ނަތަންޔާހޫއަށް ޔަހޫދީންގެ ސަރުކާރުގައި ފުރުސަތެއް ނެތް

ޢަރަބި ޕާޓީތަކާއެކު އާ ސަރުކާރެއް އެކުލަވާލުމަށް ގޮވާލައި އިސްރާއީލުގައި ތެލް އަވީވްގަޔާއި، އުތުރުގެ މަރްޖް އިބްނު ޢާމިރު ސަރަޙައްދުގައި މުޒާހަރާކޮށްފިއެވެ.

އިސްރާއީލުގެ ރައީސް އިސްހާޤް ހަރޒޮގް، އާ ސަރުކާރު އެކުލަވާލުމުގެ މަސްއޫލިއްޔަތު "ޔަޝާރު" ޕާޓީގެ ލީޑަރު ގާދީ އައިޒެންކޮޓްއާ ހަވާލު ކުރެއްވުމުން އައިޒެންކޮޓް ހޮނިހިރު ދުވަހުގެ ރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ޤައުމީ ކުއްލި ޙާލަތުގެ ސަރުކާރެއް އެކުލަވާލުމުގެ ވަގުތު ޖެހިއްޖެ" ކަމަށާއި، "މި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތެއް ކަމެއް ކުރާނަން" ކަމަށެވެ.

ހަރޒޮގްގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައިވާ ގޮތުން ކަނެސެޓްގެ 67 މެންބަރުން ހިމެނޭ ޕާލަމެންޓްރީ ޖަމާއަތަކުން އައިޒެންކޮޓަށް ސަރުކާރު އެކުލަވާލުމަށް ތާއީދުކޮށްފައިވެއެވެ.  ނަތަންޔާހޫއަށް ތާއީދުކޮށްފައިވަނީ 46 މެންބަރުންނެވެ. އަދި 7 މެންބަރުންގެ ބްލޮކަކުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ވަނީ ނިންމާފައެވެ.

އިސްރާއީލުގެ ގާނޫނުއަސާސީގެ ދަށުން ސަރުކާރު އެކުލަވާލުމަށް އައިޒެންކޮޓްއަށް 28 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ރައީސްގެ ނިންމެވުމާއެކު އިތުރު 14 ދުވަހަށް މުއްދަތު އިތުރު ކުރެވިދާނެއެވެ.

"ހާއަރެޓްޒް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރްޖް އިބްނު ޢާމިރު ސަރަޙައްދުގައި ބޭއްވި މުޒާހަރާގައި 300 އެއްހާ މީހުން ބައިވެރިވިއެވެ. އަދި "ޓައިމްސް އޮފް އިސްރާއީލް" އިން ރިޕޯޓުކުރި ގޮތުގައި ތެލް އަވީވްގެ މެދުތެރޭގައިވާ "ހަބީމާ" މައިދާނަށް ސަތޭކައެއްހާ މީހުން އެއްވިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޢަރަބި އަދި ޢިބްރާނީ ބަހުން "67 ގޮނޑި.. އަލުން އާ މަގަކަށް" ލިޔެފައިވާ ބޯޑުތައް އުފުލައި، "ގުޅިގެން މަސައްކަތްކުރުމެއް ނެތި ސުލްޙައެއް ނެތް"، އަދި "ބައިބައިކޮށްގެން ވެރިކަންކުރުމުގެ ސިޔާސަތު ހުއްޓާލާ، އެންމެންނަށް މިނިވަންކަމާއި ހަމަހަމަކަން" ފަދަ ޝިޢާރުތައް ގޮވާފައެވެ.

ޔަހޫދީ އަދި ޢަރަބިންގެ ބައިވެރިވުމާއި ސިޔާސީ ހަމަހަމަކަމަށް ގޮވާލާ "ސްޓޭންޑިންގ ޓުގެދަރ" ހަރަކާތުންވެސް މި މުޒާހަރާގައި ބައިވެރިވިއެވެ. މީގެ އިތުރުން، ބޭރުގެ އޭޖެންޓަކާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ނޫސްވެރިޔާ ޢަބްދު އަބޫ ޝަހާދާ މިނިވަންކުރުމަށް ގޮވާލައި މުޒާހަރާގެ ބައިވެރިން ވަނީ ބޯޑުތައް އުފުލާފައެވެ. އޭނާ ހައްޔަރުކުރީ ކަނެސެޓްގެ ކުރީގެ މެންބަރު ޢަޒްމީ ބިޝާރާއާ އިންޓަވިއުއެއް ކުރުމަށް ދޯހާއަށް ކުރި ދަތުރަކަށްފަހު ކަމަށް އިސްރާއީލުގެ ރިޕޯޓުތައް ބުނެއެވެ.

އާ ސަރުކާރެއް އެކުލަވާލުމުގެ ސިޔާސީ މަޝްވަރާތައް ހިނގަމުންދާއިރު، އައިޒެންކޮޓް ގެ "ޔަޝާރު" ޕާޓީން ވަނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫ ދެއްވި ދަޢުވަތު ރައްދުކޮށް، އެއީ "މަކަރުވެރި އުކުޅެއް" ކަމަށް ސިފަކޮށްފައެވެ.

އެ ޕާޓީން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، ނަތަންޔާހޫ "އެއްބައިވަންތަކަމުގެ ވާހަކަ ދައްކަވަނީ ބިޮޑު ވަޒީރުކަމުގައި އޭނާގެ އެންމެ ފަހުގެ ދުވަސްތައް ގުނެމުންދާކަން އެނގުމުން" ކަމަށާއި، ޣައްޒާ ހަނގުރާމައިގެ ތެރޭގައިވެސް އިސްރާއީލުގެ މުޖުތަމަޢު ބައިބައިކުރުމަށް އޭނާ ރޭވުންތެރިކަމާއެކު މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައެވެ.

އަދި މީގެ ކުރިންވެސް ނަތަންޔާހޫ އެއްބައިވަންތަކަމާއި ކުއްލި ޙާލަތުގެ ސަރުކާރުތައް އެކުލަވާލެއްވި ކަމަށާއި، ނަމަވެސް އެ ސަރުކާރުތައް އެތެރެއިން ރޫޅާލައި، ސިޔާސީ ބައިވެރިންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ޙުރުމަތްތެރިކޮށް ނުހިތާ ކަމަށް އެ ޕާޓީން ބުންޏެވެ. މީގެ އިތުރުން، ކުރިން ނުކުރާނެ ކަމަށް ވެފައިވާ ވައުދާ ޚިލާފަށް އިތާމާރު ބެން-ގަވީރު މިހާރުގެ ސަރުކާރަށް ޢައްޔަންކުރި ކަންވެސް ފާހަގަކުރިއެވެ.

ނަމަވެސް، އެ ޕާޓީން ވަނީ ނަތަންޔާހޫގެ ލިކުޑް ޕާޓީގެ މެންބަރުންނާއި އޭނާގެ ބައިވެރިންނަށް އައިޒެންކޮޓްގެ އިއްތިޙާދާ ގުޅުމަށް ދަޢުވަތުދީފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ދިން ވީޑިއޯ ޚިތާބެއްގައި ނަތަންޔާހޫ ވަނީ ޢަރަބި ޕާޓީތަކާއެކު އިއްތިޙާދުވުމަކީ އިސްރާއީލު "ރޫޅިގެންދާނެ" ކަމެއް ކަމަށް ބުނެ އިންޒާރު ދީފައެވެ.

ހިއްސާ ކުރައްވާ!