އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ސޮލީބީ ހަނގުރާމައިގެ ތެރޭގައި ޖޯޑަންގެ ސަރަޙައްދުތަކަށް އީރާނުން ދެމުންދާ ޙަމަލާތަކަށްވުރެ، އިސްރާއީލުން ފަލަސްޠީނުގެ ބިންތައް އަތުލައިގަތުމަށް ކުރަމުންދާ މަސައްކަތަކީ ޖޯޑަންގެ ދެމިއޮތުމަށް އޮތް މާ ބޮޑު ނުރައްކަލެއް ކަމަށް ސިޔާސީ ދިރާސާވެރިޔާ ޝޯން މެކޮމް ވިދާޅުވެއްޖެއެވެ.
ޓެމްޕަލް ޔުނިވަރސިޓީގެ ޕްރޮފެސަރު ފޮރިން ޕޮލިސީ މަޖައްލާގައި ޝާޢިޢުކުރެއްވި ދިރާސާއެއްގައި ވިދާޅުވެފައިވަނީ، އީރާނުގެ މިސައިލްތަކުގެ ސަބަބުން މަސްރަޙު ހޫނުވެފައިވީ ނަމަވެސް، ޖޯޑަންގެ އިސް މަސްއޫލުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިސްރާއީލުގެ އިސްތިއުމާރީ ރޭވުންތަކެވެ.
އީރާނުން ފޮނުވާލި 300 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ޖޯޑަންގެ ވައިގެ ސަރަޙައްދު ހުރަސްކޮށް ގޮސްފައިވާއިރު، އެމެރިކާގެ ސިފައިން ތިބޭ ތަންތަނަށް ދިން ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ ބަޔަކު ވަނީ މަރުވެފައެވެ. މީގެ ސަބަބުން އެމެރިކާ ސިފައިން ގައުމުން ބޭރުކުރުމަށް ގޮވާލައި ޖޯޑަންގެ އާންމުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ.
މީގެ ސަބަބުން ހުޅަނގުގެ ޤައުމުތަކުން ޖޯޑަންގެ ޝާހީ އާއިލާގެ ތާއީދު ކުޑަވެދާނެކަމުގެ ބިރުއުފެއްދި ނަމަވެސް، ޖޯޑަންގެ އެތެރޭގެ ޙަޤީޤީ މަސްރަޙު އޮތީ މުޅިން ތަފާތުކޮށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖޯޑަންގެ މަސްއޫލުވެރިންނާ މުޢާމަލާތްކުރުމަށްފަހު ޕްރޮފެސަރު މެކޮމް ހާމަކުރެއްވި ގޮތުގައި، ޖޯޑަންއަށް އޮތް އެންމެ ބޮޑު ބިރަކީ އިސްރާއީލުން ފަލަސްޠީނު މީހުންގެ ބިންތައް ފޭރިގަތުމަށްފަހު، އެތަނުން މިލިއަނުން މީހުން ޖޯޑަންއަށް ކޮއްޕާލުމުގެ ނުރައްކަލެވެ. މީގެ ސަބަބުން ޖޯޑަންގެ ޤައުމީ ސަލާމަތާއި ދާޚިލީ ހަމަޖެހުން މުޅިން ހަލަބޮލި ވެގެން ދާނެއެވެ.
އީރާނުގެ ނުރައްކަލަކީ ވަގުތީ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، އިސްރާއީލުން ގެންގުޅޭ ނުރައްކާތެރި ސިޔާސަތުގެ ސަބަބުން ޖޯޑަންގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ގޮންޖެހުން މާ ބޮޑުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.







