ހަމަނުޖެހުން އިތުރުވުމުން ބޮޑުވަޒީރާ މަޝްވަރާކުރެއްވުމަށް އިދިކޮޅު ލީޑަރު ޤައުމަށް އެނބުރި ވަޑައިގަންނަވަނީ

ބޮޑުވަޒީރު ތާރިޤު ރަޙްމާނާ މަޝްވަރާކުރެއްވުމަށް ބަނގްލަދޭޝްގެ، ޖަމާޢަތޭ އިސްލާމީގެ އަމީރު އަދި އިދިކޮޅު ލީޑަރު ޝަފީޤުއްރަޙްމާން، އޮސްޓްރޭލިއާ އާއި މެލޭޝިއާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކޮށްލައްވައި ބަންގްލާދޭޝްއަށް އެނބުރި ވަޑައިގަންނަވަން ނިންމަވައިފިއެވެ. ނޮވެމްބަރު 26 ވަނަ ދުވަހު ޤައުމަށް އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ނަމަވެސް، އޮސްޓްރޭލިއާގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މެލޭޝިއާގައި އޮތް ޕްރޮގްރާމް ކެންސަލްކުރައްވައި، މިއަދު މެންދުރުފަހު އޭނާ ވަނީ ބަންގްލާދޭޝްއަށް ފުރާވަޑައިގެންފައެވެ.

މި މަޝްވަރާތަކަކީ ބަނގްލަދޭޝްގައި ބޮމުގެ ހަމަލާތަކާއި، އުޅަނދުތަކާއި ތަންތަނުގައި ރޯކުރުމުގެ ހާދިސާތަކުގެ އިތުރުން އެހެނިހެން ހަމަނުޖެހުންތައް ހިނގުމާ ގުޅިގެން ސިޔާސީ އެއްބާރުލުމަށް އަލުން ގޮވާލުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ބާއްވަން އުޅޭ މަޝްވަރާތަކެކެވެ. އަވާމީ ލީގުގެ ހަރަކާތްތައް އަދިވެސް މަނާކޮށްފައިވާއިރު، މިހާރު އުފެދިފައިވާ ހަމަނުޖެހުމުގެ ހާދިސާތަކުގެ ޒިންމާ ފުލުހުން ވަނީ އެ ޕާޓީ އާއި އެ ޕާޓީއާ ގުޅުންހުރި ޖަމްޢިއްޔާތަކުގެ އެކްޓިވިސްޓުންގެ ބޮލުގައި އަޅުވާފައެވެ.

ނޮވެމްބަރު 18 ވަނަ ދުވަހު ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ތާރިޤު ރަޙްމާން ވަނީ އަވާމީ ލީގަކީ "ޓެރަރިސްޓް ޖަމާޢަތެއް" ގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، އެ ޖަމާޢަތާ ދެކޮޅަށް ނުކުތުމަށް އެއް ޕްލެޓްފޯމެއްގައި އެއްބައިވުމަށް އެންޓި ފާސިސްޓް ސިޔާސީ ޕާޓީތަކަށް އޭނާ ވަނީ ގޮވާލައްވާފައެވެ. ހަމަ އެ ދުވަހު ޝަފީޤުއްރަޙްމާން ވެސް ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްބައިވަންތަކަން ބޭނުންވާ މިންވަރު ފާހަގަކުރައްވާފައެވެ. އަދި ބޮޑުވަޒީރާއި އިދިކޮޅު ލީޑަރު ޤާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ޚާއްސަ މަޝްވަރާތަކެއްވެސް ބާއްވަވާފައިވެއެވެ.

މީގެ އިތުރުން، ޖަމާޢަތުގެ ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ ނޭޝަނަލް ސިޓިޒަން ޕާޓީ (އެންސީޕީ) ގެ ހަތަރު މެންބަރުންގެ ވަފުދަކުން އިއްޔެ ބަނގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައިވެއެވެ.

ޝަފީޤުއްރަޙްމާން އޮސްޓްރޭލިއާ އާއި މެލޭޝިއާއަށް ފުރާވަޑައިގަތީ ނޮވެމްބަރު 19 ވަނަ ދުވަހުގެ ރޭ ގައެވެ. ނޮވެމްބަރު 20 ވަނަ ދުވަހުގެ ރޭ ސިޑްނީއަށް ވަޑައިގެންނެވުމަށް ފަހު، ނޮވެމްބަރު 21 އިން 23 އަށް ސިޑްނީ އަދި ކެންބެރާގައި ބަންގްލާދޭޝްގެ ރައްޔިތުން އިންތިޒާމުކުރި އެކި ރިސެޕްޝަންތަކާއި، މަޝްވަރާ ބައްދަލުވުންތަކާއި، ޚިޔާލު ބަދަލުކުރުމުގެ ޕްރޮގްރާމްތަކުގައި އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ހިއްސާ ކުރައްވާ!