އަހަރުތަކެއްގެ އިންތިޒާރަށް ފަހު ކައިވެނިކުރި ނައިޖީރިއާގެ އަންހެނަކު،އިން ވިޓްރޯ ފަރޓިލައިޒޭޝަން ޓެކްނޮލޮޖީގެ އެހީގައި އެއްމާބަނޑު ހަތަރު ކުދިން ވިހައި، މައިންބަފާއިންގެ ދުނިޔެއަށް އާ އުއްމީދެއް ގެނެސްދީފިއެވެ.
އުމުރުން 48 އަހަރުގައި 12 ޑިސެމްބަރު 2023 ގައި ކައިވެނިކުރި އޮލޫޝޯލާ އޮލޫނޯޑީގެ އުމުރުން، 50 އަހަރު ފުރުމަށް ތިން ހަފުތާއަށް ވެފައިވަނިކޮށް 6 މާރިޗު 2026 ގައި ވިހާފައިވަނީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. މިއީ މައިމީހާގެ އުމުރުން ދުވަސްވުމަށްފަހު، އެއްފަހަރާ ހަތަރު ކުދިން ލިބުނު ވަރަށް ޚާއްސަ އަދި ނާދިރު ހާދިސާއެކެވެ.
ކައިވެންޏަށްފަހު މައިމީހާގެ އުމުރު މަތި ވުމުގެ ސަބަބުން ދަރިން ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ބޭނުން ނުވުމުން، އޮލޫނޯޑީ ވަނީ އައި.ވީ.އެފްގެ އެހީ ހޯދާފައެވެ. ބަނޑުބޮޑުވި ދުވަސްވަރު ހެދި ފުރަތަމަ ސްކޭނުން ދެ ކުދިން ދެއްކިއެވެ. ނަމަވެސް، ފަހުން ހެދި ސްކޭންތަކުން ތިން ކުދިން އަދި އެންމެ ފަހުން ބަނޑުގައި ހަތަރު ކުދިން އޮތްކަން ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.
ސިއްހީ މާހިރުންނާއި ބައިނަލްއަގުވާމީ މެޑިކަލް މުހައްލިލުން ފާހަގަކުރާ ގޮތުގައި، އަންހެނުންގެ އުމުރުން ދުވަސްވާވަރަކަށް ބިސްއުފެއްދުމުގެ ގާބިލުކަން ދަށްވެއެވެ. ނަމަވެސް، ޒަމާނީ މެޑިކަލް ޓެކްނޮލޮޖީއާއި އައި.ވީ.އެފްގެ ވަސީލަތްތައް ބޭނުންކޮށްގެން ދަރިމައިވުމުގެ ފުރުސަތު ބޮޑުވެއެވެ. އޮލޫނޯޑީ ބީ.ބީ.ސީ އަށް ދިން އިންޓަވިއުއެއްގައި ބުނީ، މިއީ ހަމައެކަނި ފަރުވާއެއްގެ ކާމިޔާބީއެއް ނޫން ކަމަށާއި، ފިރިމީހާގެ ފަރާތުން ލިބުނު ބޮޑު އެއްބާރުލުމާއި ހިތްވަރުގެ ނަތީޖާއެއް ކަމަށެވެ.







