އެފްރިކާ ބައްރުގެ ގައުމުތަކާއެކު އޮތް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކުރުމަށް ރަޝިޔާގެ ރައީސް ވްލާދިމީރު ޕޫޓިން ކުރައްވަމުންދާ މަސައްކަތްޕުޅުގެ ތެރެއިން، އފްރިކާގެ ގައުމުތަކަށް ކަނޑުގައި ބަހައްޓައިގެން ކަރަންޓު އުފައްދާ ފްލޯޓިންގ ނިއުކްލިއަރ އިންޖީނުގެތައް ހަދައި ދިނުމުގެ ހުށަހެޅުމެއް ރަޝިޔާއިން ހުށަހަޅައިފިއެވެ. މިއީ މޮސްކޯގައި މި ހަފުތާގައި ބޭއްވި ރަޝިޔާ-އާފްރިކާ ސަމިޓް ގެ ތެރެއިން ކުރިއަށްދިޔަ މަޝްވަރާތަކުގެ މައިގަނޑު އެއް ދާއިރާއެވެ.
ރަޝިޔާގެ ދައުލަތުގެ ނިއުކްލިއަރ ކުންފުނި "ރޮސާޓޮމް" އިން ހާމަކުރި ގޮތުގައި، އާފްރިކާގައި ހަކަތައަށް އޮތް ބޮޑު ޑިމާންޑަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށްޓަކައި މިސްރު، ޓޯގޯ، ނާމީބިއާ އަދި ޓެންޒޭނިއާއާއެކު ވަނީ މުހިންމު މަޝްވަރާތަކެއް ބާއްވާފަ އެވެ. މި ސަމިޓަކީ ރަޝިޔާއާއި އާފްރިކާގެ ގައުމުތަކުގެ މެދުގައި ބޭއްވި ތިންވަނަ ސަމިޓެވެ.
މި ފަހަރުގެ ސަމިޓުގައި އެފްރިކާގެ 22 ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ 2023 ވަނަ އަހަރު ބޭއްވި ސަމިޓުގައި ބައިވެރިވި 17 ގައުމަށްވުރެ އިތުރު އަދަދެކެވެ. ނަމަވެސް، 2019 ވަނަ އަހަރު ބޭއްވި ފުރަތަމަ ސަމިޓުގައި ބައިވެރިވި 43 ގައުމާ އަޅާބަލާއިރު މިއީ މަދު އަދަދެކެވެ.
ސަމިޓުގައި ބައިވެރިވި ގައުމުތަކުގެ އަދަދު މަދުވެފައިވަނީ، ޔުކްރޭން ހަނގުރާމައިގެ މައިދާން ގައި ހަރަކާތްތެރިވުމަށް އެފްރިކާގެ ކުލީ ސިފައިން ރަޝިޔާގެ ސިފައިންގެ ތެރެއަށް ރެކްރޫޓްކުރާ މައްސަލައިގައި ބައިނަލްއަގުވާމީ ފާޑުކިޔުންތަކާއި ނުތަނަވަސްކަން އުފެދިފައި ވުމުންނެވެ.
އިގްތިސާދީ އަދި ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުގައި، ސަމިޓުން ފެނުނު އަދަދުތަކުން މޮސްކޯގެ ނުފޫޒު އާފްރިކާގައި ކުޑަވަމުންދާކަން ހާމަވެއެވެ. ނަމަވެސް، މިފަދަ ޑިޕްލޮމެޓުން ގެ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ސަމިޓުގެ ތެރެއިން ވަނީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން އާ އެއްބަސްވުންތަކެއް އެކުލަވާލާފައެވެ.
ނިއުކްލިއަރ ހަކަތައިގެ އިތުރުން، ރައީސް ޕޫޓިން ވަނީ އެފްރިކާގެ ގައުމުތަކަށް އެހީގެ ގޮތުގައި ހިލޭ ކާބޯތަކެއްޗާއި ގޮދަން ފޯރުކޮށްދިނުން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެއިތުރުން، ރަޝިޔާގެ ކުންފުނިތަކުން ވަނީ މާލީގެ މައުދަނުގެ ވަސީލަތްތައް މެޕްކުރުމަށާއި، ގާނާގައި ބޮކްސައިޓް މައުދަން ނެގުމާއި ސާފުކުރުމުގެ މަސައްކަތްތައް ތަރައްގީކުރުމަށް ޚާއްސަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
އަދި މީގެއިތުރުން، ޓެންޒޭނިއާއަށް ޖަޒީރާތަކައި އެއްގަމު ސަރަހައްދުތައް ބެލެހެއްޓުމަށް ބޭނުންވާ ސްޕޭސް ޓެކްނޮލޮޖީ ތަރައްގީކުރުމަށް އެހީތެރިވުމަށް ރަޝިޔާއިން ވަނީ އެއްބަސްވެފައެވެ. މީގެ ދަށުން، ޖައްވާއި ބިމުގެ ސަރަހައްދުތައް އޮބްޒާވްކުރާ ޓެންޒޭނިއާގެ ފުރަތަމަ ސެޓެލައިޓް 2027 ވަނަ އަހަރު ޖައްވަށް ފޮނުވާލުމަށް ވަނީ ރާވާފައެވެ.







