ ދާއިރާއިން ކިޔަވަން ފެށިއެވެ.

އޭނާގެ ބައްޕަމަޖުބޫރު ކުރުމުން ދެ އަހަރު ފަހުން ކިޔެވުން ދޫކޮށްލުމަށްފަހު، ލަންޑަންގައި ހުރި އާއިލީ ބޭންކުގައި މަސައްކަތް ފެށިއެވެ. އަދި އެކައުންޓިންގ އާއި ފައިނޭންސްގެ އިލްމު ދަސްކުރަންޖެހުނެވެ. އެހެންނަމަވެސް، އޭނާގެ ހިތުގައި ސައިންސަށް އޮތް ލޯބި ނެތިގެނެއް ނުދެއެވެ.

ނެޗުރަލް ސައިންސަށް ހުރި އޭނާގެ ޝައުގުވެރިކަމަކުން އޭނާއަށް 21 އަހަރު ފުރުމުން، އާއިލާއިން އޭނާއަށް މިއުޒިއަމެއް ބިނާ ކޮށްދިނެވެ. އަދި 1892 ގައި އެތަން އާންމުންނަށް ހުޅުވާލެވުނެވެ.

ރޮޗައިލްޑް ތިމާވެށްޓާ ބެހޭ އެއްޗެތި އެއްކުރުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރި 400 އަށްވުރެ ގިނަ ރިސާޗަރުންނާއި އެކްސްޕްލޯރާއިން ހިމެނޭ "ލަޝްކަރަކަށް" މާލީ އެހީތެރިކަން ފޯރިުވައި ދިނެވެ. މި ދަތުރުތަކުގެ ނަތީޖާއެއްގެ ގޮތުން އަންނަނިވި ތަކެތި އެއްކުރެވުނެވެ:

  • 2 މިލިއަނަށްވުރެ ގިނަ ސޫފި
  • 300،000 ދޫނީގެ ކޮށާފައިވާ ފިޔައިގެ އެކި ބާވަތްތައް.
  • ސަތޭކަ އެތަކެއް ދިރިހުރި ބޮޑެތި ވެލާ

ސިޔާސީ ނުފޫޒާއި ނިންމުންތައް ނިންމުމުގެ ބާރު

ރޮޗައިލްޑް އާއިލާގެ މާލީ ނުފޫޒުގެ ސަބަބުން ވޯލްޓަރއަށް ސިޔާސީ ދާއިރާއަށް ވަނުން މަޖުބޫރުވިއެވެ. އޭނާގެ ސިޔާސީ އަދި އިދާރީ ހަޔާތުގައި މުހިންމު ކަންތައްތަކެއް ހިމެނެއެވެ.

ހައުސް އޮފް ކޮމަންސް (1899-1910):

  • އޭނާގެ ބޮޑު ބޭބެގެ ބަދަލުގައި އައިލްސްބެރީ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވިއެވެ. މިއީ އިނގިރޭސި ސިޔާސީ ނިންމުންތައް ނިންމުމުގެ މަރުކަޒުގައި އާއިލާގެ ބާރު ދެމެހެއްޓުމަށް ލިބުނު ފުރުސަތެކެވެ.

އަސްކަރީ ޚިދުމަތް (1902-1909):

  • އިނގިރޭސި ރެޖިމެންޓަލް އާމީގައި އޮފިސަރެއްގެ ގޮތުގައި ބައިވެރިވެ، މޭޖަރގެ ރޭންކަށް ދަރަޖަ މަތިވިއެވެ.

ހައުސް އޮފް ލޯޑްސް (1915):

  • ބައްޕަ މަރުވުމުން، "ދެވަނަ ބެރޮން ރޮޗައިލްޑް" ގެ ލަގަބާއެކު ހައުސް އޮފް ލޯޑްސްގެ ދާއިމީ ގޮނޑި އޭނާއަށް ވާރުތަވިއެވެ.

ސައިންޓިފިކް މަގާމުތައް:

  • 1899ގައި ބްރިޓިޝް މިއުޒިއަމްގެ ޓްރަސްޓީއަކަށް ވިއެވެ. އަދި ރޯޔަލް ސޮސައިޓީގެ ފެލޯއަކަށް (1911) އައްޔަންކުރެވުނެވެ.

