އިންޑިއާ ކަނޑުގެ ސަރަހައްދަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި، މި ސަރަހައްދުގެ ގައުމުތަކާ ގާތުން މަސައްކަތްކޮށް ގުޅިފައިވާ ގާބިލުކަން އިތުރުކުރުމަށް އިންޑިއާއިން އަބަދުވެސް ދެމިއޮންނާނެ ކަމަށް އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލް ވިދާޅުވެއްޖެއެވެ.
މާލޭގައި ބޭއްވި އަށްވަނަ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގައި ބުދަ ދުވަހު ތަގުރީރު ކުރައްވަމުން ދޯވަލް ވަނީ ސަރަހައްދަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތައް ފާހަގަކުރައްވައި، އެ ކަންކަމަށް ހައްލު ހޯދުމަށް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ.
އިންޑިއާ ކަނޑުގެ ގައުމުތައް ހިމެނޭ މި އިއްތިހާދުގައި އިންޑިއާ، ދިވެހިރާއްޖެ، ސްރީލަންކާ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސް ބައިވެރިވެއެވެ. މި ޖަމާއަތުން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން ސަރަހައްދީ ސަލާމަތީ އެއްބާރުލުން ދިނުމަށެވެ.
ދޯވަލް ވިދާޅުވި ގޮތުގައި، ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވަކީ އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި، ގްލޯބަލް ސައުތުގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މާޗް މަހު މޮރިޝަސްގައި އިއުލާންކުރެއްވި "މަހާސާގަރު" ތަސައްވުރު އެއްތަންކޮށްދޭ މުހިންމު މަންސައެކެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި މަސްލަހަތު ހިމާޔަތްކުރުމުގައި ސީއެސްސީއަކީ ނަތީޖާ ނެރެދޭނެ ހަރުދަނާ ވަސީލަތަކަށް ވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސްރީލަންކާ އާއި ދިވެހިރާއްޖެ އަދި އެހެނިހެން ގައުމުތަކާއެކު އިންޑިއާއިން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، މި އެއްބާރުލުން އިތުރަށް ފުޅާވެގެންދާތަން ދެކެން ބޭނުންވާ ކަމަށް ދޯވަލް ވިދާޅުވިއެވެ. އަދި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް އުފެއްދުމުގައި އިސްނަގައިގެން މަސައްކަތްކުރި ގައުމެއްގެ ހައިސިއްޔަތުން، ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އިންޑިއާއިން އެންމެ ފުރިހަމައަށް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
2020 ވަނަ އަހަރު އިންޑިއާ، ސްރީލަންކާ އަދި ދިވެހިރާއްޖެ ގުޅިގެން އުފެއްދި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މަސައްކަތްތައް ބިނާވެފައިވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުން، އިންސާނީ ވަގުފާރިއާއި ސައިބާ ސެކިއުރިޓީ، މުހިންމު އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުން، އަދި އިންސާނީ އެހީތެރިކަމާއި ކާރިސާތަކުން އަރައިގަތުމަށް އެހީތެރިވުން ހިމެނެއެވެ.





