އުޖޫރަ ބޮޑުކުރުމަށް ގޮވާލައި ބަންގްލަދޭޝްގެ ފޭރާން އުފައްދާ މަސައްކަތްތެރިން ހަފްތާތަކެއް ވަންދެން ކުރިއަށްގެންދިޔަ ހަމަނުޖެހުން ބޮޑު މުޒާހަރާތަކަށްފަހު، އެ މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ 36 އިންސައްތަ ބޮޑުކޮށްދިނުމަށް ބުދަ ދުވަހު ނިންމައިފިއެވެ.
ޗައިނާއަށްފަހު ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން އަންނައުނު އެކްސްޕޯޓްކުރާ ބަންގްލަދޭޝްގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މަސައްކަތްތެރިން ދިޔައީ މުސާރަ ބޮޑުކުރުމަށް ގޮވާލައި ފުޅާ ދާއިރާއެއްގައި މުޒާހަރާ ކުރަމުންނެވެ. ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ވަޒީފާ އަދާކުރާ މި ސިނާއަތަކީ ބަންގްލަދޭޝްގެ އިގްތިސާދުގެ މައިނާރެވެ. އެގޮތުން އެ ގައުމުގެ އެކްސްޕޯޓް އާމްދަނީގެ ފަސްބައިކުޅަ ހަތަރުބައި ހިއްސާކުރަނީ ގާމެންޓް ސިނާއަތުންނެވެ.
ފެކްޓަރީތަކުގެ ވެރިންނާއެކު ކުރިއަށް ގެންދިޔަ ދިގު މަޝްވަރާތަކަށްފަހު އެއްބަސްވުމަކަށް އާދެވުމާއެކު، މަސައްކަތްތެރިންގެ މަންދޫބުން ވަނީ އެނބުރި ފެކްޓަރީތަކަށް މަސައްކަތަށް ނުކުތުމަށް އިލްތިމާސްކޮށްފައެވެ. މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކުލަވާލި ވޭޖް ބޯޑުގައި މަސައްކަތްތެރިން ތަމްސީލުކުރާ ބާބުލް އަޚްތަރު ނޫސްވެރިންނަށް ވިދާޅުވީ، މި ނިންމުމާމެދު މުޅިން ހިތްހަމަނުޖެހުނު ނަމަވެސް، މިއީ އެއްކޮށް ގޯސް ނަތީޖާއެއް ނޫން ކަމަށެވެ. ކުރިން ކޮންމެ ފަސް އަހަރަކުން މުސާރަ މުރާޖައާ ކުރި ނަމަވެސް، މިފަހަރު ތިން އަހަރުގެ ތެރޭގައި މުސާރައަށް ބަދަލު އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސައްކަތްތެރިން ފުރަތަމަ ޑިމާންޑް ކުރަމުން ދިޔައީ މަހަކު 12،500 ޓާކާއިން 30،000 ޓާކާއަށް (240 ޑޮލަރަށް) އެންމެ ކުޑަ އުޖޫރަ ބޮޑުކުރުމަށެވެ. އެމީހުން ބުނާ ގޮތުގައި ކާބޯތަކެއްޗާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރު އަދި ސިއްހީ ޚިދުމަތްތަކުގެ އަގު އުފުލިފައިވާ މިންވަރާ އަޅާބަލާއިރު، ލިބޭ އުޖޫރައިން ދެކޮޅެއް ނުޖެހެއެވެ. ނަމަވެސް ވޭޖް ބޯޑުގެ ޗެއާމަން ފަނޑިޔާރު ސައީދު އާޒާދު ސުބުހާނީ ވިދާޅުވީ، ބުދަ ދުވަހު ހެނދުނު ނެގި ވޯޓުގައި ބޯޑުގެ އަޣުލަބިއްޔަތުން ފާސްވީ އެންމެ ކުޑަ އުޖޫރައަކީ 17،000 ޓާކާ ކަމަށް ކަނޑައެޅުމަށް ކަމަށެވެ. މި އާ އުޖޫރައަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުއެވެ.
ބަންގްލަދޭޝް ގާމެންޓް މެނުފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (ބީޖީއެމްއީއޭ) އިން އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި، ކްރިސްމަސް ސީޒަނާ ދިމާކޮށް ކުރި މި މުޒާހަރާތަކުގެ ސަބަބުން ސިނާއަތަށް ގާތްގަނޑަކަށް 428 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ. އަދި 254 މިލިއަން ޑޮލަރުގެ އޯޑަރުތައް އެހެން ގައުމުތަކަށް ބަދަލުވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.
އަހަރަކު ގާތްގަނޑަކަށް 38 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ ބަންގްލަދޭޝްގެ ގާމެންޓް ސިނާއަތުން، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ލީވައި ސްޓްރައުސް އާއި ފުރުޓް އޮފް ދަ ލޫމް ފަދަ ކުންފުނިތަކަށް އަންނައުނު އުފައްދައިދެއެވެ. އަދި 4،000 އެއްހާ ފެކްޓަރީން ދުނިޔޭގެ 150 އަށްވުރެ ގިނަ ގައުމަށް މުދާ ސަޕްލައި ކުރާއިރު، އެންމެ ބޮޑު މާކެޓަކީ އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންއެވެ.
1971 ވަނަ އަހަރު ޕާކިސްތާނުން މިނިވަންވިއިރު ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނުނު ބަންގްލަދޭޝް، ދުނިޔޭގެ މުހިންމު އުފެއްދުންތެރި މަރުކަޒަކަށް ބަދަލުވީ ގާމެންޓް ސިނާއަތުގެ ސަބަބުންނެވެ. ނަމަވެސް، 2013 ވަނަ އަހަރު ރާނާ ޕްލާޒާ ފެކްޓަރީ ވެއްޓި 1،100 އަށްވުރެ ގިނަ މީހުން މަރުވި ހާދިސާއަށްފަހު ވެސް، އެ ގައުމުގެ މަސައްކަތްތެރިންނަށް ލިބޭ ކުޑަ އުޖޫރައާއި ރައްކާތެރިކަމާ މެދު ދަނީ އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.




