ފްރާންސްގައި ދަރިވަރުން ކުރިއަށްގެންދާ އިހުތިޖާޖުތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކޮށް، ނަސްލީ އަދި ދީނީ ގޮތުން އިހާނެތްކޮށް ކަންތައް ކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ ފުލުހުންގެ އަމަލުތައް ހުރިގޮތާމެދު ބައިނަލްއަގުވާމީ މައިދާން ގައި ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.
ފްރާންސްގެ "މީޑިއާޕާޓް" އަދި "ލުނޯވެލް އޮބްސް" ނޫހުން އާންމުކުރި ތަހުގީގީ ރިޕޯޓުތަކެއްގައިވާ ގޮތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން އަނިޔާތަކެއް ވަނީ ދީފައެވެ. މީގެ ތެރޭގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ހައްޔަރުކުރުމުގެ ތެރޭގައި "މިހާރު ﷲ އަކުބަރު' ނުކިޔަނީ ކިއްވެ ހެއްޔޭ" ބުނެ ދީނީ ގޮތުން އިހާނެތްކޮށް ވާހަކަދެއްކި ހާދިސާއެއް ވަނީ ފާހަގަކޮށްފައެވެ.
އަދި އުމުރުން 17 އަހަރުގެ ކުއްޖަކާ ދިމާއަށް "ނުތާހިރު ކަޅު މީހާ" އޭ ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް، ބިންމައްޗަށް ވައްޓާލައި ކަންފަތް މަތީގައި ކަކުލުން ފިއްތައިގެން އަނިޔާކުރި ކަމުގެ މެޑިކަލް ރިޕޯޓުތައް ވެސް ވަނީ ހާމަވެފައެވެ.
މި އިހުތިޖާޖުތަކަކީ ސްކޫލްތަކުގެ އިމާރާތްތައް ވީރާނާވުމާއި، ކްލާސްރޫމްތައް ތޮތްޖެހުމާއި އަދި މުދައްރިސުން މަދުވުމުގެ މައްސަލައިގައި ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންގެ އާއިލާތަކުން ސެޕްޓެމްބަރު 17 އިންެ ފެށިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
ފްރާންސްގެ ޖަސްޓިސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިހުތިޖާޖުތަކާ ގުޅިގެން 6,877 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އޭގެ ތެރެއިން %86 އަކީ ކުޑަކުދިންނެވެ. ނަމަވެސް، މީގެ ތެރެއިން ގާނޫނީ ދައުވާ އުފުލާފައިވަނީ އެންމެ 2,376 މައްސަލައެއްގައެވެ.
ގާނޫނީ ވަކީލުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޑިޕްލޮމެޓުން ބުނާ ގޮތުގައި، ފުލުހުންގެ ބަންދުގައި ކުދިން ބޭތިއްބުމުގެ މައިގަނޑު މަގުސަދަކީ އެ ކުދިން ބިރުގަންނަވައި، އިހުތިޖާޖުކުރުމުގެ ހައްގުން މަހްރޫމްކުރުމެވެ.
ވަކީލު ޕިއޭ ބްރޫނިސޯ ވިދާޅުވީ، ކުޑަކުދިންގެ ކަރާމާތް ނަގާލައި، އަބުރަށް ހުތުރުވާ ގޮތަށް ކަންތައް ކުރުމުގެ ނިޔަތް ފުލުހުންގެ އަމަލުތަކުން ފެންނަ ކަމަށެވެ. އަދި ޖަލުތަކުގެ ތެރޭގައި ތޮއްޖެހުމާއި، ބަނޑަށް ޖެއްސުމާއި ސާފުތާހިރުކަމުގެ ވަސީލަތްތައް ނެތުމުގެ ކަންބޮޑުވުން ވެސް ވަކީލުން ވަނީ ހިއްސާކޮށްފައެވެ.
މި މައްސަލައިގައި ފްރާންސްގެ އިންޓާނަލް އެފެއާޒް އިންސްޕެކްޓްރޭޓް (އައިޖީޕީއެން) އިން ދަނީ 24 މައްސަލައެއް ޚާއްސަ ގޮތެއްގައި ތަހުގީގު ކުރަމުންނެވެ. ފްރާންސްގެ ޖަސްޓިސް މިނިސްޓަރު ޖެރާލްޑް ދަރްމަނާން ވަނީ ޕްރޮސެކިއުޓަރުންނާ ބައްދަލުކުރައްވައި، ގާނޫނީ އިޖުރާއަތްތައް ހަރުކަށި ކުރި، ނަމަވެސް "އިންތިހާއަށް ބޮޑުވެގެން ނުދާނެ ގޮތަކަށް" ފިޔަވަޅުތައް އަޅަން އަންގަވާފައެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް ވަނީ ފްރާންސްގެ ފުލުހުންގެ އަނިޔާވެރިކަމާމެދު ކަންބޮޑުވުން ފާޅުކޮށް، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަށް ގޮވާލާފައެވެ.




