ސިރީލަންކާ އެމްބަސީ ކައިރީގައި ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ވަރުގަދަ އޮޕަރޭޝަނެއް ފަށައިފި

އުރުދުންގެ ވެރިރަށް ޢައްމާންގައި ހުންނަ ސިރީލަންކާގެ އެމްބަސީ ރައްކާތެރިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ އޮފިޝަލަކު މަރާލުމާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވެރިރަށާއި އިރުބިދު ސިޓީގައި ވަރުގަދަ ސެކިއުރިޓީ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނުގައި ޓެރަރިޒަމްގެ ކުށުގެ ރެކޯޑު އޮންނަ އަދި ހަރުކަށި ފިކުރަށް ތާއީދުކުރާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ސަލާމަތީ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މި އޮޕަރޭޝަންގެ މައިގަނޑު ބޭނުމަކީ ގައުމުގެ ސަލާމަތީ މަސްރަހު ނުރައްކަލުގެ ތެރެއަށް ވައްޓާލަން މަސައްކަތްކުރާ ވަކިވަކި ފަރުދުންނާއި، ސިއްރުން ހަރަކާތްތެރިވާ ޓެރަރިސްޓް ގްރޫޕްތަކުގެ މައުލޫމާތު އެއްކުރުމެވެ.

އެމްބަސީގެ ގޭޓު ކައިރީގައި ދިން ހަމަލާގައި މަރުވި ސިފައިންގެ އޮފިޝަލް ޖަވާދު އަލްސަލާޔިތާގެ ޖަނާޒާގެ ރަސްމިއްޔާތު ހުކުރު ނަމާދަށްފަހު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އުރުދުންގެ ވަލީއަހުދު ޕްރިންސް ފައިސަލް ބިން އަލްހުސައިން އާއި، ގާނޫނުހަދާ މަޖިލީހުގެ ރައީސް އިބްރާހީމް ޠަރާވުނާގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންނާއި ހާހަކަށްވުރެ ގިނަ އާންމުން ބައިވެރިވިއެވެ.

ސަލާމަތީ ބާރުތަކުން ހާމަކުރި ގޮތުގައި، އަލްސަލާޔިތާއަށް ވަޅިއަކުން ހަމަލާދީ މަރާލާފައިވަނީ 1994 ވަނަ އަހަރު އުފަންވެފައިވާ މުހަންނަދު އަލްޙަމޫރީ ކިޔާ މީހެކެވެ. މިއީ ސިފައިންނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތަކެއް ދޭން ރޭވި ކުށުގައި ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށްފަހު، ޖަލުން މިނިވަންވިތާ އެންމެ ތިން ދުވަސްވީ މީހެކެވެ.

މި ހަމަލާއާ ގުޅިގެން އުރުދުންގެ ބޮޑުވަޒީރު ޖައުފަރު ޙައްސާން ވަނީ ޓެރަރިސްޓުންނާއި އެމީހުންނަށް އެހީތެރިވާ ފަރާތްތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ވިދާޅުވީ، ގައުމުގެ ސަލާމަތާއި މަސްރަހު ނަގާލަން ކުރާ އެއްވެސް މަސައްކަތަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ހަމައެހެންމެ، އުރުދުންގެ ގާނޫނުހަދާ މަޖިލީހުގެ 11 މެންބަރަކު ވަނީ ޓެރަރިޒަމާ ދެކޮޅު ގާނޫނުތައް ވަރުގަދަކޮށް، ކުށްވެރިން ޖަލުން މިނިވަންވުމަށްފަހުވެސް އެމީހުންގެ ހަރަކާތްތައް ފާރަވެރިވެ ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށް ހުށަހަޅާފައެވެ.

ހިއްސާ ކުރައްވާ!