ރަޝިޔާގެ އިންޓީރިއާ މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި

ރަޝިޔާގެ އިންޓީރިއާ މިނިސްޓަރު ވްލަދިމީރް ކޮލޮކޯލްޓްސެވް އިސްލާމްއާބާދަށް ވަޑައިގެން، ޕާކިސްތާނުގެ އިސް ލީޑަރުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވަން ފައްޓަވައިފިއެވެ. މިއީ ރަޝިޔާގެ އިންޓީރިއާ މިނިސްޓަރަކު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރެވެ.

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކޮލޮކޯލްޓްސެވްގެ މި ދަތުރުފުޅަކީ އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީގެ ދައުވަތަކަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. ރަޝިޔާގެ މިނިސްޓަރު އިސްލާމްއާބާދުގެ އެއާޕޯޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ޕާކިސްތާނުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ އިންޓީރިއާ ތަލާލް ޗައުދަރީއެވެ.

މި ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމާ މެދު މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެއެވެ. އަދި ޕާކިސްތާނުގެ ސަރުކާރާއި ސިފައިންގެ އިސް ވެރިންނާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފާއިތުވި އަހަރުތަކުގައި ރަޝިޔާއާއި ޕާކިސްތާނާ ދެމެދު އޮތް އިގްތިސާދީ އަދި ސިޔާސީ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. ޚާއްސަކޮށް ޔުކްރޭން ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، މޮސްކޯއިން ވަނީ އެ ގައުމުގެ ހަކަތައިގެ އުފެއްދުންތައް ވިއްކުމަށް އޭޝިއާގެ ބާޒާރުތަކަށް އިސްކަންދޭން ފަށާފައެވެ. އަނެއްކޮޅުން، ޕާކިސްތާނުން ދިޔައީ ގައުމުގެ އެތެރޭގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަގުހެޔޮކޮށް ހަކަތަ ހޯދޭނެ މަގުތައް ހޯދަމުންނެވެ.

މި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރު ޕާކިސްތާނުން ވަނީ ރަޝިޔާގެ ސާމްޕްލް ކްރޫޑް އޮއިލް އެ ގައުމުގެ ހަކަތައިގެ ނިޒާމުގެ ތެރެއަށް ރަސްމީކޮށް އިތުރުކޮށްފައެވެ.

މިއަހަރުގެ ޖެނުއަރީ މަހު ރަޝިޔާގެ ރައީސް ވްލަދިމީރް ޕޫޓިން ވަނީ މޮސްކޯއާއި އިސްލާމްއާބާދާ ދެމެދު އޮތީ ދެގައުމަށްމެ ފައިދާހުރި ވަރުގަދަ ގުޅުމެއްކަން ފާހަގަކުރައްވާފައެވެ.

"އިގްތިސާދީ، ޓެކްނޮލޮޖީ އަދި އިންސާނީ ވަސީލަތްތަކުގެ ގޮތުން ސަރަހައްދީ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި އޮތް ޕާކިސްތާނާއެކު ގާތް ގުޅުމެއް އަހަރެމެން ދަމަހައްޓަން،" ޕާކިސްތާނުގައި ހުންނަ ރަޝިޔާގެ އެމްބަސީން ހާމަކުރި ގޮތުގައި ޕޫޓިން ވިދާޅުވިއެވެ.

މީގެ އިތުރުން ފާއިތުވި ޖުލައި މަހު ރަޝިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަލެކްސީ އޯވަރޗުކް ވަނީ ޕާކިސްތާނަކީ އިގްތިސާދީ އަދި ހަކަތައިގެ ދާއިރާއިން ރަޝިޔާގެ މުހިންމު ސްޓްރެޓެޖިކް ބައިވެރިއެއްގެ ގޮތުގައި ރައީސް ޕޫޓިން ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!