ނަޔަންޔާހޫ ދޮގު ހަދާ ކަމަށް އިސްރާއީލުގެ އިކެލްޝަން އިދާރާއިން ބުނެފި

އޮކްޓޯބަރު 27 ގައި އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުގައި ޢަރަބި ޕާޓީތަކުން މަކަރުހަދާފައިވާ ކަމަށް ބުނެ ނަތަންޔާހޫ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތައް ޔަހޫދީ ގައުމުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީން ދޮގުކޮށްފިއެވެ. އިލެކްޝަންސް ކޮމިޓީން ބުނީ 9,069 ވޯޓުލާ މަރުކަޒެއްގެ ވޯޓުތައް އޮޑިޓްކުރުމަށްފަހު، އާންމުކޮށްފައިވާ ނަތީޖާއަކީ ވޯޓުލީ އާންމު ރައްޔިތުންގެ ނިންމުން ސާފުކޮށް ދައްކުވައިދޭ ތެދު ނަތީޖާއެއް ކަމަށް ކަށަވަރުވެފައިވާ ކަމަށެވެ.

މި ނިންމުމާއެކު، އިސްރާއީލުގެ ރައީސް އިސާކް ހެރްޒޮގް ވަނީ އިންތިޚާބުގެ ރަސްމީ ނަތީޖާ ޤަބޫލުކުރައްވައި، ސަރުކާރެއް އެކުލަވާލުމުގެ ފުރސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ފައްޓަވާފައެވެ.

120 ގޮނޑި ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ކަމަށްވާ 61 ގޮނޑި ސީދާ އެއްވެސް ޕާޓީއަކަށް ލިބިފައި ނުވާތީ، ނަތަންޔާހޫ އަދި އޭނާގެ އިދިކޮޅު ވާދަވެރިޔާ، ސިފައިންގެ ކުރީގެ ވެރިޔާ ގާދީ އައިސެންކޯޓަށްވެސް ސަރުކާރު އެކުލަވާލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ނަތަންޔާހޫއާއި ބައިވެރިންނަށް ޖުމުލަ 53 ގޮނޑި ލިބިފައިވާއިރު، އައިސެންކޯޓާއި ބައިވެރިންނަށް ލިބިފައިވަނީ 48 ގޮނޑިއެވެ.

ނަތަންޔާހޫގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އުފެދުނު ނުރުހުމުގައި ޢަރަބި ޕާޓީތަކުން ވަނީ މަޖިލީހުގެ 19 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއާއެކު، ނަތަންޔާހޫ ވެރިކަމުން ދުރުކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ޢަރަބި ޕާޓީތަކުގެ ތާއީދު ހޯދުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.

އިންތިޚާބުގެ ތެރޭގައި ޢަރަބި ޕާޓީތަކުން ޤަޠަރުން ދިން ފައިސާ ބޭނުންކޮށްގެން މަކަރުހަދާފައިވާ ކަމަށް ނަތަންޔާހޫ ތުހުމަތުކުރި ނަމަވެސް، އިސްރާއީލުގެ އެޓާނީ ޖެނެރަލް ގާލީ ބަހާރަވް މިއާރާ ވަނީ އެކަށީގެންވާ ހެއްކެއް ދެއްކެން ނެތް އޮިރު ޔަހޫދީ ސިއްރު ފުލުހުން މެދުވެރިކޮށް ޢަރަބި ސިޔާސީ ބޭފުޅުން ތަޙުޤީޤަށް ހާޒިރުކުރުމަށް ދެކޮޅު ހައްދަވާފައެވެ.

އިސްރާއީލުގެ އަންހެން ބަންޑާރަ ނާއިބް ގާލީ ބަހާރަވް މިއާރާއަކީ ނަތަންޔާހޫއާ އެކި ކަންކަމުގައި ދެކޮޅުވެރި ސިޔާސަތެއް ގެންގުޅެ އޭނާއަށް ދީލާއި ނުލުމުން މަގާމުން ވަކި ކުރުމަށް އެތައް ފަހަރަކު މަސައްކަތް ކޯށްގެންވެސް ނާކާމިޔާބު ވެފައިވާ މީހެކެވެ.

މިއާއެކު ނަތަންޔާހޫގެ ލިކުޑް ޕާޓީން ވަނީ އެޓާނީ ޖެނެރަލަށް ފާޑުކިޔާފައެވެ. އިދިކޮޅު ލީޑަރު އައިސެންކޯޓު ވަނީ ނަތަންޔާހޫގެ މި އަމަލުތަކަކީ ޑިމޮކްރަސީއާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ސިފަކުރައްވާފައެވެ.

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ޔައިރް ލަޕިޑް ފާހަގަކުރި ގޮތުގައި، އެމެރިކާގެ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީ ބަލިވެ، ޑިމޮކްރެޓުން ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދުމާއި، އިސްރާއީލުގެ ދާޚިލީ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ނަތަންޔާހޫގެ ދަށުން އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމުގެ ހުރިހާ ފުރުސަތެއް ވަނީ ބިލާހަކަށް ވެފައެވެ.

ހިއްސާ ކުރައްވާ!