އެމެރިކާގައި ހިމަބިހި ޖެހިގެން މަރުވި މީހުންގެ ޢަދަދު 12 އަށް އަރައިފި

ފަސޭހައިން ފެތުރޭ ނުރައްކާތެރި ވައިރަހެއް ކަމަށްވާ ހިމަބިހި ޖެހިގެން 2026 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ވާޖީނިއާ ސްޓޭޓުން ފުރަތަމަ ކުއްޖަކު މަރުވެއްޖެއެވެ. އަދި މުޅި އެމެރިކާއިން މި ބަލީގައި މަރުވި މީހުންގެ ޢަދަދު 12 އަށް އަރައިފިއެވެ.

ހުކުރު ދުވަހު ވާޖީނިއާ ޑިޕާޓްމަންޓް އޮފް ހެލްތުން މި މަރު ކަށަވަރުކޮށްދީފައިވާއިރު، މަރުވި ކުއްޖާގެ ޢުމުރަކީ ހަތަރު އަހަރާ ދެމެދުގެ ޢުމުރެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ވާޖީނިއާ ޑިޕާޓްމަންޓް އޮފް ހެލްތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، "ވާޖީނިއާގެ ބައެއް ސަރަޙައްދުތަކުގައި ފަހަކަށް އައިސް ހިމަބިހީގެ އަސަރު ވަނީ އިތުރުވެފައި" ކަމަށެވެ. އަދި މި ބަލިން އަމިއްލަ ނަފްސާއި މުޖުތަމަޢު ރައްކާތެރިކޮށް، އިތުރު މަރުތައް މެދުވެރިވިޔަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ޑިޕާޓްމަންޓުން ވަނީ އިލްތިމާސްކޮށްފައެވެ.

މި މަރު ރިޕޯޓުކޮށްފައި މިވަނީ، އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހިމަބިހީގެ ހާލތު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އޭބީސީ ނިއުސްއިން ބުނާ ގޮތުގައި، މިއަހަރުގެ ތެރޭގައި އެމެރިކާގައި ހިމަބިހި ޖެހިގެން މީހުން މަރުވި އެހެން ހާދިސާތައް ނިއު ޔޯކް، ޕެންސިލްވޭނިއާ އަދި ވިސްކޮންސިންއިންވެސް ވަނީ ފާހަގަކުރެވިފައެވެ.

މީގެއިތުރުން، 25 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އެމެރިކާއިން ދަމަހައްޓަމުން އައި ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ދަރަޖަ އެ ޤައުމަށް ގެއްލިފައިވާ ކަމަށް ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަނުން އިޢުލާންކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މި ހާދިސާ ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

2000 ވަނަ އަހަރު އެމެރިކާއިން އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވިފައިވާ ކަމަށް އިޢުލާންކުރީ، ޤައުމުގެ ސަރަޙައްދުގެ ތެރޭގައި މެދުކެނޑުމެއް ނެތި ވައިރަސް ފެތުރުން ހުއްޓިފައިވާ ކަމަށް ބަލައިގެންނެވެ. ނަމަވެސް، ވައިރަހުގެ އެއް ވައްތަރެއް 12 މަސްދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް މެދުކެނޑުމެއް ނެތި ދައުރުވާނަމަ އެ ދަރަޖަ ގެއްލިގެންދެއެވެ.

އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް އެމެރިކާއިން ހިމަބިހި ޖެހިފައިވާ 5,838 ކޭސް ކަށަވަރުކުރެވިފައިވާއިރު، ގާތްގަނޑަކަށް ހުރިހާ ސްޓޭޓަކުންވެސް މި ބަލީގެ ކޭސްތައް ވަނީ ރިޕޯޓުކޮށްފައެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން ގިނައީ 19 އަހަރާއި އެއަށްވުރެ ޅަ ޢުމުރުގެ ކުދިންނާއި ޒުވާނުންނެވެ. އަދި ހިމަބިހި ޖެހޭ ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހެއެވެ.

ސީޑީސީގެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވާ ގޮތުގައި، ރިޕޯޓުކުރެވިފައިވާ ކޭސްތަކުގެ ގާތްގަނޑަކަށް 96 އިންސައްތަ މީހުންނަކީ ވެކްސިން ޖަހާފައިނުވާ މީހުން ނުވަތަ ވެކްސިން ޖެހިތޯ ޔަޤީން ނުވާ މީހުންނެވެ.

ހިމަބިހި، މަމްޕްސް އަދި ރުބެއްލާ (އެމްއެމްއާރު) ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ސީޑީސީން ލަފާދޭއިރު، ފުރަތަމަ ޑޯޒް ދިނުމަށް ލަފާދެނީ 12 މަހާއި 15 މަހާ ދެމެދުގެ ޢުމުރުގައެވެ. އަދި ދެވަނަ ޑޯޒް ދިނުމަށް ލަފާދެނީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ޢުމުރުގައެވެ. އެއް ޑޯޒުން ހިމަބިހިން 93 އިންސައްތަ ރައްކާތެރިކަން ލިބޭއިރު، ދެ ޑޯޒް ފުރިހަމަކުރުމުން 97 އިންސައްތަ ރައްކާތެރިކަން ލިބެއެވެ.

ހިއްސާ ކުރައްވާ!