ހަސީނާ ގައުމަށް ގެންނަން ޖެހޭނީ ބިޑި އަޅުވައިގެން ޓެރަރިސްޓެއްގެ ގޮތުގައި

ބަންގްލާދޭޝްއަށް އެނބުރި ވަޑައިގަތުމަށް ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ ހުށަހަޅުއްވާ ޚިޔާލަކީ ހަޤީޤަތާ ޚިލާފު ކަމެއް ކަމަށާއި، އޭނާ އެނބުރި ގެނެވޭނީ "ޓެރަރިސްޓެއްގެ" ގޮތުގައި "ބިޑި އަޅުވައިގެން" ހަވާލުކުރުމުގެ އުސޫލުން ކަމަށް ބަންގްލާދޭޝް ސަރުކާރުން ބުނެފިއެވެ.

ދަރިވަރުން އިސްވެ ތިބެގެން ހިންގި މުޒާހަރާތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އަމުރުކުރެއްވި ކަމަށް ބުނެ، މިދިޔަ އަހަރު ބަންގްލާދޭޝްގެ ކޯޓަކުން ޙަސީނާގެ ޣައިރު ހާޒިރުގައި މަރުގެ ޙުކުމް އިއްވާފައިވެއެވެ. އަދި، އިންޑިއާއިން އޭނާ ހަވާލުކުރުމުގެ އުސޫލުން ނޫން ގޮތަކަށް އެނބުރި ގައުމަށް ވަޑައިނުގެންނެވޭނެ ކަމަށް ބަނގްލަދޭޝް ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ.

މީޑިއާއާ ވާހަކަދައްކަވަމުން ބަންގްލާދޭޝްގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރު ވިދާޅުވީ، ޓެރަރިޒަމްގެ ތުހުމަތުތައް ޙަސީނާގެ މައްޗަށް ސާބިތު ވެފައިވާތީ އޭނާއަކީ ޓެރަރިސްޓެއް ކަމަށެވެ.

ހަސީނާ ވަނީ ވިކްޓްރީ ޑޭ ކަމަށްވާ ޑިސެމްބަރު 16 ވަނަ ދުވަހު ބަނގްލަދޭޝަށް ވަޑައިގަންނަވާނެ ކަމަށް އިއުލން ކުރައްވާފައެވެ.

ހުމާޔޫން ކަބީރުގެ މި ބަޔާންތަކަކީ ޢުމުރުން 79 އަހަރުގެ ޙަސީނާ އެނބުރި ވަޑައިގަންނަވާނެ ވަކި ތާރީޚެއް އިޢުލާނުކުރެއްވުމަށް ފަހު، ތާރިޤު ރަޙްމާން ގެ ސަރުކާރުން މިކަމަށް ދިން ފުރަތަމަ ރައްދެވެ. ޙަސީނާގެ އަވާމީ ލީގު ޕާޓީ މަނާކޮށްފައިވާއިރު، މި މަހުގެ ކުރީކޮޅު އާ ޕާސްޕޯޓަކާއި އެހެނިހެން ލިޔެކިޔުންތަކަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އެއަށްފަހު ބަނގްލަދޭޝްގައި ހަމަނުޖެހުންތައް އިތުރުވެފައި ވެއެވެ.

ހަސީނާ ވަނީ ޤައުމީ އެއާލައިން ބިމާން ބަންގްލާދޭޝް އެއާލައިންސް މެދުވެރިކޮށް އެނބުރި ވަޑައިގަތުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް ބަންގްލާދޭޝް ސަރުކާރަށް އިލްތިމާސްކުރައްވާފައެވެ.

ޙަސީނާގެ ވާހަކައަށް ރައްދު ދެމުން ކަބީރު ވިދާޅުވީ، "ހަސީނާއަކީ ޢާންމު ކޮމާޝަލް ޕަސިންޖަރެއް ނޫން. އޭނާ ގެނެވޭނީ ބިޑި އަޅުވައިގެން ނުވަތަ ހަރުކަށި ފާރަވެރިކަމުގެ ދަށުން" ކަމަށެވެ.

ޙަސީނާގެ މައްޗަށް މަރުގެ ޙުކުމް އިއްވި ބަންގްލާދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްގެ ޗީފް ޕްރޮސިކިއުޓަރު އަމީނުލް އިސްލާމް ވިދާޅުވީ، ކުށް ސާބިތުވެ ފިލައިގެން އުޅޭ މީހަކު، ސަރުކާރުން އޭނާ އެނބުރި ގެނައުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އުންމީދުކުރުމަކީ ބުއްދިއަށް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަރުކާރުން ބުނެފައި ވަނީ އެނބުރި ވަޑައިގަތުމުން ޙަސީނާ ހައްޔަރުކޮށް ޖަލަށް ލާނެ ކަމަށެވެ. އަދި އޭނާ ގެނައުމަށް މަތިންދާބޯޓެއް ފޮނުވުމާ ގުޅޭގޮތުން އިންޑިއާއާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ބަންގްލާދޭޝްގެ ވަޒީރަކު އާދީއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!