Unsplash by Chris Karidis
Unsplash by Chris Karidis

ފްރާންސްގެ ސުކޫލެއްގައި ހިންގި ބަޑީގެ ހަމަލާއެއްގައި ޕްރިންސިޕަލަކާއި ޓީޗަރަކު ޒަޚަމްވެއްޖެ

ފްރާންސްގެ ދެކުނުގައިވާ އޯބާންގެ މިޑްލް ސުކޫލެއްގައި ދަރިވަރަކު ދިން ބަޑީގެ ހަމަލާތަކެއްގައި އެ ސުކޫލުގެ ޕްރިންސިޕަލާއި ޓީޗަރަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާއާ ގުޅިގެން އެ ސުކޫލުގައި ތައުލީމު ހާސިލުކުރަމުންދާ 14 އަހަރުގެ ދަރިވަރަކު ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ގަސްދުގައި މީހުން މަރަން އުޅުމުގެ މައްސަލައެއްގެ ގޮތުގައި މި ހާދިސާ ތަހުގީގު ކުރަން ފަށާފައެވެ.

މާސޭގެ ޕްރޮސެކިއުޓަރު ނިކޮލަސް ބެސޯން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހޯމަ ދުވަހުގެ ހެނދުނު 9:00 އެހާކަންހާއިރު ލަކަނާލް މިޑްލް ސުކޫލުގެ ފުރަތަމަ ފްލޯގެ ކޮރިޑޯގައި ހިންގި މި ހަމަލާގައި ޒަޚަމްވެފައިވަނީ އުމުރުން 53 އަހަރުގެ ޕްރިންސިޕަލާއި 37 އަހަރުގެ ފިރިހެން ޓީޗަރެކެވެ. މީގެ ތެރެއިން ޕްރިންސިޕަލްގެ އުނަގަނޑަށް ބަޑީގެ އުންޑައެއް އަރާފައިވާއިރު، ޓީޗަރުގެ ފަޔަށް ވަނީ އުންޑަ އަމާޒު ވެފައެވެ. ސިއްހީ އޮފިޝަލުންނާއި ހަވާލާދީ ފްރާންސްގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ މީހުންގެ ހާލުވެސް ސީރިއަސްއެއް ނޫނެވެ.

ތަހުގީގު އިދާރާތަކުން ހާމަކުރި ގޮތުގައި، ދަރިވަރު ފުރަތަމަ ފްލޯގައި ބަޑިން ހަމަލާދިނުމަށްފަހު، ދެވަނަ ފްލޯއަށް އަރައި އިތުރު ދެ ފަހަރަކު ވަނީ ބަޑިޖަހާފައެވެ. އެގޮތުން އެއް އުންޑަ ޓީޗަރެއްގެ ކުރިމައްޗަށް ބިމަށް އަމާޒުވި އިރު، އަނެއް އުންޑަ ގޮސް ޖެހިފައިވަނީ ކުދިން ކިޔަވަން ތިބި ކްލާސްރޫމެއްގެ ބްލެކްބޯޑުގައެވެ. މި ހާދިސާގައި އެއްވެސް ދަރިވަރަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ފްރާންސްގެ އެޑިއުކޭޝަން މިނިސްޓަރު އެޑުއާޑް ޖެފްރޭ އާއި އިންޓީރިއާ މިނިސްޓަރު ލޮރެންޓް ނުނޭޒް ވަނީ ވަގުތުން އެ ސުކޫލަށް ޒިޔާރަތް ކުރައްވާފައެވެ. މިނިސްޓަރު ޖެފްރޭ މީސް މީޑިއާގައި ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މުޖުތަމައު ތެރޭގައި ފެތުރެމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ތައުލީމީ ދާއިރާ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ މި ހަމަލާ ކުށްވެރިކުރައްވައި، އަނިޔާވި ޕްރިންސިޕަލަށާއި ޓީޗަރަށް އަދި ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހަމްދަރުދީ ފޮނުއްވާފައެވެ. މެކްރޮން ވިދާޅުވީ ސުކޫލުގެ ޓީމުން ދެއްކެވި ހިތްވަރާއި ކެތްތެރިކަމުގެ ސަބަބުން އިތުރު ބޮޑު މުސީބާތަކުން ސަލާމަތްވެވުނު ކަމަށެވެ.

އޯބާންގެ މޭޔަރު ޖީން-ޕިއާ ސުކިލާރީ ވިދާޅުވި ގޮތުގައި، މި ހަމަލާއަކީ ފްރާންސްގެ އެހެން ސަރަހައްދުތަކުގައި ކުރިއަށްދާ ސުކޫލު ކުދިންގެ މުޒާހަރާތަކާ އެއްވެސް ގުޅުމެއް ހުރި ހާދިސާއެއް ނޫނެވެ.

ހިއްސާ ކުރައްވާ!