ފްރާންސުގެ ގައުމީ ލޭގެ ޚިދުމަތްދޭ އިދާރާ (އީއެފްއެސް) ގެ ސަރަހައްދީ ގޮފިތަކުގައި ހުންނަ ޕްލާޒްމާ ރައްކާކުރާ ފިނިކުރާ ނިޒާމުތަކަށް އަމާޒުކޮށް ސައިބަރ ހަމަލާއެއް ދީފިއެވެ. ނަމަވެސް، ރައްކާތެރިކަމުގެ ނިޒާމުތަކުން މައްސަލަ އަވަހަށް ދެނެގަތުމުގެ ސަބަބުން އެއްވެސް ލެޔެއް ނުވަތަ ޕްލާޒްމާ ސާމްޕަލެއް ހަލާކުނުވެ ރައްކާތެރިކުރެވިފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ނޮވެމްބަރު 2 ގައި ހިންގި މި ޙާދިސާގައި، ޕްލާޒްމާ ރައްކާކުރާ ތިން މަރުކަޒެއްގެ ފިނިހޫނުމިން ބަލަހައްޓާ ނިޒާމުތަކަށް ވަނީ ސައިބާ ހަމަލާ ފޯރުވާފައެވެ. އަދި ފިނިކުރާ މީޓަރުތަކުގެ މިންގަނޑުތައް އާދަޔާޚިލާފަށް މަތީ މިންވަރަކަށް، މައިނަސް 30 ޑިގްރީ ސެލްސިއަސްއިން 110 ޑިގްރީ ސެލްސިއަސްއަށް ވަނީ ބަދަލުކޮށްފައެވެ. މި ހަމަލާ އަމާޒުވެފައިވަނީ ސީދާ އީއެފްއެސްގެ މައި ނިޒާމަކަށް ނޫނެވެ.
އީއެފްއެސްގެ ރައްކާތެރިކަމުގެ ނިޒާމުތަކުން ފިނިހޫނުމިނަށް އައި އަވަސް ބަދަލުތައް ވަގުތުން ދެނެގަނެ، އެލާމް އަޅުވައި މުވައްޒަފުން ވަނީ ވަގުތުން ފިޔަވަޅުތައް އަޅާފައެވެ. އެއާއެކު، ބޭސް އުފެއްދުމަށާއި ލޭ އަޅަން ބޭނުންކުރާ ޕްލާޒްމާ ވަނީ އެހެން ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައެވެ. މިއާއެކު، ލޭ ހަދިޔާކުރުމާއި ލޭ ފޯރުކޮށްދިނުމުގެ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި ވަނީ ކުރިއަށް ގޮސްފައެވެ.
ފްރާންސުގެ ހެލްތު މިނިސްޓްރީއާއި، އެ ޤައުމުގެ ސައިބަރ ސެކިއުރިޓީ އެޖެންސީ (އޭއެންއެސްއެސްއައި) އިން އަންނަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ. މިއީ ވިލާތުގެ އެކި ޤައުމުތަކުގެ ސުޕަރމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް އަމާޒުކޮށް ދެމުންދާ ސައިބަރ ހަމަލާތަކުގެ ސިލްސިލާގެ ތެރެއިން ދިން ހަމަލާއެކެވެ. މީގެ ތިން ހަފުތާ ކުރިން ފްރާންސުގެ ސުޕަރމާކެޓްތަކަށްވެސް މިފަދަ ހަމަލާތަކެއް ދީފައިވެއެވެ







