ބައިނަލްއަޤްވާމީ ގޮތުން އެކަހެރިވުމުގެ ނުރައްކާ އިސްރާއީލަށް ކުރިމަތިވެއްޖެ: ކުޝްނާ

އިސްރާއީލުން މިހާރު ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި އެކަހެރިވެ، ބައިނަލްއަޤްވާމީ ގޮތުން އެކަހެރި ގައުމަކަށް ވުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވާ ޖެރާޑް ކުޝްނާ، ދެއްވައިފިއެވެ. ނިއު ޔޯކް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ކުޝްނާ ވިދާޅުވީ، އިސްރާއީލުގެ ސަލާމަތްތެރިކަން ވަރުގަދަކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ފުޅާކުރުމާއި، ނުވަތަ އިތުރަށް އެކަހެރިވުމުގެ މަގުން ކުރިއަށް ދިއުމުގެ ދެމަގު އިސްރާއީލުގެ ކުރިމަތީގައި އެބައޮތް ކަމަށެވެ.

ކުޝްނާގެ މި އިންޒާރު އައިސްފައިވަނީ ޣައްޒާ އަލުން އާރާސްތުކުރުމަށް އެމެރިކާގެ ތާއީދާއެކު އެކުލަވާލާފައިވާ ޕްލޭން ކުރިއަށް ގެންދިއުމަށް ނަތަންޔާހޫ ދެކޮޅު ހަދަމުންދާތީ ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ދިން ފަލަސްޠީނުގެ މިނިވަންކަމުގެ އަގްސާ ޠޫފާން ހަމަލާތަކަށް ފަހު އިސްރާއީލަށް ޖެނޮސައިޑް ހިންގަން ފުރުސަތު ލިބުނު ނަމަވެސް، މިހާރު ހިނގަމުންދާ މިސްރާބުން ގޮސްފިނަމަ ދުނިޔޭގެ ފެންވަރުގައި އެކަހެރިވުމުގެ ހާލަތަކަށް ވެއްޓިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ޔަހޫދީ އިބްރާހީމީ މުއާހަދާތަކުގައި މުހިންމު ދައުރެއް އަދާކުރެއްވި ކުޝްނާ މިހާރު ހުންނެވީ ޣައްޒާ އާރާސްތުކުރުމާއި ހަނގުރާމައަށް ފަހު ޣައްޒާގެ ވެރިކަމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ބަލަހައްޓާ "ބޯޑް އޮފް ޕީސް" ގެ އެގްޒެކެޓިވް ބޯޑުގައެވެ. ނަމަވެސް، ހަމާސްއިން މިނިވަން ކަމަށް މަސައްކަތް ކުރުމުގެ ވިސްނުން ދޫކޮށްލުމާއި، އިސްރާއީލުގެ ސިފައިން ފޭބުމާއި، ފަލަސްތީނުގެ ވެރިކަމުގެ އާ އިދާރާއެއް އުފެއްދުމާ ގުޅޭ ޚިލާފުތަކުގެ ސަބަބުން އެ މަޝްރޫއު ވަނީ ހުއްޓިފައެވެ.

މިދިޔަ ޖުލައި މަހު ހަމާސްއިން ވަނީ އިސްރާއީލުގެ ސިފައިން ފޭބުމާއެކު މަޑުމަޑުން ހަތިޔާރު ބެހެއްޓުމުގެ އޮނިގަނޑަކަށް އެއްބަސްވެފައެވެ. އެހެންނަމަވެސް، އިސްރާއީލުގެ ސިފައިން ފޭބުމުގެ ކުރިން ހަމާސްއިން އެއްކޮށް ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށް ނަތަންޔާހޫ ދަނީ ޝަރުތުކުރަމުންނެވެ. ޣައްޒާ އާރާސްތުކުރުމުގެ ޕްލޭންގެ ދެވަނަ މަރުހަލާއަށް ދިއުމަށް ބާރުއެޅުއްވުމަށް ކުޝްނާ މިދިޔަ އޮގަސްޓް މަހު ޔަޙުދީ ގައުމަށް ވަޑައިގެންނެވި ނަމަވެސް، ހަތިޔާރު ބެހެއްޓުމާ ގުޅޭ އިތުރު ޔަގީންކަން ނެތި ކުރިއަށް ވަޑައިގަތުމަށް ނަތަންޔާހޫ ދެކޮޅު ހެއްޖެވެ.

މީގެ އިތުރުން، އދ ގެ ސަލާމަތީ މަޖިލީހަށް މިދިޔަ ހަފުތާގައި ހުށަހެޅި ބޯޑް އޮފް ޕީސްގެ ރިޕޯޓުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ވެފައިވާ ވައުދުތައް ފުއްދުމުގައި އިސްރާއީލާއި ހަމާސް އިން ވެސް ފޭލިވެފައިވާ ކަމަށް ބުނެފައިވެއެވެ. ޣައްޒާގެ ހަނގުރާމަ ނިންމައި، އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް އެމެރިކާއިން މެދުވެރިއެއްގެ ބައި އަދާ ކުރުމާ މެދު ނަތަންޔާހޫ ކުރިން ޝައްކު ކުރި ކަން ފާހަގަކުރައްވައި ކުޝްނާ ވިދާޅުވީ، "އޭނާ ހީކުރީ އަހަރެމެންނަށް އެކަން ނުކުރެވޭނެ ކަމަށް" ކަމަށެވެ. އިސްރާއީލުގެ އިޢުތިރާޒުތައް އޮތް ނަމަވެސް، ކުޝްނާ އާއި ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވަނީ މިޞްރުގައި ހަމާސްގެ މަންދޫބުންނާ ސީދާ މަޝްވަރާތައް ބާއްވައި، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްބަސްވުމަށް މަގުފަހިކޮށްދެއްވާފައެވެ.

ހިއްސާ ކުރައްވާ!