އެމެރިކާގައި އިންތިޚާބާ ގުޅިގެން ޔަހޫދީންގެ 'ޖޭ ސްޓްރީޓް' ޖަމްޢިއްޔާއިން އާންމުކުރި ޚާއްސަ ޚިޔާލު ހޯދުމަކުން ދައްކާ ގޮތުގައި، އެމެރިކާގެ ޔަހޫދީ މުޖުތަމަޢުގެ މެދުގައި އިސްރާއީލުގެ ސިޔާސަތުތަކަށް ތާއީދު ކުރުން މަދުވެއްޖެއެވެ. ޚާއްސަކޮށް، ޒުވާން ޖީލާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި އިސްރާއީލާ މެދު ދެކޭގޮތުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން މި ދިރާސާއިން ވަނީ ހާމަވެފެވެ.
މި ޚިޔާލު ހޯދުމުން ދައްކާގޮތުން، އިސްރާއީލާއި ފަލަސްޠީނުގެ ހަމަނުޖެހުމުގައި އެމެރިކާގެ ޔަހޫދީންގެ ތެރެއިން %39 މީހުން ބުރަވަނީ އިސްރާއީލަށެވެ. އަދި %38 މީހުން ދެ ފަރާތަށްވެސް ހަމަހަމައަށް ތާއީދުކުރާއިރު، %23 މީހުން ބުރަވަނީ ފަލަސްޠީނަށެވެ.
ނަމަވެސް، އުމުރުން 18 އާއި 34 އަދި ދެމެދުގެ ޒުވާނުންގެ މެދުގައި މަންޒަރު މުޅިން ތަފާތެވެ. މި އުމުރުފުރައިގެ ޔަހޫދީންގެ ތެރެއިން %49 މީހުން ތާއީދު ކުރަނީ ފަލަސްޠީނަށެވެ. އިސްރާއީލަށް ތާއީދުކުރަނީ އެންމެ %20 މީހުންނެވެ.
މިއާ ޚިލާފަށް، އުމުރުން 50 އާއި 64 އަދި ދެމެދުގެ މީހުންގެ މެދުގައި މި ނަތީޖާ ވަނީ ފުރޮޅިގެން ގޮސްފަތެވެ. އެ އުމުރުފުރައިގެ %53 މީހުން އިސްރާއީލަށް ތާއީދުކުރާއިރު، ފަލަސްޠީނަށް ތާއީދުކުރަނީ އެންމެ %9 މީހުންނެވެ.
މި ނަތީޖާ ދިރާސާކުރި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އިސްރާއީލަށް ޝަރުޠަކާ ނުލައި އެހީތެރިވުމަށް އެމެރިކާގެ ގިނަ ޔަހޫދީން ދެކޮޅެވެ.
ޚިޔާލު ހޯދުމުގައި ބައިވެރިވި މީހުންގެ ތެރެއިން %30 މީހުންނަށް ޝަރުޠަކާ ނުލައި އެހީދިނުން މުހިންމު ކަމަށް ބުނި ނަމަވެސް، %39 މީހުން ތާއީދުކުރަނީ އެމެރިކާގެ މަޞްލަޙަތާ އެއްގޮތްވާ ގޮތުގެ މަތިން ޝަރުޠުތަކަކާ އެކު އިސްރާއީލަށް އެހީ ދިނުމަށެވެ. އަދި %31 މީހުން ގަބޫލުކުރާ ގޮތުގައި އެމެރިކާއިން ދޭ އަސްކަރީ އެހީތެރިކަން މުޅިން ހުއްޓާލަން ޖެހެއެވެ.
ޚާއްސަކޮށް، ޣައްޒާގައި އިސްރާޢީލުން ހިންގަމުންދާ ޖެނޮސައިޑް އަމަލުތަކާ މެދު ޒުވާނުންގެ މެދުގައި ނުރުހުން ބޮޑެވެ. މި އުމުރުފުރައިގެ %60 މީހުން ވަނީ ޣައްޒާގައި އިސްރާއީލުން ޖެނޮސައިޑް އަމަލުތައް ހިންގާކަމަށް ބުނެފައެވެ.
އަދިވެސް އިތުރަށް ހާމަވެފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ހަރުކަށި ޔަހޫދީ ވަޒަންވެރިންނަށް އަދަބުދިނުމުގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ޔަހޫދީ ވޯޓުލާ މީހުންގެ %76 މީހުން ތާއީދުކުރެއެވެ.
މީގެ އިތުރުން، އިސްރާއީލުގެ ސިޔާސަތުތަކަށް ފާޑުކިޔާ ފަރާތްތަކާ ދެކޮޅަށް ލޮބީ ގްރޫޕްތަކުން ހިންގާ ހަރަކާތްތަކުގެ ސަބަބުން އެމެރިކާގައި ޔަހޫދީންނާ މެދު ނަފްރަތު އިތުރުވަމުންދާ ކަމަށް %66 މީހުން ގަބޫލުކުރެއެވެ.
އިންތިޚާބުގެ ވޯޓުލުމަށް ބަލާއިރު، ޓްރަމްޕްގެ ސިޔާސަތާ ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް އެމެރިކާގެ ޔަހޫދީންގެ ބޮޑު ތާއީދެއް ލިބިފައިވެއެވެ.
އެގޮތުން %72 ޔަހޫދީ މީހުން ޑިމޮކްރެޓުންނަށް ވޯޓުދީފައިވާއިރު، ޖުމްހޫރީ ޕާޓީއަށް ވޯޓުދިނީ ޔަހޫދީންގެ %26 މީހުންނެވެ.
މި ޚިޔާލު ހޯދުން ނަގާފައިވަނީ އޮކްޓޫބަރު 28 އިން ނޮވެމްބަރު 3 އަށެވެ. އަދި މި ދިރާސާގައި އަމިއްލައަށް ޔަހޫދީންކަމަށް ބުނާ 800 މީހުން ބައިވެރިވެފައިވެއެވެ.