ޑިޕްލޮމެޓިކް ބައިވެރިވުމާއި 1917 ގެ ބެލްފޯރު ވައުދު

ފުރަތަމަ ބޮޑުހަނގުރާމަ ފެށުމާއެކު، ޑޭވިޑް ލުއިޑް ޖޯޖްގެ ބޮޑުވަޒީރުކަމުގެ ދަށުން އަދި އިނގިރޭސި ޚާރިޖީ ވަޒީރު އާރްތަރ ބަލްފޯރުގެ އިރުޝާދުގެ ދަށުން އިނގިރޭސި ސަރުކާރުގެ ސްޓްރެޓީޖިކް މަސްލަހަތުތަކާއި ޔަހޫދީ އާއިލާގެ މަސްލަހަތުތައް އެއްވިއެވެ. އެއީ ސުއޭޒް ކެނަލްގައި އިނގިރޭސިންގެ މަސްލަހަތު ރައްކާތެރި ކުރުމާއި އެމެރިކާއާއި ރަޝިޔާގައި ތިބި ނުފޫޒުގަދަ ޔަހޫދީ ޖަމާއަތްތަކުގެ ތާއީދު ހޯދުމެވެ. މިހުރިހައި ކަމެއް ގުޅި ލާމެހުނީ އެއިރު އާލާވަމުން އައި ލާދީނީ ޔަހޫދީންގެ ޞަހްޔޫނީ ހަރަކާތުގެ މަގުސަދުތަކާ އެވެ.

ޞަހްޔޫނީ މުހިންމު ލީޑަރެއްކަމަށްވާ އަދި ސައިންސްގެ ދާއިރާއިން މަސައްކަތް ކުރި ފަހުން ޔަހޫދީ ގައުމުގެ ރައީސަކަށްވި ހާއިމް ވައިޒްމަން، ވަނީ އިނގިރޭސިވިލާތުގެ ޔަހޫދީ ޖަމާއަތުގެ ރިޔާސަތު ބަލަހައްޓަވަމުން ދިޔަ ލޯޑް ރޮޗައިލްޑާ ސަހުޔޫނީ ޒަޔަނިސްޓުންގެ ހަރަކާތާ ގުޅުވައި ދީފައެވެ.

ވައިޒްމަންގެ ޑިޕްލޮމެޓިކް ރޭވުންތަކާއި ރޮޗައިލްޑްގެ ސިޔާސީ ނުފޫޒުގެ ސަބަބުން 1917 ގެ ހޫނުމޫސުމުގައި އިނގިރޭސުި ވަޒީރު ބަލްފޯރުއާއެކު ސިއްރު ބައްދަލުވުންތަކެއް ބޭއްވި އެވެ. އަދި، އެ ބައްދަލުވުންތަކުގައި ޞަހްޔޫނީން ބޭނުންވާ ކަންކަމުގެ ޑްރާފްޓެއް އެކުލަވާލެވުނެވެ.

އަދި 2 ނޮވެމްބަރު 1917 ގައި، ބަލްފޯރު ވަނީ ސީދާ ޔަހޫދީ ލޯޑް ރޮޗައިލްޑަށް އަމާޒުކޮށް ރަސްމީ ލިޔުމެއް ފޮނުވާފައެވެ. އެއީ "ފަލަސްޠީނުގައި ޔަހޫދީންނަށް ގައުމީ ވަޒަނެއް ގާއިމުކުރުމަށް" އިނގިރޭސިވިލާތުން ވައުދުވާ ކަން އިއުލާނުކުރި ލިޔުމެވެ.

ފަލަސްޠީނުގައި ޔަހޫދީންނަށް ވަޒަންވެރިވާން ފުރުސަތު ދިނީ މި ސިޓީގެ މައްޗަށް ބިނާ ކޮށެވެ.

ޔަހޫދީ ގައުމުގެ ބޮޑު ވަޒީރުގެ ގެ ހުންނަ މަގަށް ނަން ދީފައި ވަނީ މި ބެލްފޯރުގެ ނަމުންނެވެ.

"ބެލްފޯރުގެ ވައުދު" ގެ ފަހު ޑްރާފްޓް އެކުލަވާލެވުނީ އިނގިރޭސިވިލާތާއި އައިރަލޭންޑްގެ ޞަހްޔޫނީ ފެޑެރޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓްގެ ހައިސިއްޔަތުން ބެރޮން ރޮޗައިލްޑަށް އިނގިރޭސި ޚާރިޖީ ވަޒީރު ފޮނުއްވި ސިޓީއެއްގެ ގޮތުގައެވެ.

ޔަހޫދީންނަށް ފަލަސްޠީނުގައި ވަޒަންވެރިވާން ފުރުސަތު ހޯދައި ދިން ލިއޮނެލް ވާލްޓަރ ރޮޗައިލްޑް މަރުވީ 27 އޯގަސްޓު 1937 ގައި ފަލަސްޠީނުގައި ޔަހޫދީން ވަޒަންވެރި ކުރަން ފަށާފައި ވަނިކޮށް އުމުރުން 69 އަހަރުގައެވެ.  އޭނާ ވަޅުލާފައި ވަނީ އިނގިރޭސިވިލާތުގެ "ވިލްސްޑެން" ޔަހޫދީ ގަބުރުސްތާނުގައެވެ. އޭނާގެ ދަރިއަކު ނުހުރެއެވެ. 

ހިއްސާ ކުރައްވާ!