އަވަހާރަވެފައިވާ ކެތޮލިކް ފައްޅީގެ އެންމެ އިސް ވެރިޔާ، ޕޯޕް ފްރާންސިސް (1936–2025) ގެ ޒާތީ ޑައިރީތަކުން، އޭނާގެ ނަފްސާނީ ބިރުވެރިކަމާއި، ވަސްވާސްތަކާއި ވަހުމުތައް، އަދި އާދަޔާ ހިލާފު ތަޖުރިބާތަކެއްގެ ސިއްރުތައް ހާމަވެއްޖެއެވެ. ވެޓިކަންގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ ކާޑިނަލް ވިކްޓާ މެނުއަލް ފެނާންޑޭޒް އެކުލަވާލައި ޝާއިއުކުރި "ދަ ޕްރައިވެޓް ޑައިރީސް އޮފް ޕޯޕް ފްރާންސިސް" ފޮތުގައި، ފާދިރީ ފްރާންސިސްއަށް ޝައިތާނާ ފެނުނު ކަމަށް އޭނާއަށް ކިޔައދީފައިވާ ހާދިސާތަކާއި ނަރަކައިގެ ދޮރުތައް ފެނުނުކަމަށް ބުނާ ވާހަކަތައް ހިމަނާފައިވެއެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފާދިރީ ފްރާންސިސް ނުވަތަ އާޖެންޓީނާއަށް އުފަން ރަސްމީ ނަމުން ނަމަ ހޯހޭ މާރިއޯ ބާގޯލިއޯ އޭނާގެ ޑައިރީ ލިޔަން ފެއްޓެވީ 1992 ވަނަ އަހަރުގެ ފަހުކޮޅު ބުއެނޯސް އައިރެސްގައި ފާދިރީއެއްގެ އެހީތެރިއެއްގެ ގޮތުގައި ހުންނެވިއިރުއެވެ. އަދި އޭނާ މަހާ ފާދިރީގެ މަގާމުގައި ހުންނެވި ދުވަސްވަރުން ފެށިގެން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޑައިރީ ލިޔުއްވާފައިވެއެވެ.
މި ޑައިރީގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ، ޝައިތާނާ އޭނާއަށް އެސޮރުގެ އަސްލު ސިފައިގައި 3 ފަހަރަށް ފެނުނު ކަމަށް ބުނާ ތިން ހާދިސާއެކެވެ. މީގެ ތެރެއިން ދެ ހާދިސާއެއް ހިނގާފައިވަނީ އާޖެންޓީނާގައި އުޅުނު ދުވަސްވަރުއެވެ. އަދި ތިންވަނަ ހާދިސާ ހިނގާފައިވަނީ 2018 ވަނަ އަހަރު ޗިލީއަށް ކުރެއްވި ދަތުރަކަށްފަހު އެނބުރި ވަޑައިގެންނެވި ތަނާއެވެ. ޝައިތާގެ ސައްލާ ސިފަކުރައްވަމުން އޭނާ ލިޔުއްވާފައިވަނީ، އަލިފާން ފަދަ ދެ ލޮލާއި، ކުރަކި އަޑަކުން "އަހަރެން ބޭނުންވި ހުރިހާ ކަމެއް މިހާރު ހާސިލްވެއްޖެ" ކަމަށް ޝައިތާނާ އޭނާއަށް މުޚާތަބު ކޮށް ބުނި ވާހަކައެވެ!
މީގެ އިތުރުން، 2018 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ލިޔުއްވާފައިވާ ނޯޓެއްގައި، ނަރަކައިގެ ދޮރުތައް ފެނުނު ކަމަށް ވެސް ފާދިރީ ފްރާންސިސް ލިޔުއްވާފައިވެއެވެ. "އަހަންނަށް ނަރަކައަށް ވަންނަ ދޮރު ފެނުނު. އެތެރެއަށް ބަލާލުމާއެކު އިންތިހާއަށް ބިރުގަތް. އެއީ ނިދަން އޮށޯތުމުގެ ކުރިން،" އޭނާ ލިޔުއްވާފައިވެއެވެ.
ޑައިރީގެ ލިޔުންތަކުން އެނގޭ ގޮތުގައި 2021 އާއި 2022 ވަނަ އަހަރާ ދެމެދު ޕޯޕް ފްރާންސިސް ވަނީ ވަރަށް ބޮޑު ނަފްސާނީ ނުތަނަވަސްކަމަކާ ކުރިމަތިލައްވާފައެވެ.
އޭނާގެ މަގާމުގެ ސަބަބުން އެހެން މީހުން އޭނާގެ ބުދު ހަދައިގެން އަޅުކަން ކުރަން ބޭނުން ކޮށްފާނެތީ އޭނާ ވަރަށް ބޮޑަށް ބިރުގަތެވެ. އެކަމާ ގުޅިގެން ނަސާރާ ފައްޅި ވެޓިކަންގެ ބައެއް އޮފިޝަލުން އޭނާއަށް ފާޑު ކިޔާފައި ވެއެވެ.
2022 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އަމިއްލަ ނަފްސަށް ފާޑުވިދާޅުވެ އޭނާ ލިޔުއްވާފައިވަނީ، "ބޮޑާ، އަމިއްލަ ނަފްސަށް ފުދިގެން އުޅޭ، މަލާމާތްކުރާ އަދި އަމިއްލަ ނަފްސަށް އޮޅުވާލާ ހޯހޭ" ގެ ގޮތުގައެވެ. ހޯހޭ އަކީ އޭނާގެ އަސްލު ނަމެވެ.
މި ޑައިރީތަކުން ހާމަވަނީ، ނަސާރާއިންގެ އެންމެ އިސްފާދިރީގެ ނަފްސާނީ ހާލަތަކާއި އޭނާ އަމިއްލަ ނަފްސާއެކު ކުރަމުން ދިޔަ ހަނގުރާމައެވެ!





