ޕޫޓިންގެ އުމުރު ދިގުކުރުމުގެ ބޮޑު މަޝްރޫއެއް ފަށައިފި

ރަޝިޔާއިން ޔުކްރޭން ގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެއްގައި، އިންސާނުންގެ އުމުރު ދިގުކުރުމާއި އުމުރުން ދުވަސްވުމާ ދެކޮޅަށް ކުރެވޭ ދިރާސާތަކަށް ކްރެމްލިންއިން ބޮޑެތި ޚަރަދުތަކެއް ކުރަން ފަށައިފިއެވެ. އިނގިރޭސިވިލާތުގެ "ޓައިމްސް" އާއި ފްރާންސްގެ "ލޮ މޮންޑް" ނޫހުން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މޭސްތިރިއަކީ ރަޝިޔާގެ ރައީސް ވްލާދިމީރު ޕޫޓިން ގެ ދޮށީ ދަރިކަނބަލުން އަދި އެންޑޯކްރިނޮލޮޖިސްޓެއް ކަމަށްވާ މާރިއާ ފޮރޮންޓްސޯވާއެވެ.

މޮސްކޯ ސްޓޭޓް ޔުނިވަސިޓީގެ މެޑިކަލް ރިސާޗް އެންޑް އެޑިއުކޭޝަން އިންސްޓިޓިއުޓް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ފޮރޮންޓްސޯވާ ދަނީ، އުމުރުން ދުވަސްވުން ލަސްކުރުމަށް ސަރުކާރުން ހިންގާ ޚާއްސަ ޕްރޮގްރާމްތައް ސުޕަވައިޒް ކުރައްވަމުންނެވެ. މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި ރަނގަޅު ކާނާއާއި ކަސްރަތު އަދި މެޑިކަލް ޗެކްއަޕްތައް މެދުވެރިކޮށް އިންސާނެއްގެ އެވްރެޖް އުމުރު 85 އާއި 90 އަހަރާ ދެމެދުގެ މިންވަރަކަށް މަތިކުރުން ހިމެނެއެވެ. އަދި ދެވަނަ މަރުހަލާގައި ޖީން ތެރަޕީއާއި އޯގަން ޓްރާންސްޕްލާންޓް އަދި ކުރިއަރާފައިވާ މެޑިކަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންސާނާގެ ތަބީއީ އުމުރުގެ އިމުން ބޭރަށް ދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ރަޝިޔާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޔުކްރޭން ހަނގުރާމައިގައި ގިނަ އަދަދެއްގެ އިންސާނީ ފުރާނަ ގެއްލެމުންދާ ދަނޑިވަޅެއްގައި، އުމުރު ދިގުކުރުމަށް ކްރެމްލިންއިން ބޮޑެތި ވަސީލަތްތައް އިންވެސްޓްކުރުމަކީ ބޮޑު ފުށުއެރުމެކެވެ. ރައީސް ޕޫޓިން ވަނީ 2024 ވަނަ އަހަރު ސިއްހީ ޓެކްނޮލޮޖީތައް ކުރިއަރުވައި އުމުރު ދިގުކުރުމުގެ ދިރާސާތަކަށް 26 ބިލިއަން ޑޮލަރުގެ ގައުމީ މަޝްރޫއެއް އިއުލާނުކުރައްވާފައެވެ.

މި މަޝްރޫއުގައި ޕޫޓިންާގެ އަރިސް ސައިންސްވެރިޔާ މިޚާއިލް ކޮވަލްޗުކްވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއެކު ބޭއްވެވި ސަމިޓް ގައި ޕޫޓިން ވަނީ ބަޔޯޓެކްނޮލޮޖީގެ އެހީގައި އިންސާނާގެ އުމުރު ދިގުކުރުމާއި، އަބަދަށް ޒުވާންކަން މަތީ ދެމި ހުރުމުގެ ފުރުސަތުތަކާ މެދު މަޝްވަރާކުރައްވާފައެވެ.

އުމުރުން 74 އަހަރުގެ ރައީސް ޕޫޓިންއަށް ރަޝިޔާގެ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކާއެކު 2036 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވޭނެއެވެ. އެއިރުން އޭނާގެ އުމުރުފުޅަކީ 83 އަހަރެވެ. މުހައްލިލުން ބުނާ ގޮތުގައި، މި ސައިންސް ދިރާސާތަކަކީ ސީދާ ޕޫޓިން ވެރިކަމުގައި ދެމިހުރުމަށް ފަރުމާކޮށްފައިވާ ކަމެއް ކަމަށް ސާބިތުނުވި ނަމަވެސް، 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ވެރިކަން ކުރައްވާފައިވާ ވެރިޔެއްގެ ހިތްޕުޅުގައި އުމުރުން ދުވަސްވުމާ މެދު އޮތް ބިރުވެރިކަން މިއިން ރަމްޒުކޮށްދެއެވެ.

ނޫސްތަކުން ފާހަގަކުރާ ގޮތުގައި ރަޝިޔާގައި ފިރިހެނުންގެ އެވްރެޖް އުމުރަކީ އެންމެ 67 އަހަރެވެ. އަދި ކޮވިޑް-19 އާއި ޔުކްރޭން ހަނގުރާމައިގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް މަތިވެފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި އިންސާނާގެ އުމުރުގެ އެންމެ މަތީ އިމަކީ 125 އަހަރު ކަމަށްވާއިރު، މިފަދަ ދިރާސާތަކުގެ އަސްލު ނަތީޖާ ފެނުމަށް  10 ނުވަތަ 20 އަހަރު ނަގާނެއެވެ.

ހިއްސާ ކުރައްވާ!